"ދަ ޕަލްސް": ރައީސްގެ އާ ޕޮޑްކާސްޓެއް، ރައްޔިތުންގެ ވިންދާ ހަމައަށް ވާސިލްވެވިދާނެތަ؟

ރައްޔިތުންގެ ކަންބޮޑުވުންތަކާއި މުޖުތަމަޢުގެ މުހިންމު މައުޟޫޢުތަކަށް އަމާޒު ކޮށްގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ”ދަ ޕަލްސް“ ގެ ނަމުގައި އައު ޕޮޑްކާސްޓް ސިލްސިލާއެއް ފަށައިފިއެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި މި ޕޮޑްކާސްޓަކީ ރައްޔިތުންގެ ވިންދާ ގުޅޭ ދާއިރާތަކުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ވިސްނުންފުޅުތަކާއި ސަރުކާރުގެ ސިޔާސަތުތައް ހާމަކުރުމަށް ފަރުމާކޮށްފައިވާ ޕްރޮގްރާމެކެވެ.

މި ސިލްސިލާގެ ފުރަތަމަ އެޕިސޯޑް ދުނިޔޭގެ ތިމާވެށީގެ ދުވަހާ ގުޅުވައިގެން ތިމާވެށީގެ މައުޟޫޢަށް ޚާއްޞަކޮށްފައިވާއިރު، ރަށްރަށަށް އުދައެރުމާއި، ކުނި ނައްތާލުމުގެ ދަތިތަކާއި، ބިން ހިއްކުމުގެ ސަބަބުން ކުރިމަތިވާ ތިމާވެށީގެ މައްސަލަތަކާ ގުޅޭ ގޮތުން އާންމުން ފާޅުކުރި ޚިޔާލުތަކަށް ރައީސް ވަނީ ޖަވާބުދާރީވެވަޑައިގެންފައެވެ.

ރައީސް ފާހަގަ ކުރެއްވި ގޮތުގައި ރާއްޖެއަކީ ތިމާވެށީގެ ގޮތުން ނާޒުކު ޤައުމަކަށް ވީނަމަވެސް، ރާއްޖެއަކީ މިދާއިރާއިން ދުނިޔޭގައި ލީޑަރޝިޕް ނަގާނެ ޤައުމެކެވެ.

ތަރައްޤީ އާއި ތިމާވެށި ހިމާޔަތް ކުރުމަކީ ގުޅިލާމެހިފައިވާ ދެ ކަންތައްކަން ފާހަގަ ކުރައްވަމުން، ސަރުކާރުން ކުރިއަށްގެންދާ 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގައި ހުރިހާ ރައްޔިތުން ބައިވެރިވުމަށް ރައީސް އިލްތިމާސް ކުރެއްވިއެވެ.

"ދަ ޕަލްސް“ ޕޮޑްކާސްޓްގެ ދެވަނަ ބައި ކުރިއަށް ގެންދަވަނީ ރާއްޖޭގެ ޒިންމާދާރު ނޫސްވެރިއަކަށް ނުވަތަ މީޑިއާއަކަށް، އެކްސްލޫސިވް ބަސްދީގަތުމެއް ދެއްވާ ގޮތަށެވެ. އެގޮތުން ފުރަތަމަ އެޕިސޯޑުގައި ބައިވެރިވެވަޑައިގަތީ ވަގުތު ނޫހުގެ ފަރާތުން ޔާމީން މުޙައްމަދެވެ.

މި ސިލްސިލާގެ ފުރަތަމަ އެޕިސޯޑް ފައްޓަވަމުން، ސަރުކާރުގެ އިސް ތަރުޖަމާނު ވަނީ، ”ދަ ޕަލްސް“އަކީ އެވަގުތެއްގައި، ރައްޔިތުންގެ ވިންދު، އެކަމަކާ ގުޅިފައިވާ ކޮންމެވެސް އެއް މައުޟޫޢެއް ނުވަތަ ކޮންމެވެސް އެއް ދާއިރާއަކަށް އަމާޒު ކުރައްވައިގެން، އެކަމަކާ ގުޅޭ ގޮތުން ރައްޔިތުންގެ ވިންދު ހުރި ގޮތް، ދެނެގަނެވޭތޯ މަސައްކަތްކުރައްވައިގެން، އެކަންކަން ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅުއްވައިގެންނެވެ.

އަދި ތަރުޖަމާނު ވަނީ މި ޕްރޮގްރާމަކީ، ރައީސް އެކަމާ މެދު ދެކެވަޑައިގަންނަވާ ގޮތް، ނުވަތަ އެ ދާއިރާއެއްގައި އެމަނިކުފާނު ގެންގުޅުއްވާ ސިޔާސަތުތައް، އަދި އެ ދާއިރާއަކުން ސަރުކާރުގެ މަސައްކަތްތައް ހުރިނެތްގޮތް ހިއްސާކުރެއްވުމަށް އެކުލަވާލެވިފައިވާ ޚާއްޞަ ޕްރޮގްރާމެއްކަން ފާހަގަ ކުރައްވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *