މުހައްމަދު ޒާޖީ އިސްމާޢީލު ވެހިކަލްގެ ވިޔަފާރީގެ ތެރެއަށް ވަނީ ފައިދާހުރި ވިޔަފާރިއެއް ކުރުމުގެ ބޭނުމުގައެވެ. އެއްވެސް ހާލެއްގައި ބަޔަކަށް ލަނޑެއްދީ، ބަޔެއްގެ ފައިސާ ނުހައްގުން ބޭނުން ކުރާކަށް ނޫނެވެ. އެހެންނަމަވެސް ވެހިކަލް ގަތުމަށް މީހުން އޭނާގެ ކުންފުންޏާ ހަވާލުުކުރި ފައިސާ، ވެހިކަލް ގެނެސްދިނުމަށް ވައުދުވި އެހެން މީހަކާ ހަވާލުކުރުމުން އެފައިސާއަށް އޭނާ ބޮޑުތަނުން ހިޔާނާތްވެ، މުހައްމަދު ޒާޖީ އިސްމާޢީލަށް އެތައް މިލިއަނެއްގެ ދަރަންޏަކާ ކުރިމަތިލާން ޖެހުނެވެ.
ކަމުގެ ހަގީގަތް އެނގޭ މީހަކު ކިޔައިދިން ގޮތުގައި އެކަމުގައި އޭނާގެ ޕާޓުނަރަކު އޭނާއަށް މަކަރާ ހީލަތް ހެދުމުން ޒާޖީއަށް ވަނީ ނަފްސާނީ ގޮތުން ވަރަށް ބޮޑަށް އަަސަރުކޮށްފައެވެ. އެހެންކަމުން އެފައިސާއަށް ވީ ގޮތެއް ހޯދަން މަސައްކަތް ކުރުމުގެ ބަދަލުގައި ޒާޖީގެ ބައްޕަ އިސްމާޢީލް ސުޖާއު ބޭނުންވީ ކޮންމެ ގޮތެއް ހަދައިގެން ނަމަވެސް އޭނާގެ ފިރިހެން ދަރިފުޅުގެ ބޮލުގައި އެޅިފައިވާ އިލްޒާމްތަކުން އޭނާ ސަލާމަތްކޮށްދިނުމަށް އެ ހުރިހާ ދަރަންޏެއް ދައްކާ ހަލާސްކޮށްދިނުމަށެވެ.
އެހިސާބުން ޒާޖީގެ އެހީތެރިކަމާއެކު ފައިސާ ދޭން ޖެހޭ މީހުންގެ މައުލޫމާތު ސާފުކޮށް އެމީހުންނަށް އެފައިސާ ދެއްކުމުގެ ޒިންމާ އިސްމާޢީލް ސުޖާއު ނަގާ ކަމަށާއި ލަސްތަކެއް ނުވެ އެފައިސާ ދައްކާ ހަލާސްކޮށްދޭނެ ކަމަށް ވެސް ޒާޖީގެ ބައްޕަ ވަނީ އެފަރާތްތަކަށް އަންގާފައެވެ.
ކަންހިނގާފައިވާ ގޮތް އެނގޭ މީހަކު ކިޔައިދިން ގޮތުގައި އިސްމާއީލް ސުޖާޢު ވަރަށް ބުރަ މަސައްކަތުން އެކި ގޮތްގޮތުން ފައިސާ ހޯދައިގެން، މިހާތަނަށް ޒާޖީ ފައިސާ ދޭން ޖެހޭ މީހުންގެ ތެރެއިން 70 އިންސައްތަ މީހުންނަށް ވަނީ ފައިސާގެ ކަންކަން ހަލާސްކޮށްފައެވެ. އަދި ދެން ތިބި މީހުންނަށް ދައްކަން ޖެހޭ ފައިސާ ކުރިއަށް އޮތް ހަފުތާއެއް، ދެހަފުތާ ތެރޭގައި ދައްކާ ނިންމާނެ ކަމަށްވެސް އެމީހާ ބުންޏެވެ.
"އެންމެނަށްވެސް އެދަނީ ބަރާބަރަށް ފައިސާ ދެމުން. ހަމަ ލިބޭ ވަރުން ދަރަނި އަދާކޮށް ނިންމަމުން އެދަނީ. ބައްޕައަކު ދަރިއަކަށްޓަކައި ސުޖާއު އެވަނީ ވަރަށް ބޮޑު އަދި ނަމޫނާ ގުރުބާނީއެއް. މީޑިއާގައި ފައިސާ ނުދައްކާ ކަމަށް އެލިޔަނީ ކަނޑައެޅިގެން ގޯހުން."އޭނާ ކިޔައިދިނެވެ. "ފުލުހުންނަށްވެސް އެނގޭނެ ޒާޖީގެ ދަރަނި އޭނާގެ ބައްޕަ ސުޖާއު ދައްކަމުން އެބަ ގެންދާކަން. ޒާޖީ ހުރީ ފުލައިގެން ގޮހެއް ނޫން. އޭނާ ހުރީ ބޭސް ފަރުވާއަކަށް ގޮސް. އޭނާއާ ހަމަ ބަރާބަރަށް މުއާމަލާތު ކުރެވޭނެ. އޭނާއާ ކުރަން ޖެހޭ މުއާމަލާތު އޭނާގެ ބައްޕައާއެކުވެސް ކުރެވޭނެ. މިކަމުގައި އެއްވެސް އޮޅުވާލުމެއް ނެތް."
ފައިސާ ލިބުނު ބައެއް މީހުންވެސް މި ނޫހަށް ވަނީ އެވާހަކަތައް ކިޔައިދީފައެވެ. އެމީހުން ބުނި ގޮތުގައި ޒާޖީގެ ބައްޕަ ގެންދަނީ އެއްބަސްވި ގޮތަށް ބަރާބަރަށް ފައިސާ ދައްކަމުންނެވެ.
"އަހަރެންނަށް އެއްބަސްވި ގޮތަށް ފައިސާ ދީ ނިންމައިފި. އަހަރެން ދަންނަ އިތުރު ބަޔަކަށްވެސް ފައިސާ ދައްކަ ދީފި. އެގޮތަށް ބަހާލައިގެން ދައްކަމުން އެގެންދަނީ. އެވަރުގެ ބޮޑު އަދަދެއްގެ ފައިސާ، ޕޮލިހުން މެދުވެރިނުކޮށް، ކޯޓަށް ނުގޮސް އަސްލު ނިޒަމާނުގައި ބައިރުފިޔާއެއްވެސް ނުލިބޭނެ. އެކަމަކު ޒާޖީގެ ބައްޕަ އެގެންދަނީ ހުރިހާ ފައިސާއެއް ދައްކަމުން. އަސްލު އަހަރެމެން ވަރަށް ބޮޑަށް ޝުކުރުވެރިވަން،" ފައިސާ ލިބުނު މީހަކު މި ނޫހަށް ކިޔައިދިނެވެ. "ނުކުތާ ނޫހުގައި ކަނޑައެޅިގެން އެއޮތީ ގޯސް ވާހަކަތަކެއް. މީހުންނަށް ފައިސާ ނުދޭ ވާހަކަ އަކީ ދޮގެއް. ފައިސާ ބަރާބަރަށް ދެމުން ގެންދަނީ. ޒާޖީ އުޅެނީ ފިލައިގެނެެއްވެސް ނޫން."


