ނޭޕާލުގެ ކުރީ ސަރުކާރުގެ އިސް އޮފިޝަލުންގެ މުދަލާއި ހިސާބުތައް ތަހުގީގުކުރަން ޚާއްސަ ކޮމިޝަނެއް

ނޭޕާލުގެ އާ ސަރުކާރުން، އެ ގައުމުގެ ކުރީގެ އަދި މިހާރުގެ ސިޔާސީ ބޭފުޅުންނާއި ސަރުކާރުގެ އިސް އޮފިޝަލުންގެ މުދަލާއި ހިސާބުތައް ތަހުގީގު ކުރުމަށް ހާއްސަ ޕެނަލެއް އެކުލަވާލައިފި އެވެ.

ރެޕް މިއުޒިކް ކުޅޭ ފަންނާނެއްގެ ގޮތުގައި ކުރިން މަޝްހޫރުވި ބަލެންދުރަ ޝާހްގެ ޒައާމަތުގައި އެކުލަވާލި މި ޕެނަލަކީ ނޭޕާލުގައި ކޮރަޕްޝަން ހުއްޓުވުމަށް އަޅާ ވަރުގަދަ ފިޔަވަޅެކެވެ.

އުމުރުން 35 އަހަރުގެ ބަލެންދުރަ ޝާހް ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގަތީ، މިދިޔަ މާޗް މަހުގެ 5 ވަނަ ދުވަހު ބޭއްވި އާންމު އިންތިހާބުގައި އޭނާގެ ރާސްތުރިޔާ ސްވަތަންތުރަ ޕާޓީ (އާރުއެސްޕީ) އިން ހޯދި ބޮޑު ކާމިޔާބީއަށްފަހު އެވެ. މިއީ މިދިޔަ ސެޕްޓެމްބަރު މަހު ނޭޕާލުގައި ކުރިއަށްދިޔަ ކޮރަޕްޝަނާ ދެކޮޅު 'ޖެން ޒީ' މުޒާހަރާތަކަށްފަހު ބޭއްވުނު ފުރަތަމަ އިންތިހާބެވެ.

ޖަވިޔަނި އޮންލައިންގައިވާ ގޮތުގައި ކެބިނެޓްގެ ތަރުޖަމާނު ސަސްމިތު ޕޮކްރެލް ވިދާޅުވި ގޮތުގައި، ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ މި ޕެނަލްގެ އިސްވެރިއަކަށް ހުންނަވާނީ ސުޕްރީމް ކޯޓުގެ ރިޓަޔާޑް ފަނޑިޔާރު ރާޖެންދުރަ ކުމާރު ބަންޑާރީއެވެ. "ގާނޫނީ މިންގަނޑުތަކުގެ މައްޗަށް ބިނާކޮށް، ހެކިތަކާއެކު މިނިވަން ތަހުގީގުތަކެއް ކުރިއަށްދާނެ. މި ޕެނަލްގެ ރިޕޯޓާއި ލަފާގެ މައްޗަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ފިޔަވަޅު އަޅާނެ" ކަމަށް ޕޮކްރެލް ނޫސްވެރިންނަށް މައުލޫމާތު ދެއްވި އެވެ.

މި ތަހުގީގުތައް އަމާޒުކުރެވޭނީ 2008 ވަނަ އަހަރު ނޭޕާލުގެ ރަސްކަން އުވާލި ފަހުން ދައުލަތުގެ އެކި މަގާމުތައް ފުރުއްވާފައިވާ އެތައް ސަތޭކަ ސިޔާސީ ބޭފުޅުންނަކަށެވެ. ބޮޑުވަޒީރު ޝާހް އަކީ މީގެ ކުރިން ކަތުމަންޑޫގެ މޭޔަރުކަމުގައި ހުންނެވި ދުވަސްވަރުވެސް ކޮރަޕްޝަނާ ދެކޮޅަށް ކުރެއްވި މަސައްކަތްޕުޅުތަކުގެ ސަބަބުން ރައްޔިތުންގެ ބޮޑު މަގުބޫލުކަމެއް ހޯއްދަވާފައިވާ ބޭފުޅެކެވެ.

އުފެދުނުތާ އެންމެ ތިން އަހަރުވެފައިވާ އާރުއެސްޕީން ވަނީ އިންތިހާބުގެ ކެމްޕޭނުގައި ކޮރަޕްޝަން ނައްތާލުމަކީ އެންމެ އިސް އަމާޒު ކަމުގައި ކަނޑައަޅާފަ އެވެ. އެ ޕާޓީން ވަނީ އެތައް އަހަރުތަކެއް ވަންދެން ނޭޕާލުގެ ސިޔާސީ މަސްރަހު ކޮންޓްރޯލް ކުރަމުންދިޔަ ބޮޑެތި ޕާޓީތަކުގެ މައްޗަށް ކުރިހޯދައި، ރައްޔިތުންގެ އިތުބާރު ހޯދާފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *