ސަރުކާރުގެ 20 މިނިސްޓްރީގެ މެންޑޭޓަށް ބަދަލު ގެނެސް ޖުމްލަ 15 އަށް މަދުކޮށް، ކެބިނެޓް މިރޭ އަލުން އެކުލަވާލައިފި

ސަރުކާރުގެ 20 މިނިސްޓްރީގެ މެންޑޭޓަށް ބަދަލު ގެނެސް ޖުމްލަ 15 އަށް މަދުކޮށް، ކެބިނެޓް މިރޭ އަލުން އެކުލަވާލައިފި އެވެ.

ކެބިނެޓުގެ 10 މިނިސްޓަރަކު މިއަދު ވަނީ ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވައިފަ އެވެ. އެއީ، ރައީސް އޮފީހުން ބުނި ގޮތުގައި ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގަން ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް ފުރުސަތު ދެއްވުމަށެވެ.

އެ މިނިސްޓަރުންގެ އިސްތިއުފާއާ އެކު، ރައީސް މުއިއްޒު މިރޭ ވަނީ ބައެއް މިނިސްޓްރީތައް އެއްކޮށްލައްވައި އަލުން ކެބިނެޓަށް ވަަޒީރުން އައްޔަންކުރައްވައި، މަގާމުގެ ފަތްކޮޅު އަރުވައިފަ އެވެ. ރައީސް އޮފީހުގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި 12 މިނިސްޓަރަކު މަގާމުގެ ހުވާ ކުރެއްވި އެވެ.

މަގާމުގެ ހުވާ މިރޭ ކުރެއްވި 12 ވަޒީރުން: މިނިސްޓްރީތަކުގެ މެންޑޭޓް ބަދަލުކޮށް، ޖުމްލަ 15 މިނިސްޓްރީއަށް ވަނީ މަދުކޮށްފައި.

އޭގެ ތެރޭގައި މި ސަރުކާރުގެ ކެބިނެޓަށް އަލަށް އައްޔަންކުރެއްވި ހަތަރު މިނިސްޓަރަކު ވެސް ހިމެނިވަޑައިގަންނަވަ އެވެ. އެއީ ހެލްތު މިނިސްޓަރަކަށް ގީލާ އަލީ އާއި ހެރިޓޭޖް މިނިސްޓަރަކަށް ހީނާ ވަލީދާއި އެންވަޔަރަމަންޓް މިނިސްޓަރަކަށް އަލީ ޝަރީފްގެ އިތުރުން ފޮރިން މިނިސްޓަރަަކަށް އިރުތިޝާމް އާދަމެވެ.

ކެބިނެޓުގައި ކުރިން ތިއްބަވަނީ 20 މިނިސްޓަރުންނެވެ. އެކަމަކު މިރޭ މަގާމުގެ ހުވާ ކުރެއްވި 12 މިނިސްޓަރުންނާ އެކު އެޓާނީ ޖެނެރަލް އަހްމަދު އުޝާމް ހިމެނިވަޑައިގެން މިވަގުތު ތިއްބެވީ ޖުމްލަ 13 ވަޒީރުންނެވެ.

އެނގިފައިވާ ގޮތުގައި ފިޝަރީޒް އާއި އެނިމަލް ވެލްފެއާ މިނިސްޓްރީ އެއްކޮށްލައްވަން ރައީސް ވަނީ ނިންމަަވައިފަ އެވެ. އެހެންކަމުން ޑިފެންސް މިނިސްޓަރާ އެކު ކެބިނެޓުގައި ދެން ތިއްބަވާނީ ޖުމްލަ 15 މިނިސްޓަރުންނެވެ. ޑިފެންސް މިނިސްޓަރަކަށް އަދި ބޭފުޅަކު އައްޔަން ނުކުރައްވަ އެވެ.

މިނިސްޓްރީތަކަށް ގެންނެވި ބަދަލުތަކާއި މިރޭ ހުވާކުރެއްވި ވަޒީރުން

  1. ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް މިނިސްޓަރަކަށް މޫސާ ޒަމީރު
  2. ހޯމްލޭންޑް، ސެކިއުރިޓީ ލޭބާ އެންޑް ޓެކްނޮލޮޖީ މިނިސްޓަރަކަށް އަލީ އިހްސާން
  3. ފޮރިން މިނިސްޓަރަކަށް ޑރ. އިރުތިޝާމް އާދަމް
  4. ހެލްތު، ފެމިލީ އެންޑް ވެލްފެއާ މިނިސްޓަރަކަށް ޑރ. ގީލާ އަލީ
  5. އިކޮނޮމިކް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މިނިސްޓަރަކަށް މުހައްމަދު ސައީދު
  6. އިސްލާމިކް އެފެއާޒަށް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
  7. ޓުއަރިޒަމް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރަކަށް މުހައްމަދު އަމީން
  8. އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓަރަކަށް ހީނާ ވަލީދު
  9. އިންފްރާސްޓްރަކްޗާ، އާބަން އެންޑް ހައުސިން ޑިވެލޮޕްމަންޓް މިނިސްޓަރަކަށް ޑރ. އަބްދުﷲ މުއްތަލިބް
  10. ކްލައިމެޓް ޗޭންޖް، އެންވަޔަރަމެންޓް އެންޑް އެނާޖީ މިނިސްޓަރަކަށް އަލީ ޝަރީފް
  11. އެޑިއުކޭޝަން އެންޑް ހަޔާ އެޑިއުކޭޝަން އެންޑް ސްކިލްސް މިނިސްޓަރަކަށް ޑރ. އިސްމާއިލް ޝަފީއު
  12. ޔޫތު، ސްޕޯޓްސް އެމްޕަވާމަންޓް އެންޑް ފިޓްނަސް މިނިސްޓަރަކަށް އަބްދުﷲ ރާފިއު

ކެބިނެޓުގެ 20 މިނިސްޓަރުންގެ ތެރެއިން 10 މިނިސްޓަރަކު މިއަދު އިސްތިއުފާ ދެއްވިއިރު ދައުލަތުގެ ބައެއް ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ބައެއް ބޭފުޅުން މިދިޔަ ހަފުތާއެއްގެ ތެރޭގައި ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. އަދި ބައެއް ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ވަކިކުރެއްވި އެވެ.

މި މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ސަރުކާރަށް ލިބުނު ނާކާމިޔާބީއާ ގުޅިގެން ސަރުކާރުގެ ހިންގުމަށް ގެންނަންޖެހޭ ބަދަލުތައް ގެންނަވާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވައިފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *