ތިން ރައީސުންގެ ބައްދަލުވުމަށް ފަހު ފިޝަރީޒް މިނިސްޓަރު ޝިޔާމްގެ ޓްވީޓެއް: ދައްކަވަން ހުރިތަނެއް ދައްކަވާފަ ގެންދަވާނީ!

ރޭގައި ބެއްވި ކުރީގެ ތިން ރައީސުންގެ ބައްދަލުވުމާ ގުޅިގެން، ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ނުސީދާ ޕޯސްޓެއް ސޯޝަލް މީޑިއާގައި ކުރައްވައިފިއެވެ.

ނޫސްވެރިންގެ ދިފާއުގައި އެކުގައި މަސައްކަތް ކުރުމަށް ކަމަށް ވިދާޅުވެ، ކުރީގެ ތިން ރައީސުން ކަމަށްވާ މުހައްމަދު ނަޝީދާއި، އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އަދި އިބްރާހިމް މުޙައްމަދު ޞާލިހު ރޭގައިވަނީ ބައްދަލު ކުރައްވާފައެވެ.

އެ ބައްދަލުކުރެއްވުމުގައި މަޝްވަރާތަކެއް ކުރެއްވުމަށްފަހު، ފަހުން އެ ތިން ބޭފުޅުންވެސް ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާ، ނޫސްވެރިންގެ ސުވާލުތަކަށް ވެސް ޖަވާބު ދެއްވާފައެވެ.

ކުރީގެ މި ތިން ރައީސުންގެ ބައްދަލުވުމާ ގުޅިގެން ބައެއް މީހުން އެކަމަށް ތާއީދު ކުރިނަމަވެސް، އެ ބައްދަލުވުމާ ގުޅޭގޮތުން ބައެއް މީހުން ވަނީ ސޯޝަލް މީޑިއާގައި ފާޑުވެސް ކިޔާފައެވެ.

ޚާއްސަކޮށް އެ ތިން ރައީސުންނަކީ ވެސް ކުރިން އެކަކު އަނެކަކާ މައްސަލަތަކެއް ޖެހި، އެކަކު އަނެކަކާ އިދިކޮޅުވި ފަރާތްތަކެއްކަން ބައެއް މީހުން ފާހަގަ ކޮށްފައިވެއެވެ.

"ދައްކަވަން ހުރިތަނެއް ދައްކަވާފަ ގެންދަވާނީ" ތިން ރައީސުންގެ އެ ބައްދަލުވުމަށްފަހު، މިނިސްޓަރު ޝިޔާމް ’އެކްސް‘ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވެއެވެ.

އެ ޕޯސްޓުގައި މިނިސްޓަރު ޝިޔާމް އެ ވިދާޅުވެފައިވަނީ ސީދާ ކޮންކަމަކަށްކަން ތަފްސީލު ކޮށްދީފައިނުވިނަމަވެސް، އިޝާރާތް ކުރައްވާފައި އެވަނީ ތިން ރައީސުންގެ އެ ބައްދަލުވުމަށްކަމަށް ބެލެވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *