ޤުރްއާން މުބާރާތްތަކަށް ތައްޔާރުވުމަކީ ތަޖުވީދުގެ ހަމަތަކުން ރީތިކޮށް ކިޔަވަން ދަސްވުމުގެ އިތުރުން، އީމާންތެރިކަން ވަރުގަދަވެ، ކެތްތެރިކަމާއި އަޚްލާޤީ ރަނގަޅު ސިފަތައް ނަފްސުގައި އަށަގަތުމަށް މަގުފަހިވާ ކަމެއް ކަމަށާއި، ކޮންމެ ދިވެއްސެއްގެ ހިތުގައިވެސް ކީރިތި ޤުރުއާނަށް އޮންނަ ލޯތްބާއި އިޚްތިރާމް އިތުރުކޮށް، އެ ފޮތުގެ އުނގަންނައި ދިނުންތަކަށް އަމަލު ކުރުމަކީ މުހިންމު ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ އިބްރާހީމް ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް، ވެމްކޯ މުވައްޒަފުންގެ ދެވަނަ ޤުރްއާން އަދި މަދަހަ މުބާރާތް 1447 ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެކަމަނާ ވިދާޅުވީ، ކީރިތި ޤުރުއާނަކީ ދިވެހިންގެ ދިރިއުޅުމުގެ ކޮންމެ ކަމެއްގައި ވެސް އެންމެ އިސްކަންދޭން ޖެހޭ މަޞްދަރު ކަމަށެވެ. އަދި ދިވެހި މުޖުތަމައަކީ އިސްލާމީ ރަނގަޅު އަޚްލާޤުގެ މަތީގައި ބިނާވެފައިވާ މުޖުތަމައަކަށް ހެދުމަށްޓަކައި، ކުޑަކުދިންގެ ހިތްތަކުގައި ޤުރުއާނަށް އޮންނަ ލޯބި ޖެއްސުމަކީ ބެލެނިވެރިންނާއި މުދައްރިސުންގެ ބޮޑު މަސްއޫލިއްޔަތެއް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ސަރުކާރުން ދީނީ ކަންކަމަށް ދޭ އަހައްމިއްޔަތުކަން ހާމަކުރައްވަމުން އެކަމަނާ ވިދާޅުވީ، ޤުރުއާން އުނގަންނައިދޭ މަރުކަޒުތައް އިތުރުކޮށް، ޤުރުއާން މުދައްރިސުން ތަމްރީނުކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާނެ ކަމަށެވެ. މީގެ ބޭނުމަކީ ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް ޤުރުއާނުގެ ޢިލްމު ފުޅާދާއިރާއެއްގައި ފޯރުކޮށްދިނުމެވެ.


