ސިޔާމް ކައިރިން ވަރިވެގެން ޒާރާ އަނެއްކާވެސް ނަށަން ފަށައިފި؛ ކަމަދޫ އީދު ފޯރި ލަވައިން ފެނިލައިފި

ބ. ކަމަދޫގައި ބޭއްވި އަޟްހާ އީދުގެ ކުޅިވަރުތަކުން ގިނަ ބައެއްގެ ސަމާލު ކަން ހޯދި އާމިނަތު ޒާރާ އަލުން ނެށުމުގެ ދާއިރާއާ ގުޅިއްޖެއެވެ.

ޒާރާ އަލުން ނަށަން ފެށިކަން އެނގުނީ މި އަހަރުގެ އަޟްހާ އީދާ ދިމާކޮށް ނެރުނު "ކަމަދޫ އީދު ފޯރި" ޕްރޮމޯޝަން ލަވައިން ޒާރާގެ ނެށުމުގެ ހަރަކާތްތައް ފެންނާތީއެވެ. މި ފަހުން އައި ކޮންމެ އަޟްހާ އީދަކާ ދިމާކޮށް ކަމަދޫން އަންނަނީ ޕްރޮމޯޝަނަލް ލަވައެއް ނެރެމުންނެވެ. އެގޮތުން، 2024 ވަނަ އަހަރު ނެރުނު ލަވައިގައި ޒާރާގެ ނެށުމުގެ ހަރަކާތްތައް ފެނުނު ނަމަވެސް، މިދިޔަ އަހަރު ނެރުނު ލަވައިގައި ޒާރާ ފެނިފައެއް ނުވެއެވެ.

ޒާރާގެ ފަހުގެ ފެނިލުމާއެކު، މިފަހަރުގެ އީދުގައި ކަމަދޫން އޭނާގެ ފަރި ހަރަކާތްތައް ފެންނާނެ ކަމަށް ބެލެވެއެވެ.

ވަގުތު އޮންލައިންގައިވާ ގޮތުގައި ގިނަ ދިވެހިންގެ މަގުބޫލުކަން ޒާރާއަށް ލިބުނީ 2024 ވަނަ އަހަރު ބޮޑު އީދު ފާހަގަކުރުމަށް ކަމަދޫގައި ބޭއްވި ފޯރިގަދަ ހަރަކާތްތަކުގެ ތެރެއިންނެވެ. ކަމަދޫއަކީ ކާބަފައިންގެ ޒަމާނުއްސުރެ ދިވެހި ސަގާފަތް އާލާ ކުރަމުން އަންނަ ނަމޫނާ ރަށެކެވެ.

ބޮޑުއީދު ފާހަގަކުރުމަށް ކަމަދޫގައި ބޭއްވި ފޯރިގަދަ ހަރަކާތްތަކުގެ ތެރެއިން އެންމެ ބޮޑު ސަމާލުކަމެއް ލިބިގެން ދިޔައީ ރީތި ފަރި ހަރަކާތްތަކާއެކު ލަވަޔަކަށް ނަށަން ހުރި ޒާރާއަށެވެ. ކަމަދޫގެ މަގެއް މަތީގައި ހުދު ކުލައިގެ ދިވެހި ލިބާހެއްގައި ހުރި ޒާރާގެ ރީތިކަމަށް ރާއްޖޭގެ އެކި ހިސާބުތަކުން އޭނާއަށް ތައުރީފް އޮހުނެވެ.

ޒާރާ އަށް ލިބުނު މަޝްހޫރު ކަމާ ހުރެ، މަޝްހޫރު ވިޔަފާރިވެރިޔާ ސަން ސިޔާމް ރިސޯޓްސްގެ ވެރިޔާ އަހުމަދު ސިޔާމް މުހައްމަދު (ސަން ސިޔާމް) ވަނީ ޒާރާއާ ކަައިވެނި ބައްލަވައިގަތުމަށް ނިންމަވައިފައެވެ. ރާއްޖޭގެ މީޑިއާތަކުގެ ސަމާލުކަން ލިބުނު އެ ކައިވެނި އޮތީ އޮކްޓޯބަރު 10، 2024 ގައެވެ. އެކަމަކު، އެ ކައިވެންޏަށް އަހަރެއް ނުވަނީސް ރޫޅާލާފައި ވަނީ މިދިޔަ އަހަރުގެ މެދުތެރޭގައެވެ. އެ ކައިވެނީގެ ރަނަކީ 2،024ރ. އެވެ.

ސިޔާމް އާއި ޒާރާގެ ރަން ކިޔުމުގެ ހަފްލާ އާއި ކައިވެނީގެ މުނާސަބަތުގައި ދެ ހަފްލާ ބޭއްވިއެވެ. އެއީ ކަމަދޫގަ އާއި ސިޔާމްގެ އޮޅުވެލި ރިސޯޓުގައި ބޭއްވި ކުލަގަދަ ހަފްލާތަކެވެ.

ސިޔާމް، ޒާރާއާ ކައިވެނި ބައްލަވައިގެންނެވިއިރު ވެސް ހުންނެވީ މޮރޮކޯގެ ބޭފުޅަކާ ކައިވެނި ބައްލަވައިގެންނެވެ. އެ ކައިވެނި އެގޮތުގައި ދެމިއެބައޮތެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *