މަސްދޯނިތަކަށް އެސްޓީއޯ ރޭޓުގައި ތެޔޮ ލިބޭނެ ގޮތް ހަދައިފި

މަސްދޯނިފަހަރަށް މާދަމާ އިން ފެށިގެން އެސްޓީއޯ ޝެޑް ރޭޓުގައި ތެޔޮ ލިބޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސައިފި އެވެ.

ފިޝަރީޒް މިނިސްޓްރީން މިއަދު ބުނީ މަސްވެރިކަން ކުރާ ހުރިހާ ދޯނިފަހަރަށް މާދަމާ އިން ފެށިގެން އެސްޓީއޯ ޝެޑް ރޭޓުގައި ތެޔޮ ލިބޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށެވެ.

އެ މިނިސްޓްރީން ބުނި ގޮތުގައި، ފަހި ހަކަތައިގައި ރަޖިސްޓްރީ ވެފައިވާ ދޯނިތަކަށް ސަބްސިޑައިޒް އަގުގައި ތެޔޮ ގަންނަން ލިބޭނެ އެވެ.

ސަބްސިޑައިޒް އަގުގައި ތެޔޮ ގަންނަން ލިބޭނެ ރަށްތަކަކީ ހއ. އިހަވަންދޫ، ހދ. ހަނިމާދޫ، ށ. މިލަންދޫ، ރ. ދުވާފަރު، ބ. އޭދަފުށި، ޅ. ނައިފަރު، ކ. ހިންމަފުށި، ފ. ނިލަންދޫ، ގއ. ކޫއްޑޫ، ފުވައްމުލައް، އައްޑޫ ހުޅުމީދޫ އަދި ހުޅުމާލެ ޖެޓީންނެވެ.

މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ތެލުގެ އަގަށް ގެނައި ބަދަލާ އެކު އެސްޓީއޯ އިން ޑީސަލް ލީޓަރެއް މިހާރު ވިއްކަނީ 17.54ރ. އަށެވެ.

މަސްދޯނިތަކަށް އެސްޓީއޯ ޝެޑް ރޭޓުގައި ތެޔޮ ވިއްކަން ސަރުކާރުން ނިންމިއިރު، ތެޔޮ އަގުބޮޑުވުމުގެ ސަބަބުން މަހަށް ނުފުރާ ދޯނިތައް ގިނަވެ، މި ދުވަސްވަރު މަހުގެ އެކި ބާވަތްތައް ލިބުން ވެސް ވަނީ ދަތިވެފަ އެވެ.

މި ދުވަސްވަރު ރާއްޖޭގައި މަސްވެރިކަން އާދަޔާ ހިލާފަށް ދަށްވެ، ޕްރޮޑަކްޝަނަށް އަސަރުކުރުމުގެ ސަބަބުން ދައުލަތުގެ މަސް ކުންފުނި މިފްކޯގެ ފިހާރަތަކުން ވަޅޯމަސް ވެސް އިއްޔެ ވަނީ ހުސްވެފަ އެވެ.

ބޮޑު އަގުގައި ތެޔޮ ގަނެގެން މަސްވެރިކަން ކުރަން ނުކުންނަން ޖެހޭތީ އުތުރުގެ މަސްވެރިކަން މަހަށް ނުފުރާކަމުގެ ކަންބޮޑުވުން ސޯޝަލް މީޑިއާގައި ވެސް ފާޅުކޮށްފައިވެ އެވެ. ނަމަވެސް ސަރުކާރުން އަންނަނީ ރާއްޖެއަށް ތެލުގެ ދަތިކަން ކުރިމަތިނުވާނެ ކަމުގެ ޔަގީން ދެމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *