ހިއްސާއަކަށް 85ރ. ގެ މަގުން ހިއްސާދާރުންނަށް ބަހަން އެސްޓީއޯގެ ބޯޑުން ނިންމައިފި

މިދިޔަ އަހަރު އެސްޓީއޯއަށް ލިބުނު ފައިދާއިން ހިއްސާއަކަށް 85ރ. ގެ މަގުން ހިއްސާދާރުންނަށް ބަހަން އެކުންފުނީގެ ބޯޑުން ނިންމައިފި އެވެ.

މިއީ ފަހުގެ ތާރީހެއްގައި އެކުންފުނިން ހިއްސާދާރުންނަށް ބަހާ އެންމެ ބޮޑު ހިއްސާގެ ފައިދާ އެވެ.

ވޭތުވެދިޔަ ތިން އަހަރު ވެސް އެސްޓީއޯއިން ހިއްސާދާރުންނަށް ބަހަމުން އައި ހިއްސާގެ ފައިދާ ވަނީ އެއް އަހަރުން އަހަރަށް ބޮޑުވެފަ އެވެ.

އެ ކުންފުނިން 2024 ވަނަ އަހަރުގެ ފައިދާ އިން ހިއްސާއަކަށް 80ރ.  ރޭޓުން ބަހާފައިވެ އެވެ. އެއީ އޭގެ ކުރީ އަހަރަށް ވުރު 3ރ. އިތުރު އަދަދެކެވެ. އެކުންފުނިން 2023 ވަނަ އަހަރު ހިއްސާދާރުންނަށް ބެހީ ހިއްސާއަކަށް 77ރ. މަގުންނެވެ.

މިއަހަރު ހިއްސާއަކަށް 85ރ. ރޭޓުން ފައިދާ ބަހަން ނިންމުމުން، މިއީ މިދިޔަ އަހަރު ބެހި އަދަދަށް ވުރެ  5ރ. އިތުރު އަދަދެކެވެ. ހިއްސާގެ ފައިދާ ބަހާނީ އަހަރީ އާންމު ޖަލްސާގައި ހިއްސާދާރުންގެ ވޯޓުން އެކަން ފާސްކުރުމުންނެވެ.

ރާއްޖޭގެ އެންމެ ބޮޑު ޓްރޭޑިން ކުންފުނި، އެސްޓީއޯ ގްރޫޕަށް މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 16.7 ބިލިއަން ރުފިޔާ ލިބުނު އިރު އެ ކުންފުންޏަށް އެކަނި އާމްދަނީގެ ގޮތުގައި 15.5 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި އެ ކުންފުނީގެ ސަބްސިޑަރީ ކުންފުނިތަކާ އެކު ފައިދާގެ ގޮތުގައި 785 މިލިއަން ރުފިޔާ ލިބުނު އިރު އެ ކުންފުންޏަށް އެކަނި ފައިދާގެ ގޮތުގައި 763 މިލިއަން ރުފިޔާ ލިބިފަ އެވެ. — މިހާރު

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *