ކޮމިޝަނާ އޮފް ޕޮލިސް އަހްމަދު މުހައްމަދު ރަސްމީ ދަތުރުފުޅެއްގައި މިސްރަށް ފުރާވަޑައިގެންފި އެވެ.
ދިވެހި ފުލުހުންގެ އިދާރާ އިން ބުނީ ކޮމިޝަނާގެ މިދަތުރުފުޅުގައި ސްރީލަންކާގެ ކޮލަމްބޯގައި ހުންނަ މިސްރުގެ އެމްބަސީން އިންތިޒާމުކޮށްގެން މިއަދުން ފެށިގެން މިމަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ދަތުރުފުޅުގައި، ދެ ގައުމުގެ ދެމެދުގައި ސަލާމަތީ ކަންކަމުގައި އެއްބާރުލުން ދިނުމާއި، ބޯޑަރު ހުރަސްކޮށް ހިންގާ ކުށްތައް ހުއްޓުވުމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކުރާނެ ކަމަށެވެ.
ކޮމިޝަނާގެ މި ދަތުރުފުޅުގައި މިސްރުގެ ނެޝަނަލް ސެކިއުރިޓީ ސެކްޓަރުގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށްވެސް ހަމަޖެހިފައިވެ އެވެ.
މީގެ އިތުރުން ރިހިބިލިޓޭޝަން އެންޑް ކަރެކްޝަނަލް ފެސިލިޓީތަކަށާއި ދިވެހި ފުލުހުންގެ ހިދުމަތަށް ބޭނުންތެރި ދާއިރާތަކުން ތަމްރީނުދޭ މަރުކަޒުތަކަށް ކޮމިޝަނާ ޒިޔާރަތްކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައިވެ އެވެ.
މި ދަތުރުފުޅުގެ ސަބަބުން މިސްރުގެ އިންޓީރިއާ މިނިސްޓްރީއާއި ދިވެހި ފުލުހުންގެ ހިދުމަތާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެ، ސަލާމަތީ ކަންކަމާއި ގާނޫނު ތަންފީޒުކުރުމުގެ ދާއިރާއިން ދެ ފަރާތުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި ގުޅިގެން ކުރެވޭ މަސައްކަތްތައް އިތުރުވެގެންދާނެ ކަމަށްވެސް ދިވެހި ފުލުހުންގެ އިދާރާ އިން ބުނެފައިވެ އެވެ.


