އައިޝާ ޑޮކިއުމެންޓްރީގައި ހުރީ ދޮގު ވާހަކަތަކެއް، ދައުވާ ކުރާނަން: ރައީސް

"އަދަދު" ނޫހުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިސްތަށިފުޅުގައި ޒިނޭގެ ތުހުމަތު އަޅުވައި ގެނެސްދިން ޑޮކިއުމެންޓްރީގައި ހިމެނޭ ކަންކަމަކީ ކަނޑައެޅިގެން ދޮގު ކަމަށާއި، އެ މައްސަލައިގައި ދައުވާ ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެ ޑޮކިއުމެންޓްރީއާ ގުޅޭ ގޮތުން "އަދަދު" ނޫހުގެ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ އެއީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ. އަދި އެފަދަ ދޮގު ވާހަކަތައް ހިމެނޭ ވީޑިއޯއެއް އުފެއްދި ކަމަށް އެ ނޫހުން އިއުތިރާފުވެފައިވާ ކަމަށްވެސް ރައީސް ފާހަގަ ކުރެއްވިއެވެ.

"ކަނޑައެޅިގެން ދޮގު ވާހަކައެއް. ދެން އަދަދު ނޫހުން ތި ވިދާޅުވީ ތިބޭފުޅުން ހެއްދެވި ވީޑިއޯއެއްގެ ވާހަކަ. އެހެންވީމާ ކަނޑައެޅިގެން ދޮގު ވާހަކަ ހިމެނޭ ގޮތަށް ތިބޭފުޅުން ވީޑިއޯއެއް ހެއްދެވި ވާހަކައަށް ތި އިއުތިރާފުވެވަޑައިގެންނެވީ. މިފަދަ ދޮގު ވާހަކަ ދެއްކި ހުރިހާ ފަރާތްތަކާ ދެކޮޅަށް އަޅުގަނޑު ދައުވާކުރަން އެދެން ކަމާ ބެހޭ ހުރިހާ ފަރާތްތަކުގެ ކިބައިން،" ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، "އަދަދު" ނޫހަކީ މީގެ ކުރިން ވެސް "ދޮންއަމާ"ގެ ނަމުގައި ވީޑިއޯއެއް ހަދައިގެން ފެތުރި ނޫހެއް ކަމަށާއި، އެހެން ކަމުން އެ ނޫހުން މިފަދަ އަމަލެއް ކުރުމުން ހައިރާންވެ ވަޑައިނުގަންނަވާ ކަމަށެވެ.

"އަދަދު" ނޫހުން ގެނެސްދިން "އައިޝާ" ޑޮކިއުމެންޓްރީގައި ރައީސްގެ އިސްތަށިފުޅުގައި ގަޒުފުގެ ތުހުމަތު އަޅުވާފައިވާއިރު، ރައީސް އޮފީހުގެ ކަރާމާތް ގެއްލޭ ފަދަ ވާހަކަތަކެއް ވެސް އެ ވީޑިއޯގައި ހިމަނާފައިވާކަން ފާހަގަކުރެވެއެވެ. ރައީސް ވަނީ މި މައްސަލައިގައި ގާނޫނީ ފިޔަވަޅު އެޅުމަށް ކަމާބެހޭ ފަރާތްތަކުގައި އެދިވަޑައިގެންފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *