ޑެންގޫ ހުން ދަނީ އިތުރުވަމުން، ސަމާލުވޭ: އެޗްޕީއޭ

ރާއްޖޭގެ އެކި ހިސާބުތަކުން ޑެންގޫ ހުން ޖެހިގެން ރިޕޯޓްކުރާ މީހުންގެ އަދަދު މިދުވަސްވަރު އިތުރުވަމުންދާތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ) އިލްތިމާސްކޮށްފިއެވެ.

އެޗްޕީއޭއިން ބުނިގޮތުގައި، މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން ޑެންގޫ އާއި ޗިކުންގުންޔާ ފަދަ މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތައް ކުރިއަށް އޮތް އެޕްރީލް އަދި ޖުލައި މަހު އިތުރުވެގެންދާނެ ކަމަށް ލަފާކުރެވެއެވެ.

ޑެންގޫ ކޮންޓްރޯލް ކުރުމަށްޓަކައި އެޗް.ޕީ.އޭ އިން ދަނީ ކަމާގުޅުންހުރި އެކި އިދާރާތަކާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި ބަލިން ރައްކާތެރިވުމަށް އެންމެ މުހިންމު ކަމަކީ މަދިރި އުފެދި އާލާވާ ތަންތަން ނައްތާލުމާއި، މަދިރި ހެފުމުން ރައްކާތެރިވުމަށް ފިޔަވަޅުތައް އެޅުން ކަމަށާއި އަދި ބަލީގެ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުމަށް އެޗްޕީއޭއިން ވަނީ އިރުޝާދު ދީފައެވެ.

ޑެންގީ ކޮންޓްރޯލް ކުރުމުގައި އާންމު ފަރުދުންގެ ޒިންމާ ބޮޑުކަން ފާހަގަކުރަމުން، މަދުވެގެން ހަފްތާއަކު އެއްފަހަރު ގޭތެރެއާއި ގޯތިތެރޭގައި ފެންހަރުލާ ގޮތަށް ހުންނަ ތަކެތި ބަލައި ފާސްކުރުމަށް އެޗްޕީއޭއިން އެދިފައިވެއެވެ. މީގެ އިތުރުން، ރިސޯޓްތަކާއި، ކޮންސްޓްރަކްޝަން ސައިޓްތަކާއި އިންޑަސްޓްރިއަލް ރަށްރަށުގައިވެސް ހަފްތާއަކު އެއްފަހަރު މަދިރި އާލާވާ ތަންތަން ނައްތާލުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

ކައުންސިލްތަކުން ޑެންގޫ ކޮންޓްރޯލް ކުރުމަށް ޓާސްކްފޯސްތައް އެކުލަވާލައި، ރަށް ސާފުކުރުމުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފައިވެއެވެ. އަދި ސްކޫލްތަކުންވެސް ކޮންމެ ހަފްތާއަކު ސްކޫލް ގޯތިތެރެ ބަލައި ފާސްކޮށް، ދަރިވަރުން މި ބައްޔަށް ހޭލުންތެރިކުރުމަށް ވަނީ އިރުޝާދު ދީފައެވެ. ކުންފުނިތަކާއި ޖަމިއްޔާ ޖަމާއަތްތަކުންވެސް މި މަސައްކަތުގައި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ.

ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުން ޑެންގީގެ އަލާމާތްތައް އަވަހަށް ދެނެގަނެ ފަރުވާ ފޯރުކޮށްދިނުމަށާއި، ބަލިމީހުންގެ ހާލަތު ގާތުން ބަލައި ފޮލޯ-އަޕް ހެދުމަށް ވަނީ އަންގާފައެވެ. އަދި ރަށްރަށުގައި ބަލި އުޅޭ މިންވަރު ގާތުން މޮނިޓަރުކޮށް، އެޗް.ޕީ.އޭ އަށް ގަވާއިދުން ރިޕޯޓް ކުރުމަށްވެސް ވަނީ އަންގާފައެވެ.

މި ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށްޓަކައި ދައުލަތުގެ މުއައްސަސާތަކާއި، ކައުންސިލްތަކާއި، އަމިއްލަ ޖަމިއްޔާތަކުގެ އިތުރުން ވަކިވަކި ފަރުދުން ގުޅިގެން މަސައްކަތް ކުރުމަކީ މިވަގުތު ނުހަނު ބޭނުންތެރި ކަމެއްގެ ގޮތުގައި އެޗްޕީއޭއިން ބުނެފައިވެއެވެ.

ޑެންގޫގެ އަލާމާތްތައް:

  • ގައިގައި ރިއްސުން
  • ހުން އައުން
  • ބޮލުގައި ރިއްސުން
  • ލޮލުގައި ރިއްސުން
  • ހަމުގައި ކުދި ރަތް ބިހިތަކެއް ނެގުން

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *