ބަނގުރަލުގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މާލެ އިން ހަތް ބިދޭސީއަކު ހައްޔަރުކޮށްފި

ބަނގުރަލުގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މާލެ އިން ބިދޭސީންތަކެއް ހައްޔަރުކޮށްފިއެވެ.

ހައްޔަރުކޮށްފައި ވަނީ ނޭޕާލަށް ނިސްބަތްވާ 4 މީހުނާއި ބަންގްލަދޭޝް ތިން މީހެކެވެ.

ފުލުހުން މިއަދު ބުނީ ބަނގުރާ ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މާލެއިން ނޭޕާލަށް ނިސްބަތްވާ ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެ ހަތަރު މީހުން ވެސް ހައްޔަރުކޮށްފައި ވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން މި މަހު 16 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ބިބަސް ރާއި (24އ) އާއި، ޑެބި ތަމަންގް (39އ) އާއި، ޕްރަތިޗާ ކަރްކީ ލިމްބް (31އ) އަދި ލަކްސްމީ ޖިމީ (37އ) އެވެ.

މި ހަތަރު މީހުން ތިބި އެޕާޓްމަންޓް ބަލައިފާސްކުރިއިރު ބަނގުރާކަމަށް ބެލެވޭ އެއްޗެއް ހުރި 500އެމްއެލްގެ ހަތަރު ފުޅިއާއި ފަސް ލީޓަރުގެ ދެ ފުޅި ފެނިފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރުކުރި ހަތަރު މީހުން ވެސް ޑީޕޯޓުކުރުމަށް އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން ފުލުހުން މިއަދު ބުނީ ގަވާއިދާ ހިލާފަށް ބަނގުރާ ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މާލެއިން ބަންގްލަދޭޝް ތިން މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ރަސެލް ޚާން (37އ) އާއި، އެމް.ޑީ ސޮހެލް ހަވްލަދަރ (32އ) އަދި ނުރުލް އިސްލާމް (40އ) އެވެ.

މި މީހުން ހައްޔަރުކޮށްފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން މި މަހު 19 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައެވެ.

ފުލުހުން ބުނީ އެ ތިން މީހުން ވެސް މިހާރުވަނީ ޑީޕޯޓުކުރުމަށް އިމިގްރޭޝަނާ ހަވާލުކޮށްފައި ކަމަށެވެ.

މި އޮޕަރޭޝަންގައި، އެ މީހުންނާ ގުޅުންހުރިކަމަށް ބެލެވޭ މާލޭގެ ދެ އެޕާޓްމަންޓެއް ބަލައިފާސްކޮށް ބަނގުރާކަމަށް ބެލެވޭ އެއްޗެއް ހުރި 500 އެމްއެލްގެ 29 ފުޅިއާއި، ފަސް ލީޓަރުގެ ފުޅިއަކާއި، ތިން ޓައްޕު ފެނިފައިވާ ކަމަށް ފުލުހުން ހާމަކުރެއެވެ.

މި ދެ މައްސަލަވެސް ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *