މޫސުން ކިތައްމެ ގޯހަސް ރައީސް މުއިއްޒަކީ ގައުމު ފަރަށް އަރުވާލާ ވަރަށްވުރެ މޮޅު ކައްޕިއެއް!

ލިޔުއްވީ: އަލްއުސްތަޒު މުހައްމަދު ހަލީމް

 ރައީސް ޑރ. މުހައްމަދު މުއިއްޒަކީ ދިވެހިރާއްޖޭގެ އުމްރާނީ އަދި ސިޔާސީ ތާރީހުގައި ފާހަގަކޮށްލެވޭ ފަދަ ވަރުގަދަ ހިދުމަތްތަކެއް ކުރައްވާފައިވާ، އަދި ކުރައްވަމުންދާ އިލްމީ ލީޑަރެކެވެ. ހައުސިން މިނިސްޓަރުކަމުގައި ހުންނައިވެން ކަމޑުހުރަސްކޮސް އެޅުއްވި ބުރުޖާއި، މާލޭގެ މަގުތައް ޒަމާނީކުރުމާއި، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބިޔަ މަޝްރޫއުތައް އަމަލީގޮތުން ހިންގަވައި ނިންމެވި މާލިމީއަކީ ރައީސް މުއިއްޒެވެ. މާލޭގެ މޭޔަރުކަމުން ފެށިގެން ގައުމުގެ އެންމެ މަތީ އަމުރުވެރިކަމާއި ހަވާލުވެ ވަޑައިގަތުމާ ހަމައަށް ރައީސް މުއިއްޒު ދައްކަވައިދެއްވީ ނަތީޖާ ނެރެދޭނެކަމުގެ ފުރިހަމަ ޔަގީންކަމެވެ. ރައީސް މުއިއްޒު ގައުމުގެ ޒައާމަތާ ހަވާލުވެވަޑައިގަތީ ހަމައެކަނި ސިޔާސީ ޝިއާރެއްގެ މަތީގައެއް ނޫނެވެ. އެއީ ދުނިޔޭގެ ޖިއޯޕޮލިޓިކްސް މަސްރަހު ނުހަނު ހަލަބޮލިވެ، ގައުމު ކުރިމަތިލަމުންދިޔަ އިގުތިސޯދީ އަދި ހާރިޖީ ބޮޑެތި ގޮންޖެހުންތަކުން ސަލާމަތްކުރުމަށްޓަކައި، ކަނޑުގެ އޮއިވަރާއި ވައިގެ މިސްރާބު ދަންނަ މޮޅު ކައްޕިއެއްގެ ހިކުމަތްތެރި ވިސްނުމާއެކީގައެވެ.

ބިޔަ ރާޅުތަކުގެ ތެރެއިން ކުރިއަށް

ކަނޑުދަތުރުފަތުރުގެ ތާރީހަށް ބަލާއިރު، ކޮންމެ ކެރޭ ކައްޕިއަކަށް ވެސް އެންމެ ބޮޑު އިމްތިހާނަކާ ކުރިމަތިވަނީ ކުރިމަތިން އަންނަ ބިޔަ ރާޅުތަކާ ކުރިމަތިލާންޖެހޭ ހިނދެވެ. ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތްއިރު ގައުމުގެ ކުރިމަތީގައި ނަގާފައި ހުރީ އާދައިގެ ރާޅުތަކެއް ނޫނެވެ. އެއީ ދުނިޔޭގެ ބާޒާރުގައި ތެލާއި މުދަލުގެ އަގު އުފުލުމާއި، ބޭރުގެ ދަރަނިތައް ދެއްކުމުގެ ވަގުތު ކައިރިވުމާއި، އަދި ދާހިލީ ގޮތުން އުފެދިފައި ހުރި މާލީ ބޮޑެތި ގޮންޖެހުންތަކުގެ ބިޔަ ރާޅުތަކެވެ. އެހެންނަމަވެސް، އެމަނިކުފާނު އޮޑީގެ މިސްރާބު ހިފެހެއްޓެވީ ފަހަތަށް ޖެހިވަޑައިގަތުމެއް ނެތި، އެ ރާޅުތަކުގެ ތެރެއިން ސީދާ ކުރިއަށެވެ. މިއީ ހިންގުންތެރިކަމުގެ ސާބިތުކަމާއި، ކޮންމެ ފަދަ ނުރައްކާތެރި ހާލަތެއްގައި ވެސް ގައުމު އަމާންކަމާއެކު ނިޔާމަ ބަނދަރަކަށް ގެންދިއުމުގެ ހިއްވަރާއި، ކެރުން ހުރިކަން ރައީސް މުއިއްޒުގެ ކިބައިގައި ހުރިކަން ދައްކައިދޭ ހެއްކެކެވެ.

އިގުތިސޯދު ނިޔާމަ ބަނދަރަކަށް

ކޮންމެ ގައުމެއްގެވެސް ދިރުމަކީ އެގައުމެއްގެ އިގުތިސޯދީ ފުދުންތެރިކަމެވެ. ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތްއިރު، ރާއްޖޭގެ ދަރަނި ހުރީ ރެކޯޑު މިންވަރަކަށް މަތީގައެވެ. މާލީ ހާލަތު އޮތީ އިންތިހާއަށް ނާޒުކުފަށްތަރެއްގައެވެ. ބޭރުގެ މާލީ އިދާރާތަކުންނާއި ރޭޓިން އެޖެންސީތަކުން ދިޔައީ ރާއްޖޭގެ އިގުތިސޯދީ ކުރިމަގާ މެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ. މިފަދަ ހާލަތެއްގައި، މޮޅު ހިކުމަތްތެރިއެއްގެ ސިފައަކީ ކުއްލި ސިޔާސީ ފައިދާއަށް ވިސްނުމުގެ ބަދަލުގައި، ދުރު ރާސްތާގެ ހަރުދަނާ ފިޔަވަޅުތައް އެޅުމެވެ.

ގައުމު ޑިފޯލްޓްވުމުގެ ބިރުވެރިކަމުގެ ތެރޭގައި އޮއްވައި، ރައީސް މުއިއްޒުގެ ސަރުކާރުން ވަނީ އެންމެ 21 ދުވަހުގެ ތެރޭގައި ޖުމްލަ 924 މިލިއަން އެމެރިކާ ޑޮލަރުގެ ބިޔަ ދަރަންޏެއް ކާމިޔާބުކަމާއެކު ދައްކާ ހަލާސްކޮށްފައެވެ. މީގެ ތެރޭގައި ހިމެނެނީ 524 މިލިއަން ޑޮލަރުގެ ސުކޫކް (Sukuk) އާއި، އިންޑިއާއަށް ދައްކަންޖެހޭ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް  (Currency Swap) އެވެ. މިއީ ގައުމުގެ އެއްވެސް އަސާސީ ބިމެއް ނުވަތަ ރަށެއް ރަހުނުކުރުމެއް ނެތި ހޯދި ބޮޑު ކާމިޔާބީއެކެވެ. މީގެ އިތުރުން، އެތެރޭގެ ދަރަނިތައް ކުޑަކުރުމަށްޓަކައި އެކި ވެންޑަރުންނަށް ދައްކަންޖެހޭ 3,300 މިލިއަން ދިވެހި ރުފިޔާ ވެސް ސަރުކާރުން ވަނީ ދައްކާފައެވެ.

ގައުމުގެ އިގުތިސޯދީ އެންމެ މުހިންމު އެއް ތަނބަކީ މަސްވެރިކަމެވެ. ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތްއިރު މަސްވެރިންނަށް ނުދެވި ހުރި އެތައް މިލިއަން ރުފިޔާއެއްގެ ބެކްލޮގެއް އޮތެވެ. އެ ބެކްލޮގު ފިލުވާލަ ދިނުމަކީ ރައީސް މުއިއްޒު އެޅުއްވި އެންމެ ހަރުދަނާ އެއް ފިޔަވަޅެވެ. ސަރުކާރުން މިހާރު ވަނީ މަސް ކިރާތާ 48  ގަޑިއިރު ތެރޭގައި މަސްވެރިންނަށް ފައިސާ ދެއްކޭނެ ދެމެހެއްޓެނިވި ނިޒާމެއް ގާއިމު ކުރައްވާފައެވެ. މީގެ އިތުރުން، މިފްކޯ (MIFCO) އިން މަސް ގަންނާނެ އެންމެ ދަށް އަގަކީ ކިލޯއަކަށް 20 ރުފިޔާ ކަމަށް ކަނޑައަޅައި، މަސްވެރިންނަށް ކްރެޑިޓަށް ތެޔޮ ލިބޭނެ އިންތިޒާމުތައް ވަނީ ހަމަޖައްސައިދީފައެވެ. މި ނިންމުންތަކުގެ ސަބަބުން މަސްވެރި އާއިލާތަކުގެ ޖީބަށް ވަންނަ ފައިސާ ޔަގީންވެ، މަސްވެރި އާއިލާތަކުގެ އިގުތިސޯދީ ދިރުން ވަނީ އަލުން އިއާދަވާން ފަށާފައެވެ.

ސަރުކާރުން ވަނީ ހަރަދު ކުޑަކުރުމުގެ ހަރުދަނާ ސިޔާސަތުތަކެއް ތައާރަފުކޮސްފައެވެ. އަދި މިގޮތުން، ސަބްސިޑީތައް އެންމެ ހައްގުވެރިންނަށް ލިބޭނެ ފަދަ ނިޒާމަކަށް ބަދަލުކުރުމުގެ މަސައްކަތް ފަށާފައެވެ. އާމްދަނީ އިތުރުކުރުމަށްޓަކައި ޓެކްސްގެ ނިޒާމަށް ބަދަލުތައް ގެނައުމާއި، ފަތުރުވެރިކަމުގެ ދާއިރާ ސިންދަފާތު (diversify)  ކުރުމަކީ އިގުތިސޯދީ އަމާޒު ހަމަހިފެހެއްޓުމަށް އެޅުނު މުހިންމު ފިޔަވަޅުތަކެކެވެ.

ގައުމުގެ މާލީ ސިޔާދަތު ހިފެހެއްޓުމަށް ރައީސް މުއިއްޒުގެ ސަރުކާރުން އެޅުއްވި އެންމެ ތާރީހީ އަދި އެންމެ ހިތްވަރުގަދަ ފިޔަވަޅަކީ ބޭރު ފައިސާއާ ބެހޭ ގާނޫނަށް ގެންނެވި އިންގިލާބީ އިސްލާހެވެ. ކުރިން ފަތުރުވެރިކަމުން ލިބެމުންއައި ބޮޑު އާމްދަނީ ގައުމުން ބޭރުވަމުންދިޔަ ދިއުން ވަނީ ހުއްޓުވުމަކަށް ގެންނަވާފައެވެ. އަދި ރިސޯޓުތަކަށް ލިބޭ ޑޮލަރު އާމްދަނީގެ 40 އިންސައްތަ ރާއްޖޭގެ ބޭންކުތަކަށް މާރުކުރުން މިހާރު ވަނީ ލާޒިމުކޮށްފައެވެ. މި ނިންމުމުގެ ސަބަބުން ގައުމުގެ ބޭންކިން ނިޒާމަށް ޑޮލަރު ވަދެ، ކަޅު ބާޒާރުގެ ނުފޫޒު ކުޑަވެ، ދިވެހި ރުފިޔާގެ އަގު ހިފެހެއްޓުމަށް ބޮޑު ބާރަކަށް ވެގެންދާނެއެވެ. މިއީ ގައުމުގެ މާލީ ކަނޑުމަގު ހަމަޔަކަށް އަޅުވައި، ދިވެހި އޮޑީގެ މިސްރާބު ސަލާމަތްކުރަން އެޅުއްވި ހިކުމަތްތެރި ފިޔަވަޅެކެވެ. މިއީ ގައުމު ބުންގުރޫޓުވެ، އިގުތިސޯދު ފަރަށް އެރުމުން ސަލާމަތްކުރުމަށްޓަކައި ކޮންމެހެންވެސް ރިސޯޓު އޯނަރުން ބޯންޖެހިފައިވާ ހިތިބޭހެކެވެ. އޯނަރުގެ ވިޔަފާރިއަށްވުރެ ގައުމީ މަސްލަހަތު އިސްވާނެކަން ވިޔަފާރިވެރިން ދަންނަންވާނެއެވެ.

މިނިވަން ކަމުގެ މިސްރާބު

ދިވެހިރާއްޖޭގެ ހާރިޖީ ސިޔާސަތަކީ ގައުމުގެ މިނިވަންކަމާއި ސިޔާދަތާ ސީދާ ގުޅިފައިވާ ކަމެކެވެ. ރައީސް މުއިއްޒުގެ 'ޕްރޯ-މޯލްޑިވްސް' ނުވަތަ ދިވެހީންނަށް އިސްކަންދޭ ސިޔާސަތަކީ ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމުގެ މައިގަނޑު އަސާސެވެ. ރާއްޖޭގައި ތިބި ބޭރުގެ ސިފައިން ފޮނުވާލުމާއި، އެއްވެސް ގައުމަކަށް ބަރޯސާވުން ކުޑަކޮށް، ޗައިނާ، ތުރުކީ އަދި މެދުއިރުމަތީގެ ގައުމުތަކާއެކު ގުޅުން ބަދަހިކުރުމަކީ މި ސިޔާސަތުގެ ދަށުން އެޅުނު ލާމަސީލު ހަރުދަނާ ފިޔަވަޅު ތަކެވެ.

ބައެއް ސިޔާސީ މުހައްލިލުން ދެކޭގޮތުގައި، ސަރަހައްދީ ބޮޑު ބާރެއް ކަމަށްވާ އިންޑިއާއާ އޮންނަ ގުޅުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ނުރައްކާވެދާނެއެވެ. ނަމަވެސް، ރައީސް މުއިއްޒު ދައްކަވައިދެއްވީ ހަރުދަނާ ޑިޕްލޮމެސީއެއްގެ އެހީގައި، އިންޑިއާއާއެކު އޮންނަ ގުޅުންވެސް އިހުތިރާމުގެ މަތީގައި ދަމަހައްޓަމުން، އެހެން ގައުމުތަކުގެ އެހީތެރިކަންވެސް ހޯދިދާނެކަމެވެ. މިއީ ވަކި ފަރާތަކަށް ލެނބުމެއް ނެތި، ގައުމުގެ މަސްލަހަތު އިސްކޮށް، ކަނޑުގެ އޮއިވަރަށް ބަލައިގެން އޮޑިދުއްވާ މޮޅު ކައްޕިއެއްގެ މިސާލެކެވެ.

ޑިޖިޓަލް އިގުތިސޯދުގެ އާ ދަތުރު

ދިވެހިރާއްޖޭގެ އިގުތިސޯދު ހަމައެކަނި ސަގާފީ ވަސީލަތްތަކަށް ބަރޯސާވެފައި އޮތް އޮތުން ބަދަލުކޮށް، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ފުޅާކުރުމަކީ ރައީސް މުއިއްޒުގެ އެންމެ ބޮޑު އެއް އަމާޒެވެ. މި ސިޔާސަތުގެ ދަށުން ރާއްޖޭގައި ޑިޖިޓަލް ބޭންކިންގ ނިޒާމު ހަރުދަނާކޮށް، ބައިނަލްއަގުވާމީ މާލީ މުއާމަލާތްތައް ފަސޭހަކުރުމަށްޓަކައި ޕޭޕަލް (PayPal) ފަދަ އީ-ވޮލެޓް ހިދުމަތްތައް ރާއްޖެއަށް ތައާރަފުކުރުމުގެ އަމަލީ މަސައްކަތްތައް ދަނީ ކުރެވެމުންނެވެ. މީގެ އިތުރުން، އާޓިފިޝަލް އިންޓެލިޖެންސް (AI) އާއި ކްރިއޭޓިވް އިގުތިސޯދެއް ބިނާކޮށް، އިންޓަނެޓްގެ ޒަރީއާއިން އާމްދަނީ ހޯދާ ޒުވާނުންނަށް ޑޮލަރުން ފައިސާ ލިބޭނެ މަގުތައް ފަހިކޮށްދިނުމަކީ ގައުމަށް ބޭރު ފައިސާ އިތުރުކުރަން އެޅޭ ބާރެކެވެ. މިއީ ދިވެހި ޒުވާނުންނަކީ ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރެގެން ވެސް މަސައްކަތްކޮށް، ގައުމީ އުފެއްދުންތެރިކަން (GDP) މަތިކުރާނެ ބަޔަކަށް ހެދުމަށް އެޅޭ ރަނުގެ ބިންގަލެކެވެ.

ފަތުރުވެރިކަމުގެ އާ ހޭރިޔާ

ފަތުރުވެރިކަމަކީ ރާއްޖޭގެ އިގުތިސޯދުގެ ރަންބިސްއަޅާ ކުކުޅެވެ. މި ސިނާއަތުގެ ޒަމަނީ މިސްރާބު ހޭރިޔާކޮށް، ގެންދިއުމަށް ރައީސް މުއިއްޒު ވަނީ 'ޓޫރިޒަމް 2.0′ ސިޔާސަތު ތައާރަފުކުރައްވާފައެވެ. މި ސިޔާސަތުގެ ދަށުން، ހަމައެކަނި 'ރިސޯޓު ޓޫރިޒަމް"' އަށް ބަރޯސާވުން ހުއްޓާލައި، ސަގާފީ ފަތުރުވެރިކަމާއި، ހަލާލު ޓޫރިޒމް، މެޑިކަލް ޓޫރިޒަމް އަދި ސްޕޯޓްސް ޓޫރިޒަމް ފަދަ އާ ބާވަތްތައް ރާއްޖެއަށް ތައާރަފުކުރެވެއެވެ. ހާއްސަކޮށް، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ޖީބުން ގައުމަށް ވަންނަ އާމްދަނީ އިތުރުކުރުމަށްޓަކައި، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބޮޑެތި އާބަން ސެންޓަރުތަކާއި މުނިފޫހިފިލުވުމުގެ މަޝްރޫއުތައް ތަރައްގީކުރުން ހިމެނެއެވެ. މީގެ އިތުރުން، ޗައިނާ، މެދުއިރުމަތި އަދި އިރުމަތީ ޔޫރަޕް ފަދަ އާ މާކެޓުތަކަށް އަމާޒުކޮށްގެން ހިންގާ އިޝްތިހާރުގެ ސަބަބުން، މޫސުމީ ގޮތުން ފަތުރުވެރިން އަންނަ މިންވަރު މަދުވާ ދުވަސްވަރު ވެސް ރާއްޖޭގެ އެނދުތައް ފުރާލުމަށް މަގުފަހިވެގެންދާނެއެވެ.

ބޯހިޔާވަހިކަމުގެ އެނގަކުރި

ރައީސް މުއިއްޒުގެ ތަސައްވުރުގައި އޮތީ ހަމައެކަނި މިއަދުގެ ސިޔާސީ ހަމަޖެހުމެއް ނޫނެވެ. ރަސްމާލެ މަޝްރޫއާއި، ގިރާވަރުފަޅު އަދި ހުޅުމާލެ ގުޅުވައިލުމުގެ ބިޔަ މަޝްރޫއުތަކަކީ އަންނަން އޮތް ޖީލުތަކުގެ ބޯހިޔާވަހިކަމާއި، މޫސުމީ ބަދަލުތަކުން ސަލާމަތްވުމަށް ރޭވިފައިވާ ރޭވުންތަކެކެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެއާޕޯޓުތަކާއި ބަނދަރުތައް ތަރައްގީކުރުމަކީ އިގުތިސޯދީ ދަތުރުފަތުރުގެ ލޭނާރު ވަރުގަދަކުރުމެވެ. މިއީ ގައުމުގެ އޮޑިއަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ހޯދައިދީ، ދިގު ދަތުރަކަށް އޮޑި ފައްކާކުރާ ކުރުމެކެވެ.

މީގެ އިތުރުން، ރައީސް މުއިއްޒުގެ ބޯހިޔާވަހިކަމުގެ ސިޔާސަތަކީ ހަމައެކަނި މާލެ ސަރަހައްދަށް އެކަނި ބައްޓަންވެފައިވާ ސިޔާސަތެއް ނޫނެވެ. އަތޮޅުތަކުގެ ތެރޭގައި ދިރިއުޅޭ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ ބޭނުންތައް ފުއްދުމަށްޓަކައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސޯޝަލް ހައުސިން ޔުނިޓުތަކާއި ފްލެޓުތައް ބިނާކުރުމުގެ ބޮޑެތި މަޝްރޫއުތައް މިހާރު ދަނީ ރޭވި އަމަލީ މަރުހަލާގައެވެ. މިއީ މުޅި ރާއްޖެއަށް ތަރައްގީގެ މަންފާ ހަމަހަމަކަމާއެކު ފޯރުކޮށްދީ، އަމިއްލަ ރަށުގައި ތިބެގެން އަމާން ދިރިއުޅުމެއް އާރާސްތުކުރުމަށް މަގުފަހިކޮށްދޭނެ މުހިންމު ފިޔަވަޅެކެވެ.

ހަމައެހެންމެ، އަމިއްލަ ބިމުގައި ގެދޮރު ބިނާކުރަން ބޭނުންވާ ރައްޔިތުންނަށް ދިމާވެފައިވާ މާލީ ހުރަސްތައް ނައްތާލުމަށްޓަކައި 'ހިޔާވަހި ފައިނޭންސިން' ލޯނު ނިޒާމު ވަނީ ތައާރަފުކޮށްފައެވެ. އެގޮތުން، އެންމެ 5 އިންސައްތައަށްވުރެ ދަށް އިންޓްރެސްޓް ރޭޓުގައި ގެދޮރު އެޅުމަށް ދޫކުރާ މި ލޯނުތަކަކީ، އާދައިގެ އާއިލާތަކަށް ތަކުލީފަކަށް ނުވާ ފަދަ ލުއި ގޮތްތަކެއް ހޯދައިދިނުމަށް ސަރުކާރުން އިސްނަގައިގެން ފެށި ކަމެކެވެ. މިއީ މާލީ ގޮތުން ކަނޑުގަދަ ދަނޑިވަޅެއްގައި ވެސް ރައްޔިތުންގެ ކަނބޮޑުވުންތަކަށް ހައްލު ހޯދައިދޭން ކެރޭ ކައްޕިއެއްގެ ދުރުވިސްނުމެވެ.

މި ހުރިހާ މަޝްރޫއުތަކެއްގެ އެންމެ މުހިންމު އަސާސަކީ، އެންމެ ނިކަމެތި އަދި ބޯހިޔާވަހިކަމަށް އެންމެ ބޮޑަށް ބޭނުންޖެހިފައިވާ އާއިލާތަކަށް އިސްކަންދިނުމުގެ އިންސާފުވެރި އުސޫލެވެ. މީގެ ކުރީގެ މަޝްރޫއުތަކުގައި ހުރި ބޭއިންސާފުތައް ނައްތާލައި، ހާމަކަން ބޮޑު ނިޒާމެއްގެ ތެރެއިން ހަގީގީ ހައްގުވެރިންނަށް ފްލެޓާއި ގޯތި ހަވާލުކުރުމުގެ މަސައްކަތް ރައީސް މުއިއްޒު ގެންދަވަނީ ބާރުމިނުގައި ކުރައްވަމުންނެވެ. އެހެންކަމުން، މި ބޯހިޔާވަހިކަމުގެ އިންގިލާބީ ސިޔާސަތަކީ ދިވެހި އޮޑީގެ ފަޅުވެރިންނަށް އެމަނިކުފާނު ހޯދައިދެއްވާ އެންމެ ބޮޑު ރައްކާތެރިކަމެވެ.

ގައުމު ސަލާމަތުގެ އައްސޭރިއަށް

ޖުމްލަގޮތެއްގައި ބަލާއިރު، ރައީސް ޑރ. މުހައްމަދު މުއިއްޒަކީ ގައުމުގެ ހާލަތާއި، ބައިނަލްއަގުވާމީ މަސްރަހު ދެނެވަޑައިގަންނަވާ، އިލްމީ އަދި އަމަލީ ތަޖުރިބާލިބިވަޑައިގެން ހުންނެވި ވެރިއެކެވެ. ރައީސް މުއިއްޒު ގެންގުޅުއްވާ ސިޔާސަތުތަކަކީ ގައުމު ފަރަށް އަރުވާލާނެ ސިޔާސަތުތަކެއް ނޫނެވެ. އަދި ކިއެއްތަ، އެއީ ގައުމު ކުރިމަތިލަމުންދާ ބޮޑެތި ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި ކޮންމެހެން ބޭނުންވާ ހިކުމަތްތެރި، ހަރުދަނާ ތަދުބީރީ، އަމަލީ ފިޔަވަޅު ތަކެކެވެ. ޝައްކެތްނެތެވެ! މިއަދުގެ ދިވެހިރާއްޖެ އޮތީ ބިރުވެރި ފަރެއްގެ ކައިރިއަކު ނޫނެވެ. ދިވެހި އުންމަތުގެ އޮޑި މިއަދު ދަތުރުކުރަމުންދަނީ، ގޮންޖެހުންތަކާއެކު، ހަމަޖެހުމާއި، މިނިވަންކަމާއި، ފުދުންތެރިކަމުގެ އާ އައްސޭރިއަކަށެވެ. އެހެންކަމުން، ރައީސް މުއިއްޒަކީ ގައުމު ފަރަށް އަރުވާލާ ވަރަށްވުރެ މޮޅު، ހިކުމަތްތެރި އަދި ގާބިލު ކައްޕިއެއް ކަމެވެ. އެކަން ގެންދަވަނީ ރައީސް މުއިއްޒުގެ އަމަލީ ނަތީޖާތަކުންނާއި ދުރު ރާސްތާގެ ސިޔާސަތުތަކުން ސާބިތުކޮށް ދެއްވަމުންނެވެ.

 

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *