ސަރުކާރުގެ ހަރަދުތައް ހަމަޖެއްސުމަށް 2.7 ބިލިއަން ރުފިޔާ ޓީބިލް ވިއްކައިފި އެވެ.
ފިނޭންސް މިނިސްޓްރީން ވިއްކި ޓީބިލާ ބެހޭގޮތުން އާންމުކުރި މައުލޫމާތުން އެނގޭ ގޮތުގައި ޖުމްލަ ހަތަރު ޓީ-ބިލެއް ވިއްކާފައިވެ އެވެ.
މީގެ ތެރޭގައި ޖޫން 15 ވަނަ ދުވަހަށް އަނބުރާ ދައްކާ 305 މިލިއަން ރުފިޔާގެ ޓީބިލަކާއި އޮގަސްޓް 24 ވަނަ ދުވަހަށް އަނބުރާ ދައްކާ 100 މިލިއަން ރުފިޔާގެ ޓީބިލެއް ހިމެނެ އެވެ.
މީގެ އިތުރުން ނޮވެމްބަރު 16 ވަނަ ދުވަހުގެ ނިޔަލަށް އަނބުރާ ދައްކާ 50 މިލިއަން ރުފިޔާގެ ޓީބިލަކާއި އަންނަ އަހަރުގެ މޭ 10 ވަނަ ދުވަހުގެ ނިޔަލަށް އަނބުރާ ދައްކާ 2.2 ބިލިއަން ރުފިޔާގެ ޓީބިލެއް ހިމެނެ އެވެ.
ޓީބިލްތަކުގެ އިންޓްރެސްޓް ރޭޓް އުޅެނީ 3.50 ޕަސެންޓާއި 4.60 ޕަސެންޓާ ދެމެދުގަ އެވެ.
ސަރުކާރުން ވިއްކާ ޓީ ބިލްތައް ގަންނަނީ ޕެންޝަން ފަންޑާއި ބައެއް ބޭންކުތަކާއި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުންނެވެ. މީގެ އިތުރުން އަމިއްލަ ބައެއް ކުންފުނިތަކުންވެސް ޓީބިލް ގަނެ އެވެ.
ޓީ-ބިލްއަކީ ގަވަރުމަންޓް ސެކިއުރިޓީޒްގެ ތެރޭގައި ހިމެނޭ ކުރު މުއްދަތުގެ ސެކިއުރިޓީޒް އެވެ.
ރާއްޖޭގެ ސަރުކާރުން ދޫކުރާ ޓީބިލަކީ ދިވެހި ރުފިޔާ އިން ޑިސްކައުންޓް އަގެއްގައި ވިއްކުމަށް ހުށަހަޅައި މުއްދަތު ހަމަވުމުން ފޭސް ވެލިއު (މޫނުމަތީ އަގު) އަދާކުރާ ގޮތަށް ނަގާ ފައިސާ އެވެ.


