އިރާނާއި އެމެރިކާއިން އަނެއްކާވެސް މަޝްވަރާއަށް ދާނެ ކަމުގެ އަލިމަގެއް ފެނިއްޖެ

އިރާނާއި އެމެރިކާއިން އަނެއްކާވެސް މަޝްވަރާއަށް ދާނެ ކަމުގެ އަލިމަގެއް ފެނިއްޖެއެވެ.

މެދުއިރުމަތީގައި އިޒްރޭލާއި އެެމެރިކާ ގުޅިގެން އިރާނާ ދެކޮޅަށް ފެށި ހަނގުރާމައިގައި ހަމަލާދިނުން ހުއްޓާލުމަށް އެއްބަސްވުމަށްފަހު އެމެރިކާއިން އިރާނާ އެކު ޕާކިސްތާނުގައި ކުރިޔަށްގެންދިޔަ މަޝްވަރާތައް ވަނީ ކޮޅެއްގައި ނުޖެހި ނިމިފައެވެ.

ދެގައުމުގެ އޮފިޝަލުން އަނެއްކާވެސް މަޝްވަރާއަށް ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދަށް ދިއުމަށް މަސައްކަތް ކުރާ ކަމަށް އޮފިޝަލުންނާ ހަވާލާދީ ރޮއިޓާސް އިން ބުނެއެވެ.

ރޮއިޓާސް އިން ވަނީ މަޝްވަރާތައް ބޭއްވުމަށް އަދި ސީދާ ދުވަހެއް ކަނޑައަޅާފައިނުވާ ކަމަށް ރިޕޯޓުކޮށްފައެވެ.

އިރާނުގެ އޮފިޝަލުންނާ ހަވާލާދީ ރޮއިޓާސްއިން ވަނީ އަންނަ ހަފުތާ ބަންދަށް މަޝްވަރާ ފެށޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފައެވެ.

މިދިޔަ ހަފުތާ ބަންދުގައި އިރާނާއި އެމެރިކާ ކުރިޔަށްގެންދިޔަ 12 ގަޑިއިރަށްވުރެ ދިގު މަޝްވަރާތައް ކޮޅެއްގައި ނުޖެހި ނިމިފައިވާއިރު އެމެރިކާއިން ވަނީ އެގައުމުގެ އެއްވެސް ހުށަހެޅުމަކަށް އިރާނުން އެއްބަސްވެފައި ނުވާ ކަމަށް ބުނެފައެވެ.

މަޝްވަރާތައް ކޮޅެއްގައި ނުޖެހުމުން އެމެރިކާއިން ވަނީ މީގެ ކުރިން އިރާނުން ބަންދުކޮށްގެން އުޅުނު ހޮރުމޯޒް ކަނޑުއޮޅި ބަންދުކޮށް އިރާނަށް ނިސްބަތްވާ ބޯޓުތަކާއި އިރާނަށް ވާގިވެރިވާ ގައުމުތަކުގެ ބޯޓުތައް ހުއްޓުވަން ފަށާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *