އިންކަމް ޓެކްސް ބަޔާން ހުށަނާޅާ 48 ފަރާތެއްގެ ނަން މީރާއިން އާންމުކޮށްފި

ކުންފުނިތަކާއި އަމިއްލަ ފަރުދުން ނޫން ފަރާތްތަކުގެ އިންކަމް ޓެކުހާއި، ފަރުދުންގެ އާމްދަނީން ނެގޭ ޓެކުހުގެ ބަޔާން ހުށަނާޅާ 48 ފަރާތެއްގެ ނަން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާންމުކޮށްފިއެވެ.

މީރާއިން ބުނީ، ޝާއިއުކުރި މި ލިސްޓުގައި ހިމެނެނީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ޓެކްސް ބަޔާން ހުށަނާޅާ ފަރާތްތައް ކަމަށެވެ.

މީގެ ތެރޭގައި ކުންފުނިތަކާއި އެ ނޫންވެސް ވިޔަފާރި ކުރާ ފަރާތްތައް ހިމެނޭކަން އެ އޮތޯރިޓީން ވަނީ ފާހަގަކުރައްވާފައެވެ.

މި ފަރާތްތަކުގެ މައުލޫމާތު ހާމަކުރުމުގެ ކުރިން، އެ ފަރާތްތަކަށް ފޯނުގެ ޒަރިއްޔާއިން ގުޅައި، ޓެކްސް ނުދެއްކުމުން ޤާނޫނީގޮތުން ކުރިމަތިވެދާނެ އަދަބުތަކާއި، އަޅާނެ ފިޔަވަޅުތަކުގެ މައުލޫމާތު ހިއްސާކޮށްފައިވާނެ ކަމަށް މީރާއިން ބުންޏެވެ. މީގެ އިތުރުން، އެސްއެމްއެސް މެދުވެރިކޮށްވެސް އެ ފަރާތްތަކަށް އެކަން އަންގައި ތަކުރާރުކޮށް ހަނދާންކޮށްދީފައިވާނެ ކަމަށް އެ އޮތޯރިޓީން މައުލޫމާތުދެއެވެ.

ސައްވީސް އޮންލައިންގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ޓެކުހާއި އެހެނިހެން ފައިސާ ހޯދުމަށްޓަކައި މީރާގެ އެންފޯސްމެންޓް ޕޮލިސީގެ ދަށުން އަޅަންޖެހޭ އިތުރު ފިޔަވަޅުތައް އެއްވެސް ތަފާތު ކުރުމެއްނެތި އަޅަމުންދާނެ ކަމަށް މީރާއިން ވަނީ ބުނެފައެވެ. އަދި ޓެކްސް ބަޔާން ހުށަނާޅާ ފަރާތްތަކުން ވީ އެންމެ އަވަހަކަށް ބަޔާން ހުށަހަޅައި، ޓެކްސް ފައިސާ ދެއްކުމަށްވެސް އެ އޮތޯރިޓީން ވަނީ އިލްތިމާސްކޮށްފައެވެ.

އެއްފަހަރާ ފައިސާ ދެއްކުމަށް އުޒުރުވެރިވާ ފަރާތްތަކަށް ލުއި ގޮތްތަކެއް ހަމަޖައްސައިދީފައިވާކަން ފާހަގަކުރައްވައި މީރާއިން ބުނީ، އެ އޮތޯރިޓީއާއެކު ވާހަކަ ދައްކައިގެން ޓެކްސް ދެއްކުމުގެ އެއްބަސްވުމަކަށް ނުވަތަ އިންސްޓޯލްމަންޓް ޕްލޭން އަކަށް އައުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *