މިއަދު އެމްޑީޕީ ހަރުގޭގައި އޮތް "އިތުބާރު" ކެމްޕޭންގެ ނޫސްވެރިންގެ ބައްދަލުވުމުގައި މީކާއީލްއާއެކު އެމްޑީޕީގެ މުޅި ޕާލަމެންޓްރީ ގްރޫޕް ކަހަލަ ގޮތަކަށް ބައިވެރިވިއެވެ.
މި ބައްދަލުވުން ފައްޓަވަމުން މީކާއީލް ދެއްކެވި ވާހަކައިގާ، ފާއިތުވެ ދިޔަ ތަނުގައި އެމްޑީޕީ ވަރަށް ހާލުގައި އޮތް ދަނޑިވަޅު އެ ޕާޓީއަށް އެންމެ ބުރަ މަސައްކަތެއް ކޮށްދިން އެއް ގުނަންކަން ފާހަގަ ކުރެއްވިއެވެ.
ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބު ކެމްޕޭނުގައި ޕާލަމެންޓްރީ ގްރޫޕްގެ ފަރާތުން 100 އަށްވުރެ ގިނަ ރަށަށް ދަތުރު ކޮށްފައިވާނޭ ކަމަށާ، އެހެންކަމާއެކު ޕާޓީގެ އާންމު މެންބަރުންގެ ހިޔާލާއި ޝުއޫރު ވަރަށް ބޮޑަށް ޕާލަމެންޓްރީ ގްރޫޕަށް އެނގޭ ކަމަށްވެސް މީކާއީލް ވިދާޅުވި އެވެ.
ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ނާޒިލް ވިދާޅުވީ، މީކާއީލް އެމްޑީޕީގެ ޔޫތު ވިންގް ރައީސެއްގެ ގޮތުގައި ހުންނެވި އިރުން ފެށިގެން، އެމްޑީޕީ ގައުމީ މަޖިލީހުގައި އެކުގައި މަސައްކަތް ކުރިއިރު ޕާޓީއަށްޓަކައި މުހިންމު މަސައްކަތްތަކެއް ކުރެއްވި ކަމަށެވެ. އޭގެ ފަހުން 19 މަޖިލީހުގައިވެސް މީކާއީލްއާއެކު ވަރަށް ގިނަ މަސައްކަތްތަކެއް ކުރިކަން ނާޒިލް ފާހަގަ ކުރެއްވި އެވެ.
"ވަރަށް ބައިވަރު މަސައްކަތްތަކެއް އަޅުގަނޑުމެން ކުރީމު. ދިވެހިރައްޔިތުންނަށް ހާއްސަކޮށް އެމްޑީޕީގެ ލޮބުވެތި ހުރިހާ މެންބަރުންނަށް ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާނެ، މަޖިލީހުގެ ފުރަތަމަ އަހަރާއި ދެވަނަ އަހަރުގައި މަޖިލިސް މެންބަރުންގެ ގޮތުގައި އަޅުގަނޑުމެން ކުރި މަސައްކަތުގެ ނަތީޖާ ވަރަށް ފޮނި. އެ މަސައްކަތްތަކުގެ އެންމެ ބޮޑު އެއް ބައިވެރިއެއް އެމްޕީ މީކާއީލް އަކީ." ނާޒިލް ވިދާޅުވި އެވެ.
މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަރުންވެސް މީކާއީލް އަށް ތާއީދުކުރައްވާ ވަކިވަކިން ވާހަކަ ދެއްކެވި އެވެ. މީކާއީލް އަކީ އެމްޑީޕީ އިދާރީ ގޮތުން ހިންގުމުގެ އެންމެ އިސްވެރިޔަކަށް އިންތިހާބު ކުރުމަށް އެންމެ އެކަށޭނަ އަދި އެންމެ "އިތުބާރު" ކުރެވޭ ކެންޑިޑޭޓްކަން ފާހަގަ ކުރެއްވިއެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް މީކާއީލް އިންތިހާބްކޮށްދިނުން އެ މެންބަރުންގެ ފަރާތުން އެ މެންބަރުން ނިސްބަތްވެވަޑައިގަންނަވާ ދާއިރާތަކުގެ އެމްޑީޕީ މެންބަރުންގެ ކިބައިންވެސް އެދިވަޑައިގަތެވެ.
އަދި މީގެ ދެ މަހެއްހާ ދުވަސް ކުރިއްސުރެ ފެށިގެން ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުން، އެމްޑީޕީގެ ޗެއާޕާސަނަކަށް އޭނާ ހޮވުމަށް ކެމްޕޭން ކުރަމުން އަންނަކަން ފާހަގަ ކުރައްވައި އެކަމަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ. — ފިޔެސް


