ޕާޓީން ވަކިވާ މެމްބަރުންގެ ގޮނޑި ގެއްލޭ މައްސަލައިގެ ހުކުމް އިއްވުން ބުދަ ދުވަހަށް ތާވަލުކޮށްފި

ސިޔާސީ ޕާޓީން ވަކިކޮށްގެން ނުވަތަ އަމިއްލައަށް ވަކިވުމުން ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހާ ދެކޮޅަށް ހުށަހެޅި މައްސަލައިގެ ހުކުމް އަންނަ ބުދަ ދުވަހު އިއްވަން ސުޕްރީމް ކޯޓުން ތާވަލުކޮށްފިއެވެ.

މި މައްސަލައިގެ ހުކުމް އިއްވުމުގެ މަޖިލިސް ބޭއްވުމަށް ހަމަޖެހިފައިވަނީ ބުދަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ.

ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ގާނޫނުއަސާސީއަށް ގެނެސްފައިވާ މި އިސްލާހުގެ ދަށުން، މަޖިލީހުގެ މެންބަރުކަމަށް އިންތިހާބުވުމަށްފަހު ޕާޓީގެ މެންބަރުކަމުން ވަކިވެއްޖެނަމަ ނުވަތަ ޕާޓީގެ މެންބަރުކަމުން ވަކިކޮށްފިނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލޭނެއެވެ.

މި އިސްލާހަކީ ގާނޫނުއަސާސީއާ ހިލާފު އިސްލާހެއް ކަމަށް ބުނެ ދުސްތޫރީ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިނެވެ. މި މައްސަލައިގެ އަޑުއެހުންތައް މިހާރު ވަނީ އެއްކޮށް ނިންމާލާފައެވެ. މައްސަލައިގެ ހުކުމްކުރަންދެން ޕާޓީން ވަކިވެއްޖެނަމަ ނުވަތަ ވަކިކޮށްފިނަމަ ގޮނޑި ނުގެއްލޭނެ ކަމަށް ވަގުތީ އަމުރެއް ނެރެދިނުމަށް އަލީ ހުސައިންގެ ފަރާތުން އެދިވަޑައިގެންނެވި ނަމަވެސް، ސުޕްރީމް ކޯޓުން ވަނީ އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށް ނިންމާފައެވެ.

ކޯޓުން ބުނީ އެފަދަ އަމުރެއް ނެރެފިނަމަ މައްސަލައިގެ މައުޟޫއަށް އަސަރުކުރާނެ ކަމަށެވެ.

މީގެ އިތުރުން، މެންބަރުންގެ ގޮނޑި ނުގެއްލޭ ގޮތަށް ވަގުތީ އަމުރެއް ނެރެނުދޭން ނިންމުމާއެކު، ފަނޑިޔާރުންނާމެދު އެއްވެސް ފިޔަވަޅެއް ނޭޅުމުގެ އަމުރެއް ނެރުމަށްވެސް އެދިފައިވެއެވެ. ނަމަވެސް ކޯޓުން ބުނެފައިވަނީ އެއީ ފަނޑިޔާރުންގެ އަމިއްލަ މަސްލަހަތު ހިމެނޭ ކަންކަމުގައި ފަނޑިޔާރުން އަމިއްލައަށް ގޮތެއް ނިންމުން މަނާކުރާ އުސޫލުގެ ދަށުން ނެރުން މަނާވާނެ އަމުރެއް ކަމަށެވެ.

މި މައްސަލަ ސުޕްރީމް ކޯޓުން ބައްލަވަނީ އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ހިމެނިވަޑައިގަންނަވާ ގޮތަށް އެ ކޯޓުގެ ހަތް ފަނޑިޔާރުންގެ ފުލް ބެންޗުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *