މިއީ އީރާނުގެ ހިތާއި ހިސާބަށް ކޮނެގެން ވަދެ ޖާސޫސުކުރި އަންހެނެއްގެ ވާހަކައެވެ. އަދި އީރާނުގެ އެންމެ މަތީ އިސްވާރުންގެ އަނބިންގެ ދުލުން އެމީހުންގެ ފިރިންނާއި ބެހޭ ވާހަކަތައް ހޯދާ، އެމީހުން ޝަހީދުކުރުވި ޖާސޫސުގެ ވާހަކައެވެ.
ކެތަރިން ޕެރޭޒް ޝަކްދަމް އަކީ ފުރާންސުގެ ޒުވާން އަންހެނެކެވެ. އޭނާ އިސްލާމްދީނަށް ވަނުމަށްފަހު ފާޅުގައި ޝިޔައީއެއް ކަމަށް އިޢުލާން ކުރިއެވެ. އޭނާ އީރާނުގެ އިންގިލާބަށް ތައުރީފުކޮށް، ވިލާޔަތަށް ތާއީދުކޮށް ވާހަކަ ދައްކާ ހެދިއެވެ. އަދި އީރާނުގެ އެންމެ މަތީ ލީޑަރު އާޔަތު الله ޚާމަނާއީގެ ވެބްސައިޓުގައި ވެސް އޭނާގެ ލިޔުންތައް ޝާއިއު ކުރަން ފެށިއެވެ.
އެކަމަކު، މި ހުރިހާ ކަމެއް ވީ ހަމައެކަނި ޖާސޫސީ ނިގާބެއްގެ ނިވަލުގައި ހުރެ، އޭނާއާއި ހަވާލުކޮށްފައިވާ ވަރަށް ޚާއްސަ މިޝަންއެއް ފުރިހަމަ ކުރުމަށް އޭނާ ކުރި ދަތުރަކަށެވެ. ހަގީގަތުގައި އޭނާގެ ފަހަތުގައި އޮތީ، އިޒުރޭލުގެ ޖާސޫސީ އިދާރާ މޮސާދުގެ އަތެވެ. އެއީ އީރާނުގެ ވެރިކަމުގެ އެތެރޭގައި ހިނގާ ހުރިހާ ކަމެއް ދެނެގަނެ، އީރާނުގެ ތެރޭގައި ހަމަނުޖެހުން ހިންގުމަށް މޮސާދުން އަތުރާލި ރާޒުވާ ކުޅިބައެކެވެ. ކެތަރިން އަކީ، އެ ރާޒުވާ ކުޅިބައިގެ ކުޑަކުޑަ މަނަލެކެވެ.
ކެތަރިން އީރާނަށް އެތެރެވީ އާދައިގެ ޖާސޫސެއްގެ ގޮތުގައި ނޫނެވެ. އެކަމަކު އޭނާ އީރާނަށް އެތެރެވީ ލިޔުންތެރިއެއްގެ ގޮތުގައެވެ. ނޫސްވެރިއެއްގެ ގޮތުގައެވެ. އަދި މުފައްކިރެއްގެ ގޮތުގައެވެ. އީރާނުގެ ސިޔާސީ ބޭފުޅުންނާ ބައްދަލުކޮށް، އީރާނުގެ އިންޤިލާބީ ގާޑުންނާއެކު ބައްދަލުވުންތައް ބާއްވައި، އެންމެފަހުން އިބްރާހިމް ރައިސީއާ ވެސް ބައްދަލުކުރިއެވެ. އަދި "ތަޙުޤީޤީ ނޫސްވެރިކަމުގެ" ޓެގު އަޅުވައިގެން އީރާނުގެ ޚައްސާސީ ސަރަހައްދުތަކަށް ޒިޔާރަތްކުރިއެވެ.
އެކަމަކު މިކަމުގެ އެންމެ ނުރައްކާތެރި ފްރަންޓަކީ: އީރާނުގެ މަތީ ފެންވަރުގެ އިސްވާރުންގެ އަނބިންގެ އަމިއްލަ މެހެފިލްތަކަށް ވަދެ އެމީހުންނާއެކު ބޭއްވި ބައްދަލުވުންތަކެވެ.
އީރާނުގެ މަތީ ފަންތީގެ އިސްވާރުންނާއި، އަސްކަރީ އޮފިސަރުންނާއި، ސައިންސްވެރިންގެ އަނބިންނާއި ވަރަށް ގާތް ގުޅުމެއް އުފެއްދިއެވެ. އެމީހުންނާ ގާތް ގުޅުންތަކެއް އުފެދި، އެމީހުންގެ ހިތްތައް ކާމިޔާބު ކުރުމުގެ ސަބަބުން އެމީހުންގެ މެދުގައި އޭނާއަކީ އެމީހުންގެ "އުޚުތެއް" ކަމުގައި، އެމީހުން ދެކެން ބަލަން ފެށިއެވެ.
ދެން އެމީހުން ފިރިމީހާގެ އަމިއްލަ ދިރިއުޅުމާއި، ދިރިއުޅޭ ތަންތަނާއި، ދަތުރުތަކާއި، ސެކިއުރިޓީއާއި، އަދި ދުވަހުން ދުވަހަށް ކުރާ ކަންތައްތަކާއި ބެހޭގޮތުން ފަސްޖެހުމެއް ނެތި އެމީހުން އޭނައާއި ވާހަކަ ދައްކަން ފެށިއެވެ.
އެމީހުން ދެއްކި ކޮންމެ ވާހަކައެއް، އޭނާ ދިޔައީ ރެކޯޑް ކުރަމުންނެވެ. އަދި އެ ހުރިހާ މަޢުލޫމާތެއް ދިޔައީ ވަގުތުން ވަގުތަށް އިޒްރޭލުގެ ޖާސޫސީ އިދާރާ މޮސާދާއި ހިއްސާ ކުރަމުންނެވެ.
އެ މައުލޫމާތުގެ އަލީގައި، އީރާނުގެ މަތީ ފެންވަރުގެ އިސްވާރުންނަށް ހަމަލާދީ އެމީހުން ޝަހީދުކޮށްލުމަށް ދުރާލާ މޮސާދުން ދިޔައީ ތައްޔާރު ވަމުންނެވެ. އީރާނުގެ އިސްވާރުންގެ އަނބިންގެ މައުސޫމް ބަސްތަކުން، އެންމެފަހުން އެމީހުންގެ ފިރިން ޝަހީދުވީއެވެ. އެމީހުން ކެތަރިންއާ ވާހަކަ ދެއްކިއިރު، އެވާހަކަތައް އެއީ އެންމެފަހުން އެމީހުންގެ މަރާއި ގުޅިފައިވާ ވާހަކަތަކެއް ކަމެއް، އެމީހުންގެ ހިތަކަށް ނާރައެވެ.
އޭނާގެ މައްޗަށް ޖާސޫސުކުރުމުގެ ތުހުމަތު ކުރެވުނު އިރު، އޭނާ ވަނީ އީރާނު ދޫކޮށް ވަގުތުން ފިލައިގެން ގޮސްފައެވެ. އޭރު އެއީ އީރާނުން ބޭރުވުމުގެ މަގުތައް ބަންދު ކުރުމުގެ މާ ކުރިއެވެ.
އޭރު އޭނާ ވަނީ، އޭނާއާ ހަވާލުކުރެވުނު މިޝަން ކާމިޔާބު ކަމާއެކު ނިންމާލާފައެވެ. އޭނާ ވަނީ އީރާނުގެ ހިތާއި ހިސާބަށް ވާސިލުވެ، އެ ހިތަށް ޝިފާއެއް ނެތް ޒަޚަމުތަކެއް ދީފައެވެ. އޭރުވެސް އަދި މިއަދުވެސް އީރާނަށް ކުރިމަތިލާން ޖެހިފައި އެވަނީ، އެ ޒަޚަމުތަކުގެ ސަބަބުން ކުރިމަތިވި ރިހުންތަކާއެވެ.
އިޒުރޭލުން އަންނަނީ އީރާނުގެ ޗެމްބަރުތަކާއި ގެތަކުން ކެތަރިންއަށް ލިބުނު މައުލޫމާތުގެ މައްޗަށް ބިނާކޮށް ސިއްރު އަދި މަރުގެ އޮޕަރޭޝަންތައް ހިންގަމުންނެވެ.
މިއީ ހަމައެކަނި ޖާސޫސީ ވާހަކައެއް ނޫނެވެ. އެކަމަކު ދައުލަތެއްގެ ސަލާމަތާއި ގުޅިފައިވާ ބޮޑު ނާކާމިޔާބީއެއްގެ ވާހަކައެވެ.
މި ޒަމާނުގައި، ހަނގުރާމަތައް ކުރެވެނީ ހަމައެކަނި ބަޑިޔާއި، ބޮމާއި އަދި މިސައިލަކުން ނޫނެވެ. އެކަމަކު ވާހަކައާއި ވަކިން ޚާއްޞަކޮށް އަންހެނުންގެ މެދުގައި ދެކެވޭ ވާހަކަތަކުގެ އަލީގައި ލިބޭ މަޢުލޫމާތަކީވެސް، ވަރަށް އިސްތިރާޖީ ހަތިޔާރެކެވެ.
މި ސަލާމަތީ ނުރައްކަލުން އީރާނަށް އަރައިގަނެވޭނެ ހެއްޔެވެ؟ އަދި މިއަދު އިސްލާމީ އެހެން އެއްވެސް ޤައުމެއްގައި މިކަހަލަ "ކެތަރިން" އެއް ހަރަކާތްތެރި ނުވޭ ހެއްޔެވެ؟


