ޓާކިޝް އެއާލައިންސްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަން ނިންމައިފި

މިއަހަރުގެ ހޫނު މޫސުމާ ދިމާކޮށް، ތުރުކީގެ ޤައުމީ އެއާލައިން، ޓާކިޝް އެއާލައިންސްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރުމަށް ނިންމައިފިއެވެ.

މި ދަތުރުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ތުރުކިއޭގެ ވެރިރަށް އިސްތަންބޫލާއި މާލެއާ ދެމެދުގައެވެ.

އިތުރުކުރެވޭ ދަތުރުތައް ކުރިއަށްދާނީ އަންނަ މަހުގެ 13 ވަނަ ދުވަހުން ފެށިގެން އޮކްޓޫބަރު މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ބަދަލާއެކު އިސްތަންބޫލުން މާލެއަށް ކޮންމެ ބުދަ ދުވަހަކު ދަތުރުތައް ބާއްވާނެއެވެ. އަދި މާލެއިން އިސްތަންބޫލަށް ދަތުރުކުރާނީ ކޮންމެ ބުރާސްފަތި ދުވަހަކުއެވެ.

މިއާއެކު މިހާރު ޓާކިޝް އެއާލެއިންސްއިން ކޮންމެ ހަފްތާއަކު ރާއްޖެއާއި އިސްތަންބޫލާއި ދެމެދު ކުރާ ދަތުރުތަކުގެ އަދަދު 4 އިން 6 އަށް އިތުރުވެގެންދާނެއެވެ.

ދަތުރުތަކުގެ ތާވަލުގައިވާ ގޮތުން، އިސްތަންބޫލުން ފްލައިޓް ފުރާނީ ރޭގަނޑު 20:20 ގައެވެ. މި ފްލައިޓް މާލެއަށް ޖައްސާނީ ޖެހިގެން އަންނަ ދުވަހުގެ ހެނދުނު 06:30 ގައެވެ. އަދި މާލެއިން ފުރާނީ ހެނދުނު 08:00 ގައެވެ. މި ފްލައިޓު އިސްތަންބޫލަށް ދާނީ އެ ދުވަހުގެ މެންދުރުފަހު 14:20 ގައެވެ.

ޓާކިޝް އެއާލައިންސްގެ ދަތުރުތައް އިތުރުކުރުމަކީ ޔޫރަޕާއި އުތުރު އެމެރިކާގެ މާކެޓްތަކުން ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް ލިބޭނެ ބޮޑު ފަސޭހައެކެވެ. އިސްތަންބޫލަކީ ދުނިޔޭގެ އެކި ކަންކޮޅުތައް ގުޅުވައިދޭ މުހިންމު ހަބަކަށް ވުމާއެކު، މިއީ މެދުއިރުމަތީގެ ވައިގެ ސަރަހައްދުތަކަށް އަންނަ ބަދަލުތަކާ ގުޅިގެން ދަތުރުވެރިންނަށް ލިބޭނެ ރަނގަޅު އަލްޓަނޭޓިވް ރޫޓެކެވެ.

މި އިތުރުވުމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށާއި ވިޔަފާރީގެ މުއާމަލާތްތަކަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް ބެލެވެއެވެ.

ސިނާއަތުގެ އިސްވެރިން ސިފަކުރައްވާ ގޮތުގައި، މިއީ ރާއްޖެއަކީ ދުރު ރާސްތާގެ މަންޒިލްތަކުގެ ތެރެއިން މަގުބޫލު މަންޒިލެއްގެ ގޮތުގައި އޮތްކަން ހާމަކޮށްދޭ އަދި ރާއްޖެއަށް އޮތް އިތުބާރު ދައްކުވައިދޭ މުހިންމު ބަދަލެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *