"އަދަދު" ނޫހުން ގެނެސްދިން ވީޑިއޯ ޑޮކިއުމެންޓްރީއާ ގުޅޭ އެއްވެސް ވާހަކައެއް ނުފެތުމަށް ކްރިމިނަލް ކޯޓުން މިއަދު ނެރުނު އަމުރާ އެކު އިލެކްޝަން ކޮމިޝަން (އީސީ) އިން ޕާޓީތަކަށް އެންގުމެއް އަންގައިފި އެވެ.
އެ ކޮމިޝަނުން އެންގީ ޑޮކިއުމެންޓްރީގެ އެއްވެސް ވާހަކައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް ނުދެއްކުމަށް އެންމެންގެ މައްޗަށް ޝާމިލުވާ ގޮތަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރާ އެއްގޮތަށް ޕާޓީތަކުން ސިޔާސީ ހަރަކާތްތައް ހިންގުމަށެވެ.
ޕާޓީތަކަށް އިލެކްޝަން ކޮމިޝަނުން އެންގި އެންގުމުގައި ވަނީ ކޯޓު އަމުރުގެ ހުދޫދުގެ ތެރެއިން ސިޔާސީ ހަރަކާތްތައް ހިންގަން ދަންނަވާ ކަމަށެވެ.
އާންމުކޮށް އެންމެންގެ މައްޗަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި އަންގާފައިވާ ކަންކަން:
- – "އަދަދު" ނޫހުން އާންމުކުރި ވީޑިއޯ ޑޮކިއުމެންޓްރީ މުޖުތަމައުގެ ތެރޭގައި ދައުރު ނުކުރުމަށް
- – ޑޮކިއުމެންޓްރީގައިވާ އެއްވެސް ވާހަކައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް ނުދެއްކުން
- – ޑޮކިއުމެންޓްރީއާ ގުޅުވައި މައްސަލައިގެ ހަސްމަކާއި ނުވަތަ ކުށުގެ ޝިކާރައަކަށްީ މީހާގެ އެއްވެސް ވާހަކައެއް ނުދެއްކުން
- – މައްސަލައިގައި ހުށަހަޅާފައިވާ ލިޔުންތަކާއި ޝަރީއަތާ ގުޅުންހުރި މައުލޫމާތުތައް ނުފެތުރުން.
މިއިން ކޮންމެ ކަމަކީ ކޯޓުގެ ހުރުމަތް ކެނޑުން ކަމުގައި ބެލެވޭނެ ކަމަށް ވެސް އަމުރުގައި ބަޔާންކޮށްފައިވެ އެވެ.
މި އަމުރު ކްރިމިނަލް ކޯޓުގެ ގާޒީ މުޒައްމިލު ނާސިރު ނެރުއްވީ "އަދަދު"ގެ ސީއީއޯ ހުސެއިން ފިޔާޒު މޫސާ އަދި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ގަޒުފު ކުރުމުގެ ދައުވާ އުފުލައި، ވަކި ގޮތަކަށް އަމަލު ކުރަން އަންގާ އަމުރެއް ނެރެދޭން ދައުލަތުން މިއަދު އެދުމާ ގުޅިގެންނެވެ.


