ލިޓޮން މަރުގެ މައްސަލައިގައި ނިޒާމްގެ މައްޗަށް ކުށް ސާބިތުވެއްޖެ

2022 ވަނަ އަހަރު ތެޔޮ ބޯޓަކުން ގެއްލުނު ބަންގްލަދޭޝްގެ މުހައްމަދު ލިޓޮންގެ މަރުގެ މައްސަލައިގައި ދައުވާކުރި މުހައްމަދު ނިޒާމްގެ މައްޗަށް ކުށް ސާބިތުވާކަމަށް ހުކުމް ކޮށްފި އެވެ.

ލިޓޮންގެ މަރުގެ މައްސަލައި ދައުވާކުރި ނިޒާމް އަކީ އޭނާއާއެކު ތެޔޮ ބޯޓުން ދަތުރުކުރި މީހެކެވެ. މި މައްސަލައިގައި ނިޒާމްގެ މައްޗަށް ތިން ދައުވާއެއް ކޮށްފައިވެ އެވެ.

ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ ވަނީ ނިޒާމްގެ މައްޗަށް ދައުވާތައް ސާބިތުވާ ކަމަށް ކަނޑައަޅުއްވާފަ އެވެ. އެގޮތަށް ކަނޑައަޅުއްވާ މައްސަލަ ބެއްލެވި ގާޒީ ވިދާޅުވީ ލިޓަން ވައްޓާލީ މަރާލުމުގެ ގަސްދުގައި ނޫންކަމަށް ނިޒާމް ހައްޔަރުކުރި ވަގުތު ފުލުހުންގެ ގާތުގައި ބުނެފައިވާ ކަމަށެވެ. އަދި ލިޓޮންއާ މެދު ނިޒާމްގެ އަދާވަތްތެރިކަމެއް އޮތްކަން ސާބިތުވާ ކަމަށެވެ.

ޖަވިޔަނި އޮންލައިންގައިވާ ގޮތުގައި ނިޒާމް ތަހުގީގަށް ދީފައިވާ ބަޔާނުގައި ލިޓޮން ވައްޓާލިކަމަށް އެއްބަސްވެފައިވާއިރު ދެން ހުރި ހެކިތަކުން ތަހުގީގަށް ދީފައިވާ ބަޔާނުގައި ހުރި ވާހަކަތަކާ ދިމާވާކަންވެސް ފާހަގަކޮށްފައިވެ އެވެ.

މި މައްސަލައިގައި އަދަބު ކަނޑައެޅުމުގެ އަޑުއެހުމެއް އެހެން ދުވަހަކުން ބޭއްވުމަށް ވަނީ ނިންމާފަ އެވެ.

ނިޒާމްގެ މައްޗަށް އުފުލާފައިވަނީ ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާ އާއި، ވައްކަން ކުރުމުގެ ކުށުގެ ދަޢުވާއާއި، މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ ދަށުން، ޑައިމޯފިނުން މުޢާމަލާތުކުރުމުގެ ކުށުގެ ދަޢުވާ އެވެ.

މި މައްސަލައިގައި ނިޒާމްގެ މައްޗަށް ދައުވާކުރި ސަބަބުގެ ގޮތުގައި ޕީޖީ އޮފީހުން ބުނެފައިވަނީ، ލިޓޮން މަރާލާފައިވަނީ ލިޓޮންއަށް ނޭނގި ހުއްޓައި، ކ.ގަލުފަޅު ކިޔާ ސަރަޙައްދު ކައިރިއަށް މޫދަށް، އޭނާ ކޮށްޕާ ވައްޓާލައިގެންނެވެ. މިކަން ހިނގާފައިވަނީ 28 ޑިސެންބަރު 2022 ދުވަހުގެ 19:00 އާއި، 20:30 އާ ދެމެދުގެ ވަގުތެއްގައި ކަމަށް ޕީޖީ އޮފީހުން ބުނެ އެވެ. އަދި ލިޓަން އަތުން 51،000 އަށް ވުރެ ގިނަ ފައިސާ ނިޒާމް ވަގަށް ނަގާފައިވާ ކަމަށްވެސް ބުނެފައިވެ އެވެ.

މަސްތުވާތަކެތިން މުޢާމަލާތުކުރުމުގެ ދަޢުވާ ނިޒާމަށް ކޮށްފައިވަނީ، ނިޒާމް ކުއްޔަށް ހިފައިގެން އުޅޭ މއ.ޝާދީވިލާ އުތުރުބައިގެ ކޮޓަރިއެއް ފުލުހުން ބަލައި ފާސްކުރިއިރު، ބަރުދަނުގައި ޖުމްލަ 3.2565 ގްރާމް ޑައިމޯފިން ފެނިފައިވާތީ އެވެ. ނިޒާމް މަސްތުވާތަކެތި ގަނެފައިވަނީ ލިޓަން އަތުން ވަގަށް ނެގި ފައިސާއިން ތުހުމަތުކޮށްފައިވެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *