ރާއްޖޭގައި ޕޭޕަލް ހިދުމަތް ތައާރަފްކުރުމުގެ އިންތިޒާމުތައް ހަމަޖެހިއްޖެއެވެ.
މިކަން ހާމަކޮށް އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ޕޭޕަލްއާއެކު ރާއްޖޭގެ ޕާޓްނަރެއްގެ ގޮތުގައި އުރީދޫ ފިންޓެކް ގުޅިގެން ޕޭފަލްގެ ހިދުމަތް ތައާރަފު ކުރުމަށް ހަމަޖެހުމަކީ ޑިޖިޓަލް ޓެކްނޮލޮޖީގެ ދާއިރާއިން ރާއްޖޭގެ އިގްތިސާދަށް ތަރައްގީ ގެނައުމަށް ކުރަމުންދާ މަސައްކަތުގެ މައި އެއް ލަނޑުދަނޑި ހާސިލްވުން ކަމަށެވެ.
އަދި އުފަލާއެކު އެކަން ފާހަގަކޮށް މިނިސްޓްރީން ވަނީ މަރުހަބާ ކިޔާފައެވެ.
މިނިސްޓްރީން ބުނީ ފަންނުވެރިން ކުރިއަރުވާ ޑިޖިޓަލް އަދި ކްރިއޭޓިވް އިކޮނޮމީގެ ޒަރިއްޔާއިން އިގްތިސާދުގެ އުފެއްދުންތެރިކަން އިތުރުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންމެ މުހިންމު އެއް އަމާޒު ކަމަށެވެ.
އެގޮތުން ރާއްޖޭގެ ތާރީހުގައި އަލަށް ފަށާ އެ މުހިންމު ހިދުމަތަކީ ފައިސާގެ މުއާމަލާތްތައް ކުރާ ޒަމާނީ އަދި ލުއިފަސޭހަ ވަސީލަތްތައް ތައާރަފުކުރުމާއި ރާއްޖޭގައި ބޭނުންކުރަމުންދާ ޑިޖިޓަލް ވޮލެޓްގެ ހިދުމަތް އިތުރަށް ހަރުދަނާކޮށް ދުނިޔޭގައި ފައިސާގެ މުއާމަލާތްތައް ކުރެވޭ ޑިޖިޓަލް މަންސަތަކުގެ އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ހިދުމަތްތައް ރާއްޖެއިން ލިބޭނެ ގޮތަށް މަގުފަހި ކޮށްދިނުމަށް ސަރުކާރުން ވެފައިވާ ވައުދު ފުއްދުން ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.
“މިކަމުގެ ސަބަބުން ދިވެހި ވިޔަފާރިތަކަށާއި ފްރީލާންސްކޮށް މަސައްކަތް ކުރާ ފަރާތްތަކަށާއި ކޮންޓެންޓް ކްރިއޭޓަރުންނަށް ދުނިޔޭގެ ޑިޖިޓަލް އިގްތިސާދުގައި ހަރަކާތްތެރިވުމަށް ފުރުސަތު ފަހިވާނެ“ މިނިސްޓްރީން ބުނެފައި ވެއެވެ.
ހަމައެހެންމެ އެފަދަ ހިދުމަތްތައް ގައުމުގައި ފަށައިގަތުމަށް ފުރިހަމަ ކުރަންޖެހޭ ކަންކަން ގިނަ ކަމަށާއި ފަންނީ އަދި މާލީ ޒަމާނީ މުއާމަލާތްތައް ކުރުމުގައި ރާއްޖެފަދަ ގައުމުތަކަށް ޒަމާނުއްސުރެ ކުރިމަތިވެފައި ހުރި ދަތިތަކުން އަރައިގަނެ، އެފަދަ ބައިނަލްއަގްވާމީ ހިދުމަތްތައް ރާއްޖޭގައި ފަށައިގަތުމަށް ސަރުކާރުން ނުހަނު ބޮޑު އިސްކަމެއްދީ އެތަކެއް ގޮންޖެހުންތަކެއް ކުރިމަތިވެ އެ ހުރަސްތައް ކަޑަތުކޮށްފައިވާ ކަމަށް ވެސް މިނިސްޓްރީން ބުނެފައި ވެއެވެ.
“އެ ހިދުމަތް ތައާރަފު ކުރުމަށް ޕޭފަލް އަދި ކަމާ ގުޅޭ ފަރާތްތަކާއެކު ވަރަށް ގިނަ މަސައްކަތްތަކެއް ފާއިތުވެދިޔަ ދެ އަހަރުގެ ތެރޭގައި ވަނީ ކުރެވިފައެވެ. އެހެނަކަމުން ޕޭޕަލްގެ ހިދުމަތް ރާއްޖޭގައި ފެށިގެންދިއުމަކީ މާލީ ނިޒާމު ހަރުދަނާ ކުރުމަށާއި އިޖާދީ ޑިޖިޓަލް ހައްލުތައް ހޯދޭނެ ފަދަ މާލީ މާހައުލެއް ގާއިމުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް ލިބުނު ބޮޑު ކުރިއެރުމެއް“ މިނިސްޓްރީން ބުނެފައި ވެެއެވެ.
މީގެ އިތުރުން މިކަމަށް އިޝާރާތްކުރައްވާ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ”އެކްސް“ ގައި ކުރެެއްވި ޕޯސްޓެއްގައި ވިދާޅުވީ ޕޭޕަލްގެ ހިދުމަތް ރާއްޖޭގައި ތައާރަފުކުރުމަކީ ލިބުނު އުފަލެއް ކަމަށެވެ.
ޕޭޕަލް އާއި ކަމާބެހޭ ފަރާތްތަކާ ގުޅިގެން މި މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ޑިޖިޓަލް ޕޭމަންޓް ޕްލެޓްފޯމްތައް ރާއްޖެއަށް ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންނެވި ވައުދު ފުއްދަވައިގެން ކަމަށެވެ.
އަދި މި ޕާޓްނަޝިޕްގެ ސަބަބުން ޕޭފަލް އާއި އުރީދޫ އެމް-ފައިސާ ވޮލެޓް އިންޓެގްރޭޓްވެ، ވިޔަފާރިވެރިންނާއި އުފެއްދުންތެރިންނަށް އެފަރާތްތަކުގެ މަސައްކަތްތައް މޮނިޓައިޒްކޮށް، ދުނިޔޭގެ އީ-ކޮމާސް ޕްލެޓްފޯމްތަކާ ފަސޭހައިން ގުޅުވާލެވޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
އެ ކާމިޔާބީ ދައްކުވައިދެނީ ރާއްޖޭގެ މާލީ މާހައުލު ހަރުދަނާ ކުރުމަށާއި، ކުރިމަތިވާ ހުރަސްތައް ނައްތާލައި، ދުނިޔޭގެ ޑިޖިޓަލް އިގްތިސާދުގައި ދިވެހިންނަށް އާ ފުރުސަތުތައް ފަހިކޮށްދިނުމަށް ސަރުކާރުން ދެމުން އަންނަ އަހަންމިއްޔަތުކަން ކަމަށްވެސް މިނިސްޓަރު ސައީދު ވަނީ ވިދާޅުވެފައެވެ.