ރާއްޖޭގެ ބޭހުގެ ބާޒާރު ހަރުދަނާކޮށް، ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ ބޭސްތައް މެދުނުކެނޑި ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި، ސަރުކާރުގެ ބޭސް ކުންފުނި، ސްޓޭޓް ފާމާގެ ފުރަތަމަ ބޭސް ފިހާރަ އައިޖީއެމްއެޗްގައި ހުޅުވުމަށް ތައްޔާރުވެއްޖެ އެވެ.
ސަރުކާރުގެ 100 އިންސައްތަ ހިއްސާވާ ސްޓޭޓް ފާމާގެ މަސައްކަތްތަކާ ގުޅޭ ގޮތުން 'ޖަވިޔަަނި' އަށް މައުލޫމާތު ދެއްމުން އެ ކުންފުނީގެ މެނޭޖިން ޑިިރެކްޓަރު ޝާހް މާހިރު ވިދާޅުވީ، ކުންފުނީގެ ފުރަތަމަ ބޭސް ފިހާރަ ކުރިއަށް އޮތް އެއް ހަފުތާ ނުވަތަ ދެ ހަފުތާއެއްގެ ތެރޭގައި ހުޅުވޭނެ ކަމަށެެވެ. އެގޮތުން ފުރަތަމަ ފާމަސީ ހުޅުވުމަށް ހަމަޖެހިފައިވަނީ ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗްގަ ކަމަށް އޭނާ ވިދާޅުވި އެވެ.
ޝާހް ވިދާޅުވި ގޮތުގައި އެސްޓީއޯގެ ދަށުން ހިންގަމުންދާ ހުރިހާ ފާމަސީތަކެއް ސްޓޭޓް ފާމާގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފަ އެވެ. މި ބަދަލާއެކު މިއަހަރުގެ މެދުތެރޭގައި އެ ކުންފުނީގެ އަމަލީ މަސައްކަތްތައް ފުޅާދާއިރާއެއްގައި ފެށި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ފާމަސީތައް މަޑުމަޑުން އެ ކުންފުނީގެ ދަށަށް ބަދަލުވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ކުންފުނި އުފެދުނީއްސުރެ މިހާތަނަށް ކުރި މަސައްކަތްތަކުގެ މައުލޫމާތު ހިއްސާކުރައްވަމުން ޝާހް ވިދާޅުވީ މިހާތަނަށް ކުރި މައިގަނޑު މަސައްކަތަކީ ބޭސް އެތެރެކުރުމަށް ބޭނުންވާ ގަވާއިދުތަކާއި އުސޫލުތައް އެކުލަވައިލުމެވެ. މީގެ ތެރޭގައި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ ގަބޫލުކުރާ ފެންވަރަށް ގުދަންތައް ތައްޔާރު ކުރުމާއި، އޮފީސް އިމާރާތް ނިންމުމުގެ އިތުރުން ހުރިހާ ޕޮލިސީތަކެއް އެކުލަވައިލުން ހިމެނެ އެވެ.
ޝާހް ވިދާޅުވީ، ބޭހުގެ މުޅި ސެކްޓަރު ސަރުކާރުގެ ސީދާ ކޮންޓްރޯލްގެ ދަށުގައި އޮތުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.


