އީރާނުގެ ބަނދަރުތައް ބަންދުކޮށް، އެމެރިކާގެ ކަނޑުގެ ސިފައިން ދަތުރުފަތުރަށް ހުރަސްއެޅުމަކީ އެ ގައުމުގެ މިނިވަންކަމާއި އިސްތިގުލާލަށް އަރައިގަތުން ކަމަށް ބުނެ އީރާނުން އެކަން ވަރުގަދައަށް އިއްޔެ ކުށްވެރިކޮށްފި އެވެ.
މި އަމަލުގެ ސަބަބުން، މިހާރު ގާއިމުކޮށްފައިވާ ހަނގުރާމަ މެދުކަނޑާލުމުގެ އެއްބަސްވުމަށް ބުރޫއަރައި، މަސްރަހު އިތުރަށް ގޯސްވެދާނެ ކަމުގެ އިންޒާރު ވެސް އީރާނުން ވަނީ ދީފަ އެވެ.
އީރާނުން އދ.އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އާމިރު ސައީދު އިރަވާނީ، އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒްއަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ، މި ބްލޮކޭޑަކީ ބައިނަލްއަގުވާމީ ކަނޑުގެ ގާނޫނުތަކާ ހިލާފު، ގައިރު ގާނޫނީ އަމަލެއް ކަމަށެވެ. އަދި މިއީ ބައިނަލްއަގުވާމީ ސުލްހައާއި ސަލާމަތަށް އޮތް ބޮޑު ނުރައްކަލެއް ކަމަށްވެސް އޭނާ ފާހަގަކުރެއްވި އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަމުރަށް އިއްޔެއިން ފެށިގެން އަމަލުކުރަން ފެށި މި ފިޔަވަޅަކީ، ސުލްހައިގެ ވާހަކަތައް ނާކާމިޔާބުވުމާ ގުޅިގެން އެޅި ފިޔަވަޅެކެވެ. މީގެ ދަށުން އީރާނުގެ ބަނދަރުތަކަށް ވަންނަ އަދި ނުކުންނަ އުޅަނދުފަހަރަށް ހުރަސްއަޅާނެ އެވެ. ވޮޝިންޓަނުން ވަނީ މި ފިޔަވަޅާ ދެކޮޅަށް ހަރަކާތްތެރިވާ އީރާނުގެ ކޮންމެ އަސްކަރީ ބާރެއް ނައްތާލާނެ ކަމަށް ބުނެ އިންޒާރު ދީފަ އެވެ.
މި ފިޔަވަޅުގެ ސަބަބުން، ދެ ހަފުތާގެ މުއްދަތަށް ހަނގުރާމަ މެދުކަނޑާލަން ހެދި ނާޒުކު އެއްބަސްވުމަށް ވަނީ ލޮޅުން އަރާފަ އެވެ. މި މައްސަލައިގައި މެދުވެރިއެއްގެ ދައުރު އަދާކުރާ ޕާކިސްތާނާއި ގަތަރުން ވަނީ ދެ ފަރާތުން ވެސް ކެތްތެރިކަން އިސްކުރުމަށް ގޮވާލާފަ އެވެ.
އދ.ގެ ސެކްރެޓަރީ ޖެނެރަލް ގުޓަރޭޒް ވަނީ ހޮރްމޫޒް ކަނޑުއޮޅިން ދަތުރުފަތުރު ކުރުމުގެ މިނިވަންކަމަށް ހުރިހާ ފަރާތްތަކުން ވެސް އިހުތިރާމް ކުރުމަށް ގޮވާލާފަ އެވެ. ދުނިޔޭގެ ތެލާއި ގޭހުގެ ފަސްބައިކުޅަ އެއްބައި ސަޕްލައި ކުރާ މި މަގަކީ މިހާރު އުފެދިފައިވާ ހަމަނުޖެހުމުގެ މައިގަނޑު މަރުކަޒެވެ.
މީގެ އިތުރުން، އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހުންނަ ސަރަހައްދީ ގައުމުތަކުން، އެމެރިކާގެ މި "ގައިރު ގާނޫނީ" އަމަލުތަކަށް އެހީތެރިވުން ހުއްޓާލުމަށް އީރާނުން ގޮވާލާފައިވެ އެވެ. އަދި މިކަމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ހޯދުމަށް ވެސް އީރާނުން ވަނީ އެދިފަ އެވެ.


