ނާޒިމް މަޖިލީހުގެ ނައިބް ރައީސްކަމުގެ ފަހު ވަގުތު ކޮޅު: މަޖިލީހުގެ މިއަދުގެ ޖަލްސާގެ އެޖެންޑާގައި ނާޒިމް ވަކިކުރުމުގެ މައްސަލަ އެކަނި

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ކަމުން ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމު ވަކިކުރުމުގެ ވޯޓު ނެގުމަށް ބާއްވާ މަޖިލީހުގެ މިއަދު ހެނދުނު 09:00 ގައި ބޭއްވުމަށް ތާވަލުކޮށްފިއެވެ.

މި ޖަލްސާގެ އެޖެންޑާގައި ހަމައެކަނި އޮތީ، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން އަހުމަދު ނާޒިމް ވަކިކުރުމަށް ހުށަހަޅާފައިވާ ގަރާރުގެ މަސައްކަތް ކުރިއަށް ގެންދިއުމެވެ.

މަޖިލީހުގެ އާއްމު ކޮމިޓީން ފާއިތުވި ހަފުތާގައި ވަނީ މި މައްސަލަ ކުރިއަށްގެންދާނެ ގޮތް ކަނޑައަޅާފައެވެ. އެ ކޮމިޓީން ނިންމާފައިވަނީ މުޅި މައްސަލައަށް އެއް ގަޑިއިރުގެ ވަގުތެއް ކަނޑައެޅުމަށެވެ. މީގެ ތެރެއިން މެންބަރުން ވާހަކަދެއްކުމަށް 50 މިނިޓު ހާއްސަކޮށްފައިވާއިރު، އޭނާގެ މައްޗަށް ހުށަހެޅިފައިވާ މައްސަލައަށް ޖަވާބުދާރީވެވަޑައިގަތުމަށް ނާޒިމަށް 10 މިނިޓުގެ ވަގުތެއް ދިނުމަށް ވަނީ ނިންމާފައެވެ.

ނާޒިމް މަގާމުން ވަކިކުރުމަށް ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޕާލިމަންޓަރީ ގުރޫޕުން ފާސްކުރީ މިދިޔަ މޭ މަހުގެ 13 ވަނަ ދުވަހު ބޭއްވި ބައްދަލުވުމެއްގައެވެ. މި ނިންމުން ނިންމާފައިވަނީ ނާޒިމުގެ މައްޗަށް އިތުބާރު ނެތުމުގެ ސަބަބުން ކަމަށް އެ ޕާޓީން ބުނެފައިވެއެވެ. އަދި އެ ނިންމުމާ ގުޅިގެން މޭ މަހުގެ 14 ވަނަ ދުވަހު އޭނާ މަގާމުން ވަކިކުރުމަށް 73 މެންބަރުންގެ ސޮޔާއެކު މަޖިލީހަށް ވަނީ ހުށަހަޅާފައެވެ.

މަޖިލީހުގެ ގަވާއިދުގައި ބަޔާންކުރާ ގޮތުން މަޖިލީހުގެ ނައިބުރައީސް މަގާމުން ވަކިކުރުމަށް ބޭނުންވަނީ އެ މައްސަލަަ ކުރިއަށްގެންދާ ޖަލްސާގައި ބައިވެރިވާ މެންބަރުންގެ އަޣުލަބިއްޔަތު ވޯޓެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *