އެމްޑީޕީގެ ލީޑާޝިޕުން އާ ޒުވާން ޖީލަކަށް ފުރުސަތު ދިނުމަށް ގޮވާލަމުން މީކާއީލްގެ "އިތުބާރު" ކެމްޕޭން ފަށައިފި

އެމްޑީޕީގެ ޗެއާޕާސަން ކަމުގެ މަގާމަށް ވާދަކުރާ، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމްގެ ކެމްޕޭން ރަސްމީކޮށް މިއަދު ލޯންޗުކޮށްފިއެވެ.

މިކަމަށްޓަކައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މީކާއިލް ވަނީ އޭނާގެ ކެމްޕޭންގެ މައިގަނޑު އަމާޒުތަކާއި މަގާމަށް ކުރިމަތިލެއްވި ސަބަބުތައް ހާމަކުރައްވާފައެވެ.

މީކާއިލް ވިދާޅުވީ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލެއްވީ ޕާޓީގެ ހުރިހާ މެންބަރުންގެ މަސްލަހަތު އިސްކޮށް، މެންބަރުންގެ އިތުބާރު އޮތް މީހެއްގެ ނިޔަމިކަމުގައި ކުރިއަށް އޮތް ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބުކޮށްދިނުމަށް ކަމަށެވެ. ޕާޓީގެ ލީޑާޝިޕާއި އާންމު މެންބަރުންނާ ދެމެދު އޮތް ގުޅުން ކުޑަވެފައިވާކަން ފާހަގަކުރައްވައި، އެކަމަށް ހައްލު ހޯއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.

"އަޅުގަނޑު ގަބޫލުކުރާގޮތުގައި އެމްޑީޕީގެ ޗެއާޕާސަން ކަމަށް އެމްޑީޕީގެ އާއްމު މެމްބަރުންގެ އިތުބާރު އަޅުގަނޑަށް އެބަ އޮތް. އަޅުގަނޑު މި ވާދަކުރާ އިންތިހާބުގައި އަޅުގަނޑު ކާމިޔާބު ވިޔަސް، ނާކާމިޔާބު ވިޔަސް، މި ޕާޓީގައި އާއްމު މެމްބަރުންނާއެކު އަޅުގަނޑު ދެމިހުންނާނެކަމުގެ އިތުބާރު ވެސް މި ޕާޓީގެ މެމްބަރުންނަށް އޮންނާނެ،" މީކާއިލް ވިދާޅުވިއެވެ.

މީކާއިލްގެ "އިތުބާރު" ކެމްޕޭންގެ ދަށުން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް ހާއްސަ މަސައްކަތު ޕްލޭނެއް އެކުލަވާލުމަށް ވަނީ ނިންމާފައެވެ. އޭނާ ވިދާޅުވީ އެންމެ މުހިންމު ކަމަކީ ގެއްލިފައިވާ ރައްޔިތުންގެ އިތުބާރު އަލުން ހޯދައި، ޕާޓީގެ ސަފުތައް ބަދަހިކުރުން ކަމަށެވެ. އަދި އެމްޑީޕީގެ ލީޑާޝިޕުން އާ ޒުވާން ޖީލަކަށް ފުރުސަތު ދިނުމަށް ވެސް އޭނާ ގޮވާލެއްވިއެވެ.

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި މީކާއިލްގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދާއި މަޖިލީހުގެ ކުރީގެ މެންބަރު އަލްހާން ފަހުމީ ވާދަކުރައްވާނެކަން މިހާތަނަށް ވަނީ އިއުލާނުކުރައްވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *