ކަނޑުތައް ހޫނުވުމާއި ފަރުތައް ހުދުވުމުގެ މައްސަލައަށް ބައިނަލްއަޤުވާމީ ފެންވަރުގައި އަވަސް ހައްލެއް ހޯދުމަށް ގޮވާލައްވައިފި

ދުނިޔޭގެ ކަނޑުތަކުގެ ދުވަހާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވި މެސެޖެއްގައި، ކަނޑުތައް ހޫނުވުމާއި ފަރުތައް ހުދުވުމުގެ މައްސަލައަށް ބައިނަލްއަޤުވާމީ ފެންވަރުގައި އަވަސް ހައްލެއް ހޯދުމަށް ގޮވާލައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އެކްސް އެކައުންޓް މެދުވެރިކުރައްވައި ފޮނުއްވި މި މެސެޖުގައި ވިދާޅުވީ، ދުޅަހެޔޮ ކަނޑުތަކަކީ ދިރުންތަކަށާއި ދުނިޔޭގެ މުސްތަގުބަލަށް ކޮންމެހެން ބޭނުންތެރި އެއްޗެއް ކަމަށެވެ. އަދި ކަނޑުތަކާ ދިވެހިންނާ އޮތް ގުޅުމަކީ ވަރަށް ފުން އަދި ޒާތީ ގުޅުމެއްކަން ފާހަގަކުރައްވައި، މިއީ ރާއްޖޭގެ އިގްތިސާދާއި، ކާނާގެ ރައްކާތެރިކަމާއި، ތިމާވެށީގެ ދެމެހެއްޓެނިވިކަމާ ސީދާ ގުޅިފައިވާ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖޭގެ ކަނޑުތައް ހިމާޔަތްކުރުމަށް ސަރުކާރުން ގެންގުޅޭ ދުރާލައި ރޭވިފައިވާ ސިޔާސަތުތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދެމެހެއްޓެނިވި މަސްވެރިކަމާއި، ކަނޑުގެ ދިރާސާތައް ވަރުގަދަކުރުމާއި، ފަރުތަކުގެ ދުޅަހެޔޮކަން ބެލެހެއްޓުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. މީގެ އިތުރުން ފަރުތައް އާލާކުރުމާއި، މޫސުމީ ބަދަލުތަކުން ކުރާ އަސަރުތަކަށް ކެތްކުރެވޭނެ ފަދަ ހެކިތަކުގެ މައްޗަށް ބިނާވެފައިވާ ފިޔަވަޅުތައް އެޅުމަށް އިސްކަންދޭނެ ކަމަށްވެސް ވިދާޅުވިއެވެ.

"ކަނޑުތައް ހޫނުވުމާއި، ފަރުތައް ހުދުވުމާއި، ގޮނޑުދޮށްތައް ގިރުމުގެ މައްސަލަ ދަނީ އިތުރުވަމުން. އެހެންކަމުން ކަނޑުތައް ހިމާޔަތްކުރުމަށްޓަކައި ބައިނަލްއަޤުވާމީ އެއްބާރުލުން މިހާރަށްވުރެ ބޮޑަށް ބޭނުންވޭ،" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި މެސެޖު ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އެންމެންގެ ދިރިއުޅުމުގެ އަސާސްކަމުގައިވާ ކަނޑުތައް ހިމާޔަތްކުރުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމުގެ އުޒުމް އާކުރުމަށް ގޮވާލައްވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *