ކައުންސިލް އިންތިހާބުގައި ލިބުނީ 'ބީ ރިޕޯޓެއް’، ބަދަލުތައް ގެންނަން ފެށީ 'އޭ ރިޕޯޓެއް' ބޭނުން ވެގެން: މިނިސްޓަރު ޝިޔާމް

ނިމިދިޔަ ލޯކަލް ކައުންސިލްތަކުގެ ބައި-އިލެކްޝަންގައި ސަރުކާރު ހިންގާ ޕީއެންސީއަށް ލިބުނު ނަތީޖާއަކީ "ބީ ރިޕޯޓެއް" ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ސިފަކުރައްވައިފި އެވެ.

ހއ. މުރައިދޫ ކައުންސިލްގެ ގޮނޑިތައް ކާމިޔާބުކުރުމާ ގުޅިގެން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޝިޔާމް ވިދާޅުވީ، ވެރިކަމުގައި ތިބެގެން ބީ ރިޕޯޓަކުން ފުއްދާލުމަކީ ސަރުކާރުން ގަބޫލުކުރާނެ ކަމެއް ނޫން ކަމަށާއި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަމާޒަކީ "އޭ ރިޕޯޓެއް" ހޯއްދެވުން ކަމަށެވެ.

ޝިޔާމް ވިދާޅުވި ގޮތުގައި، އިންތިހާބުގެ ނަތީޖާއާއެކު ރައްޔިތުން ދިން މެސެޖުތައް ރައީސް ވަނީ ވަރަށް ގާތުން އަޑުއައްސަވާފަ އެވެ. ރައްޔިތުން އެދޭ ފަދަ ފުރިހަމަ ނަތީޖާއެއް ހޯދުމަށްޓަކައި، އިންތިހާބު ނިމުނު ވަގުތުން ފެށިގެން ސަރުކާރުގެ ހިންގުމަށާއި ސިޔާސަތުތަކަށް ބަދަލުތައް ގެންނަން ފަށާފައިވާ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ. މިއީ ރައްޔިތުންގެ އަޑުއަހާ ސަރުކާރެއްގެ ފަރާތުން ފެންނާނެ އެންމެ ރަނގަޅު މިސާލު ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ކުރީގެ ސަރުކާރުގެ ހިންގުމަށް ފާޑުވިދާޅުވަމުން ޝިޔާމް ވިދާޅުވީ، ފާއިތުވި ދައުރުގައި ކޮރަޕްޝަނާއި ވައްކަމުގެ ތުހުމަތުތައް ވަޒީރުންގެ މައްޗަށް ކުރެވުނުއިރުވެސް، އެ ބޭފުޅުން ވަކިކުރަން އޭރުގެ ރައީސަށް ކެރިވަޑައިނުގެންނެވި ކަމަށެވެ. އެ ސަރުކާރުގެ ވަޒީރުންނަކީ ރައީސަށް "ބަލަދު އަރާފައިވާ" ބަޔަކަށް ވުމުން، ދައުލަތުގެ މާލިއްޔާ ހުސްވަމުން ދިޔައިރުވެސް އެކަން ހުއްޓުވަން ފިޔަވަޅެއް ނޭޅުނު ކަމަށް އޭނާ ތުހުމަތުކުރެއްވި އެވެ. ނަމަވެސް މި ސަރުކާރުން މިހާރު ގެންނަ ބަދަލުތަކަކީ ކަންކަން އިސްލާހުކުރުމުގެ ނިޔަތުގައި ކުރާ ކަމެއް ކަމަށް ޝިޔާމް ވިދާޅުވި އެވެ.

ޖަވިޔަނި އޮންލައިންގައިވާ ގޮތުގައި އިންތިހާބުގައި ވޯޓުލާން ނިކުތް މީހުންގެ ނިސްބަތް 70 އިންސައްތައަށް ވުރެ މަތީގައި އުޅުމަކީ ޑިމޮކްރަސީއަށް ލިބުނު ކުރިއެރުމެއްގެ ގޮތުގައި ޝިޔާމް ސިފަކުރެއްވި އެވެ. އޭނާ ވިދާޅުވީ، މީގެ ކުރިން މިފަދަ އިންތިހާބުތަކަށް އޮންނަ ޝައުގުވެރިކަން ކުޑަ ނަމަވެސް، މިފަހަރު ގިނަ ބަޔަކު ވޯޓުލާން ނިކުތުމުން އެނގެނީ ދައުލަތުގެ ނިޒާމަށް ރައްޔިތުން ކުރާ އިތުބާރު ބޮޑުވަމުންދާ ކަން ކަމަށެވެ. އަދި މިއީ ސަރުކާރުން މިނިވަން މުއައްސަސާތަކަށް ނުފޫޒު ނުފޯރުވާނެ ކަމުގެ ޔަގީންކަން އޮތުމުން ވީ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.

ޝަރުއީ ދާއިރާގެ މިނިވަންކަމާ ބެހޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތެއް ސަރުކާރަށް އޮތް ނަމަވެސް، ސުޕްރީމް ކޯޓުގެ ހުކުމަކުން ސަރުކާރު ހިންގާ ޕާޓީގެ މެންބަރެއްގެ ގޮނޑި ގެއްލުމަކީ ނިޒާމު މިނިވަންކަމާއެކު ހިނގާކަމުގެ ހެއްކެއް ކަމަށެވެ. މީގެ ކުރިން ސަރުކާރުތަކުން މުއައްސަސާތައް "މޮޑެން" އުޅުނު އުޅުން މިހާރު ނިމުމަކަށް އައިސްފައިވާ ކަމަށާއި، މިއަދު ފެންނަނީ ހަރުދަނާ ފިޔަވަޅުތަކަކާއެކު ރައްޔިތުންގެ އިތުބާރު އަނބުރާ ލިބެމުންދާ މަންޒަރު ކަމަށް އޭނާ ވިދާޅުވި އެވެ.

ޕީއެންސީއަކީ ވަކި ރަށެއް ތަފާތުކުރާނެ ޕާޓީއެއް ނޫން ކަމަށާއި، ކޮންމެ ރަށެއްގެ ކާމިޔާބީއަކީ ވެސް މުޅި ޕާޓީގެ ކާމިޔާބީއެއް ކަމަށް ޝިޔާމް ވިދާޅުވި އެވެ. މި އިންތިހާބަށް ރައީސް މުއިއްޒު ރަށްރަށަށް ވަޑައިގެން ކެމްޕޭން ނުކުރެއްވި ނަމަވެސް، ރައްޔިތުން އެދޭ ގޮތަށް ކަންކަން ބަދަލުކުރެއްވުމުގެ ގާބިލުކަން އެމަނިކުފާނުގެ ކިބައިގައި އެބަހުރި ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ. ސަރުކާރުގެ ހުރިހާ ވެސް އަމާޒަކީ ރައްޔިތުންގެ އަޑުއަހައިގެން ކުރިއަށް ދިއުން ކަމަށް ވިދާޅުވި އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *