ތިން ރައީސުންނާ ގުޅޭ ގޮތުން ދައްކާނެ ލައްކަ ގިނަ ވާހަކަ އެބަހުރި ކަމަށް ބުނެ އަދީބުގެ ވަރުގަދަ ޓްވީޓެއް

ނޫސްވެރިކަމުގެ ދިފާއުގައި މަސައްކަތްކުރަން ނިންމާ، ކުރީގެ ތިން ރައީސުން ކަމަށްވާ މުހައްމަދު ނަޝީދާއި އަބްދުﷲ ޔާމީން އަދި އިބްރާހިމް މުހައްމަދު ސޯލިހު އެކުގައި ބައްދަލުވުމެއް ބޭއްވުމާއި ގުޅިގެން، އެ ބޭފުޅުންނާ ގުޅޭ ގޮތުން ދައްކާނެ ވަރަށް ގިނަ ވާހަކަ އެބަހުރި ކަމަށް ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ވިދާޅުވެއްޖެއެވެ.

އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި، ތިން ރައީސުން އެކުގައި ތިއްބެވި ފޮޓޯއެއް ހިއްސާ ކުރައްވަމުން އަދީބު ވިދާޅުވީ، އެ ބޭފުޅުންގެ މިރޭގެ މި ބައްދަލުވުމަށްފަހު ދައްކާލަން ލައްކަ ގިނަ ވާހަކަ އެބަހުރި“ ކަމަށެވެ.

މި ތިން ރައީސުން އެކުގައި ފެނިގެން މިދިޔައީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުން ގައުމު ސަލާމަތްކުރުމަށް އިދިކޮޅު ހުރިހާ ފަރާތްތަކުން އެކުގައި ނުކުތުމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ގޮވާލައްވާފައިވާ ދަނޑިވަޅެއްގައެވެ.

މިއީ ސިޔާސީ ގޮތުން ވާދަވެރި މި ތިން ބޭފުޅުން މިފަދަ ގޮތަކަށް ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ.

ތިން ރައީސުން ބައްދަލު ކުރައްވަން ނިންމެވުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ޕީއެންސީ ހަރުގޭގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އިދިކޮޅު ފަރާތްތަކަކީ އެކަކު އަނެކަކުގެ ކަރުގައި ހިފައި، ބުރަކައްޓަށް ވަޅި ޖަހާފައި ތިބި ބައެއް ކަމަށެވެ.

އެކަކު އަނެކަކުގެ ކަރުގައި ހިފައި، އެކަކު އަނެކަކުގެ ބުރަކައްޓަށް ވަޅި ޖަހާފައި ތިބި ފަރާތްތަކެއް އެއްވެގެން ގައުމޭ ކިޔާފައި ވާހަކަ ދައްކާއިރު ހުސް ފެއިލިއަރުން މިތިބީ،“ ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން މި ތިން ރައީސުން މާޒީގައި ހިންގާފައިވާ ކޮރަޕްޝަނާއި އަނިޔާވެރިކަމުގެ ވާހަކަ ފާހަގަކުރައްވައި، ވެންޓިލޭޓަރު މައްސަލައާއި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލަ ބަލައި ރައްޔިތުންނަށް ހައްގު ހޯދައިދިނުމަށް ކަމާގުޅޭ އިދާރާތަކަށް ރައީސް ވަނީ ގޮވާލައްވާފައެވެ.

ރައީސް އިތުރަށް ވިދާޅުވި ގޮތުގައި މިހާރު ރާއްޖޭގެ ޚާރިޖީ ސިޔާސަތު ވަނީ ވަކި އަތަކަށް ބުރަވުމުގެ ބަދަލުގައި، ބައިނަލްއަގުވާމީ މުޖުތަމައު ބަލައިގަންނަ އަދި ބަސްވިކޭ ސިޔާސަތަކަށް ބަދަލުކޮށްފައެވެ. ކުރިން އެހެން ގައުމުތަކާ ބައްދަލުކުރުމަށްވެސް ވަކި ގައުމެއްގެ ހުއްދަ ބޭނުންވި ޒަމާން ބަދަލުވެ، މިހާރު އިސްކަންދެނީ ދިވެހިންނަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ގައުމުގެ ހުރިހާ ކަމެއް ހަމަޖެހޭ މިސްރާބަކަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، މި ބަދަލުތަކުގެ ފޮނި ނަތީޖާ ވަރަށް އަވަހަށް ފެންނާނެ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *