21 ދުވަހުގެ ތެރޭގައި ޖުމްލަ 924 މިލިއަން ޑޮލަރުގެ ދަރަނި ދައްކައިފި

އެކާވީސް ދުވަހުގެ ތެރޭގައި، މި ސަރުކާރުން ޖުމްލަ 924 މިލިއަން ޑޮލަރުގެ ދަރަނި ދައްކާފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު، ރައީސް އޮފީހުގައި، ނޫސްވެރިންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ހިނގާ އެޕްރީލް މަހުގެ 2 ވަނަ ދުވަހު ސަރުކާރުން ދެއްކި 524 މިލިއަން ޑޮލަރުގެ ސުކޫކާއި 23 އެޕްރީލުގައި އިންޑިއާއަށް ދެއްކި 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފައިސާ ވެސް ދައްކާފައިވާނީ، ޤައުމަށް ޑީފޯލްޓެއް ކުރިމަތިވިޔަ ނުދީ، ހަރުމުދަލެއް ވިއްކާ ނުލައި، ރަހުނެއް ދޫކޮށް ނުލައި އަދި ބަދަލުގައި ކުރިން ރަހުނު ކޮށްފައި ހުރި ތަންތަން ސަލާމަތް ކުރައްވައިގެން ކަމަށް ރައީސް ވިދާޅުވިއެވެ.

"މި ދަނޑިވަޅުގައި ސަރުކާރުން އަދާކުރަނީ ބޭރުގެ ދަރަނި އެކަންޏެއް ނޫން. ސަރުކާރުން ވެންޑަރުންނަށް ދައްކަން ހުރި ފައިސާ ދައްކަމުން، އެތެރޭގެ ދަރަނިވެސް ދަނީ އަދާކުރަމުން،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.

އެގޮތުން ނިމިދިޔަ 2025 ވަނަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން މި ހިނގާ އެޕްރީލް މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް، އެކި އެކި ލޯކަލް ވެންޑަރުންނަށް ދައްކަން ޖެހިފައި ހުރި 3300 މިލިޔަން ރުފިޔާގެ ބިލުތަކަށްވާ ފައިސާ ދައްކާ ޚަލާޞް ކުރެވިފައިވާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ. އަދި މި މަހުގެ ބާކީ މި އޮތް ދުވަސްކޮޅުގައިވެސް، ލޯކަލް ވެންޑަރުންނަށް ދޭން ޖެހޭ އިތުރު 260 މިލިޔަން ރުފިޔާގެ ބިލަށް ވާ ފައިސާ ދެއްކުމަށް ނިންމަވާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *