ރާއްޖޭގައި މެޑިކަލް ގްރޭޑް ފެނާއި އައިވީ ފްލުއިޑް އުފެއްދުމުގެ ފުރުސަތު އެބައޮތް: ޝާހު މާހިރު

ދިވެހިރާއްޖެއަކީ ކަނޑުގެ ސަރަހައްދު ބޮޑު، ފެނަށް ބަރޯސާވެފައިވާ ގައުމަކަށްވުމާއެކު، ރާއްޖޭގައި އައިވީ ފްލުއިޑްސް ފަދަ ތަކެތި އުފައްދާ ފެކްޓްރީއެއް ގާއިމުކުރުމުގެ ފުރުސަތު އެބައޮތް ކަމަށް ސްޓޭޓް ފާމާގެ މެނޭޖިންގް ޑިރެކްޓާރ ޝާހު މާހިރު ވިދާޅުވެއްޖެ އެވެ.

ސަރުކާރުން އަލަށް އުފެއްދ ސްޓޭޓް ފާމާގެ މަަސައްކަތްތަކާއި ގުޅޭގޮތުން 'ޖަވިޔަނި' އަށް މައުލޫމާތުދެއްވަމުން ޝާހު މާހިރު ވިދާޅުވީ ރާއްޖޭގައި މިހާރުވެސް ބޭނުންކުރާ ހުރިހާ ފެނަކީ، ޑީސެލިނޭޝަން ނުވަތަ މެޑިކަލް ގްރޭޑްގެ ފެން ބަދަލުކޮށްގެން އުފައްދާ ފެން ކަމަށްވާތީ، މެޑިކަލް ގްރޭޑްގެ ފެން ރާއްޖޭގައި އެކަށީގެންވާ ހެޔޮ އަގެއްގައި އުފެއްދިދާނެ ކަމަށެވެ. މިކަމަށް ޝައުގުވެރިކަން ހުރި ފަރާތްތަކާއެކު މިހާރުވެސް މަޝްވަރާތައް ކުރެވެމުންދާކަން އޭނާ ފާހަގަކުރެއްވި އެވެ.

ސިއްހީ ދާއިރާގައި ބޭނުންކުރާ ޑެކްސްޓްރޯޒް އާއި އެކި ބާވަތްތަކުގެ އިންޖެކްޝަން ޖެހުމަށް ބޭނުންކުރާ ފެނަކީ ރާއްޖެއަށް އެތެރެކުރުމުގައި ބޮޑެތި ގޮންޖެހުންތަކެއް ހުރި ތަކެއްޗެވެ. މި ތަކެއްޗަކީ ބަރު އަދި ގިނަ ޖާގަ ހިފާ އެއްޗެއް ކަމުން، ވައިގެ މަގުން ގެނައުމުގައި ބޮޑު ހޭދައެއް ހިނގާކަން ޝާހު ފާހަގަކުރެއްވި އެވެ. އެހެންކަމުން ރާއްޖޭގައި މިފަދަ ތަކެތި އުފެއްދުމަކީ ހަރަދު ކުޑަވާނެ ކަމެކެވެ.

"ރާއްޖެ ކަހަލަ ތަނެއްގައި މިކަހަލަ ފެކްޓަރީއެއް ހަދައި، މި ތަކެތި ލިބޭނެ ގޮތް ހެދުމަކީ ވަރަށް ފީސިބަލް ކަމެއް. އަދި ރާއްޖޭގައި އުފައްދައިގެން ބޭރު ގައުމުތަކަށް އެކްސްޕޯޓް ކުރުމަކީވެސް ކުރެވިދާނެ ކަމެއްތޯ ބެލުމަށް މިހާރު ދަނީ ދިރާސާ ކުރަމުން،" ޝާހު ވިދާޅުވި އެވެ.

މި މަސައްކަތް ކާމިޔާބުވެއްޖެނަމަ، ރާއްޖޭގެ ސިއްހީ ދާއިރާއަށް ބޭނުންވާ މެޑިކަލް ފެނުގެ ބާވަތްތައް ރާއްޖޭގައި އުފެއްދި، ބޭރަށް ބަރޯސާވާ މިންވަރު ކުޑަވެގެންދާނެއެވެ. މީގެ އިތުރުން، މިއީ އިގްތިސާދީ ގޮތުންވެސް ރާއްޖެއަށް ލިބޭނެ ބޮޑު ކުރިއެރުމެއްގެ ގޮތުގައި ވަނީ ފާހަގަކުރެވިފަ އެވެ.

ޝާހް ވިދާޅުވި ގޮތުގައި ރާއްޖޭގެ ބާޒާރުގައި ބޭހުގެ ފެންވަރު ހިފަހައްޓައި، ބޭސް ލިބުމުގައި ހުރި ދަތިތަކަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި ޒަމާނީ އިލެކްޓްރޯނިކް ސްޓޮކް މެނޭޖްމަންޓް ސިސްޓަމެއް ގާއިމުކުރުމަކީ އެންމެ ބޮޑު އިސްކަމެއް ދޭ މަސައްކަތް ކަމަށެވެ. އެގޮތުން ރާއްޖޭގައި މިވަގުތު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ފާމަސީތަކުގައި ބޭސް ހުރި މިންވަރު ވަގުތުން ދެނެގަނެވޭނެ "ލައިވް" ނިޒާމެއް ނެތުން ކަމަށާއި، އާ ސިސްޓަމާއެކު ބޭސް ހޯދުމާއި ފޯރުކޮށްދިނުމުގެ ކަންކަން ހަރުދަނާވެގެންދާނެ ކަމަށް ޝާގް ވިދާޅުވި އެވެ.

ބޭސް ހުސްވުމުގެ މައްސަލަ ދުރާލާ ހައްލުކުރުމަށްޓަކައި ރަށު ފެންވަރުގައި ބަލިމީހުންގެ އަދަދާއި ބޭސް ބޭނުންވާ މިންވަރުގެ ތަފާސްހިސާބު އެއްކުރުމުގެ މަސައްކަތް ވެސް ސްޓޭޓްފާމާއިން ވަނީ ފަށާފަ އެވެ.

ޝާހު ވިދާޅުވީ، މި ޑޭޓާގެ އެހީގައި މުޅި އަހަރަށް ބޭނުންވާ ބޭސް ދުރާލާ "ފޯކާސްޓް" ކުރެވުމުން، ފެންވަރު ރަނގަޅު ބޭސް އުފައްދާ ބޮޑެތި ކުންފުނިތަކުން ބޭސް ގެނައުމަށް މަގުފަހިވެ، ބޭހުގެ ޝޯޓޭޖް ވަރަށް ބޮޑަށް ކުޑަކުރެވޭނެ ކަމަށެވެ. މި މަސައްކަތްތަކަކީ ރައްޔިތުންނަށް އިތުބާރު ހުރި އަދި ފަސޭހަ ސިއްހީ ހިދުމަތެއް ކަށަވަރުކޮށްދިނުމަށް ކުރާ މުހިންމު މަސައްކަތްތަކެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ޝާހު ފާހަގަކުރެއްވި ގޮތުގައި ބޭސް ލިބުމުގެ ޝަކުވާތަކަށް އަވަސް ހައްލެއް ހޯދައިދިނުމަށް 1505 ނަންބަރުގެ ހޮޓްލައިނަކާއި "ޑިޖިފާމާ" އެޕްލިކޭޝަން މިހާރު ވަނީ ތައާރަފްކޮށްފަ އެވެ. މި ހިދުމަތްތައް މެދުވެރިކޮށް ރައްޔިތުންނަށް ބޭސްސިޓީ އަޕްލޯޑްކޮށް، ބޭސް ހުރި ތަންތަނުގެ މައުލޫމާތު 24 ގަޑިއިރު ހޯދޭނެ އެވެ. އަދި ރާއްޖޭން ލިބެން ނެތް ބޭހެއް ނަމަ، އާސަންދައާއި އެންސްޕާގެ އެޕްރޫވަލްތަކާއެކު ގިނަވެގެން ދެ ހަފްތާ ތެރޭގައި އެ ބޭހެއް ރާއްޖޭން ބޭރުން ގެނެސްދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *