ލިޔުއްވީ: އަލްއުސްތާޒު މުހައްމަދު ހަލީމް
ދިވެހިރާއްޖޭގެ ސިޔާސީ ތާރީހަކީ ކޮންމެ ފަސް އަހަރަކުން އައު ބާބެއް ލިޔެވެމުންދާ ފަސްއަހަރެވެ. ބަދަލުވުންތަކުން ފުރިގެންވާ ދަތުރެކެވެ. މި ދަތުރުގައި 17 ނޮވެމްބަރު 2023 ގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމާ ހަވާލުވެވަޑައިގަތީ ޑރ. މުހައްއްމަދު މުއިއްޒެވެ. ރައީސް މުއިއްޒުގެ ވެރިކަމަކީ، ދިވެހި ސިޔާސީ އުދަރެހުގައި ޖެހުމުންދާ ސިޔާސީ ވައިރޯޅީގެ ފިނިކަމާއި. ހޫނުކަން ތަޖުރިބާކުރަންޖެހުނު ދައުރެކެވެ. ސިޔާސީ ވައިރޯޅީގެ ފިނިކަމާއި ހޫނުކަން، ރައީސް މުއިއްޒުގެ ޑައިރީން މި ސުރުހީއަކީ ހަމައެކަނި ހިޔާލީ މައުލޫއެއް ނޫނެވެ. މިއީ ގައުމުގެ ވަލިއްޔުލް އަމުރުކަމުގައި ރައީސް މުއިއްޒު ހުންނަވައިގެން އެތެރެއާއި، ބޭރުގެ ސިޔާސީ އަދި އިގުތިސޯދީ ލޮޅުންތަކާއެކު ގައުމުގެ ހުންގާނުގައި ހުންނަވައިގެން ގައުމު ފަރަކަށް އެރިޔަނުދީ ސާބިތުކަމާއެކު ކުރައްވަމުން ގެންދަވާ އިހުލާސްތެރި މަސައްކަތްޕުޅުގެ ތަހުލީލެކެވެ.
ރައީސް މުއިއްޒުގެ ސިޔާސީ ފަސްމަންޒަރު
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސީ ފަސްމަންޒަރަށް ބަލާއިރު، އެމަނިކުފާނަކީ އިނގިރޭސިވިލާތުން ޕީއެޗްޑީ ހާސިލުކުރައްވައިގެން ހުންނެވި އިލްމީ ޒައީމެކެވެ. ސިޔާސީ ގޮތުން ބަލާއިރު، ރައީސް ވަހީދާއި، ރައީސް ޔާމީނުގެ ސަރުކާރުގައި ހައުސިން މިނިސްޓަރުކަމުގައި ހުނަންވައިގެން ގައުމު ތަރައްގީގެ އާއުސްމިންތަކަށް ގެންގޮސްދެއްވި މޭސްތިރިއެވެ. އަދި އޭގެ ފަހުން އޭގެފަހުން އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ޓިކެޓުގައި މާލޭ ސިޓީގެ މޭޔަރުކަން ކާމިޔާބުކުރައްވިއެވެ. އަދި މޭޔަރުކަމުގައި ހުންނަވައިގެން ރައްޔިތުންނާ ވަރަށް ގާތުން މަސައްކަތްޕުޅު ކުރެއްވިއެވެ. މި ފަސްމަންޒަރަކީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ރައީސް މުއިއްޒު ނުކުމެވަޑައިގަތްއިރު، ރައްޔިތުންގެ އިތުބާރު ހޯއްދެވުމުގައި އެންމެ ބޮޑު ބާރަކަށްވި އިލްމީ އަދި ހިކުމަތު އަމަލީ ބިންގަލެވެ.
ވެރިކަމުގެ ފޮނިކާމިޔާބީއާއި އުންމީދުތައް
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބު ކުރައްވައިގެނެވެ. 'ދިވެހީންގެ ރާއްޖެ' މި ޝިއާރަކީ ހަމައެކަނި ރައީސް މުއިއްޒުގެ ހަމައެކަނި ރިޔާސީ ކެމްޕޭނުގެ ވައުދެއްނޫނެވެ. މިއީ، ރައީސް މުއިއްޒު ދެކެވަޑައިގަންނަވާ ހުވަފެންފުޅެކެވެ. ދިވެހީންގެ ކަންތައް ނިންމާނީ ދިވެހީންކަމުގައި ވުމެވެ. ރައީސް މުއިއްޒުގެ ރިޔާސީ އިންތިހާބުގެ ބޮޑު ކާމިޔާބާއެކީ ޖެހެމުންދިޔައީ ފިނި ވައިރޯޅިއެވެ. މި ވައިރޯޅިއާއެކު ރައީސް މުއިއްޒު އިއުލާނު ކުރެއްވި ބޯހިޔާވަހިކަމުގެ ޓޯޓަލް ސޮލިއުޝަނާއި، ރަށްރަށުގެ އުމްރާނީ ތަރައްގީއާއި ގުޅިފައިވާ މަޝްރޫއުތަކާއި، ލޯންގް-ޓާމް ތަރައްގީގެ 'ވިޒަން 2040 އިއުލާނު ކުރެއްވުން ހިމެނެއެވެ.
އިގުތިސޯދީ ގޮންޖެހުންތަކާއި އިސްލާހީ ފިޔަވަޅުތައް
ވެރިކަމުގެ ހަނީމޫނަށްފަހު ރައީސް މުއިއްޒަށް ކުރިމަތިލައްވަން ޖެހިވަޑައިގަތީ ގައުމުގެ އިގުތިސޯދީ ހޫނު ގޮންޖެހުންތަކާއެވެ. ކުރީގެ ސަރުކާރުތަކުން ވާރުތަވި ބޮޑު ދަރަންޏާއެވެ. ބޭރު ފައިސާގެ ރިޒާވް 'ހުލިވެފައި' ހުރުމުގެ ސަބަބުން ސަބަބުން މާލީ ބޮޑު ނުރައްކަލެއްގެ ތެރެއަށް ވެއްޓިދާނެކަމުގެ ބިރު އޮތެވެ. މި ހާލަތުން އަރައިގަތުމަށް ރައީސް މުއިއްޒުގެ ސަރުކާރުން ބޮޑެތި އަދި ހަރުކަށި އިސްލާހީ ފިޔަވަޅުތަކެއް އަޅަންޖެހުނެވެ. މީގެ ތެރޭގައި އިއުލާނުކުރެވިގެންދިޔަ ހަރަދު ކުޑަކުރުމުގެ ސިޔާސަތުތައް (އޮސްޓެރިޓީ މެސާސް) ހިމެނެއެވެ. ރައީސުލްޖުމްހޫރިއްޔާ އަމިއްލަފުޅަށް މުސާރައިގެ 50 އިންސައްތަ ނުނަންގަވާ ގޮތަށް ނިންމެވިއެވެ. އަދި ސިޔާސީ މަގާމުތަކުގެ މުސާރައާއި ކުންފުނިތަކުގެ ވެރިންގެ މުސާރަ 10 އިންސައްތަ ދަށްކުރެވުނެވެ. ބޭކާރު ހަރަދުތައް ހުއްޓުވުމާއި، ދައުލަތުގެ ޓެކްސް ނިޒާމަށް އިސްލާހުތައް ގެންނެވިއެވެ. މިކަމުގެ ސަބަބުން 2025 ވަނަ އަހަރު ދައުލަތުގެ އާމްދަނީ 12 އިންސައްތަ އިތުރުވިއެވެ. އަދި 2026 ވަނަ އަހަރުގެ އާމދަނީ 40.4 ބިލިއަން ރުފިޔާއަށް އަރާނެކަމަށް ލަފާކުރެވުނެވެ. 2025 އާއި 2026 ވަނަ އަހަރަކީ ބޭރުގެ ބޮޑެތި ދަރަނިތައް ދައްކަވަން ޖެހިވަޑައިގެން އިމްތިހާނެކެވެ. މިގޮތުން 2026 ވަނަ އަހަރު އެކަނިވެސް އެކުޖުމްލަވާ އެއްބިލިޔަނެއްހާ ޑޮލަރުގެ ސުކޫކާއި، ލޯނުތައް ބަރާބަރަށް އަދާކުރެއްވިއެވެ. އަދި ގައުމު ސޮވެރިން ޑިފޯލްޓަކުން ސަލާމަތްކުރރެއްވިއެވެ. އަދި 2019 ވަނަ އަހަރު ރައީސް ސޯލިހުގެ ސަރުކާރުން ޓީބިލު މެދުވެރިކޮށް ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން ނެގި 150 މިލިޔަން ޑޮލަރުގެ ލޯނު މިއަދު ވަނީ ރައީސް މުއިއްޒު ދައްކަވާ ހަލާސް ކުރައްވާފައެވެ.
ހާރިޖީ ސިޔާސަތާއި ބައިނަލްއަގުވާމީ ގުޅުންތައް
ހާރިޖީ ދާއިރާއިގައި ރައީސް މުއިއްޒުގެ ގެންގުޅުއްވީ 'ޕްރޯ-މޯލްޑިވްސް' ނުވަތަ ދިވެހިރާއްޖެއަށް އިސްކަންދޭ ސިޔާސަތެކެވެ. ވެރިކަމުގެ ކުރީކޮޅު ރާއްޖޭގައި ތިބި އިންޑިއާގެ އަސްކަރީ ސިފައިން ފޮނުވާލުމުގެ މަސައްކަތް ގައުމީ ސިޔާދަތުގެ ދަށުން ކުރިއަށް ގެ ންދެވިއެވެ. އަދި އޭގެ ފަހުން، ހާރިޖީ ސިޔާސަތު 'ހެޖިން' ނުވަތަ ހަމަހަމަ މިސްރާބަކަށް ބަދަލުކޮށް، އިންޑިއާއާއި ޗައިނާގެ މެދުގައި އޮތް ވާދަވެރިކަމުގެ ތެރެއިން ދެ ގައުމުގެ އެހީތެރިކަންވެސް ހޯއްދެވިއެވެ. މިގޮތުން ޗައިނާއާއެކު ފްރީ ޓްރޭޑް އެގްރީމެންޓް (FTA) އިމްޕްލިމެންޓްކުރެއްވިއެވެ. އަދި ބޮޑެތި ގްރާންޓް އެހީތައް ހޯއްދެވިއެވެ. އަދި މިއާއެކު އިންޑިއާއާއެކު 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް އެގްރީމެންޓެއްގައި ސޮއިކޮށް މާލީ ހަމަޖެހުން ގާއިމުކުރިއެވެ. މީގެ އިތުރުން މެދުއިރުމަތީގެ އިސްލާމީ ގައުމުތަކާއި އަދި ހާއްސަކޮން ތުރުކީ، ގަތަރު، ސައުދީ ފަދަ އަރަބި އަދި އިސްލާމީ ގައުމުތަކައެކު ގުޅުން ބަދަހިކުއްވިއެވެ. އަދި މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރުގެ މަޝްރޫއު ކުރިއަށް ގެ ންދެވިއެވެ. ހަމައެހެންމެ، ގައްޒާގެ މައްސަލާގައި ފަލަސްތީނަށް ފުރިހަމައަށް ތާއީދުކުރެއްވިއެވެ. އަދި އިސްރާއީލް ޕާސްޕޯޓް ގައި ރާއްޖެ އެތެރުނުވެވޭ ގޮތަށް ގާނޫނު އިސްލާހުކުރައްވައި، ދިވެހި ހާރިޖީ ސިޔާސަތު ގައުމީ އަދި އިސްލާމީ އަގުތަކުގެ މައްޗަށް ބިނާކުރެއްވިއެވެ.
އެތެރޭގެ ސިޔާސީ ޕްރެޝަރާއި ބާރުވެރިކަން
ވެރިކަމަށް ރައީސް މުއިއްޒު ވަޑައިގަތުމާއެކު ސަރުކާރަށް ކުރިމަތިވި ޕްރެޝަރުތަކާއި ލިބުނު ބާރުވެރިކަން ވަރަށް ބޮޑެވެ. ވެރިކަމުގެ ފުރަތަމަ މަސްތަކުގައި އޭރު އިދިކޮޅު އެމްޑީޕީގެ އަޣްލަބިއްޔަތު އޮތް ރައްޔިތުންގެ މަޖިލީހުން ވަޒީރުންނަށް ރުހުން ދިނުމުގައި ފަސްޖެހުނެވެ. އައދި ބަޖެޓަށް ހުރަސްއެޅުމުގެ ސަބަބުން ސަރުކާރު ހިންގުމަށް ގޮންޖެހުންތަކާ ކުރިމަތިވިއެވެ. ނަމަވެސް، 21 އެޕްރީލް 2024 ގައި ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެރިކަން ކުރާ ޕީޕަލް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ސުޕަރ-މެޖޯރިޓީ 66 އަށްވުރެ ބޮޑު އަގުލަބިއްޔަތަކުން ނެގިއެވެ. މި ކާމިޔާބުކުރުމަކީ ރައީސް މުއިއްޒު ގައުމައިގެން ކުރިއަށް ވަޑައިގަތުމަށް ލިބިވަޑައިގެންނެވި އެންމެ ބޮޑު ސިޔާސީ ކާމިޔާބީއެވެ. މިއާއެކު ސަރުކާރުގެ ސިޔާސަތުތައް ގާނޫނުތަކަށް ބަދަލުކުރުމުގެ ހިތްފަސޭހަކަން ލިބިގެން ދިޔައެވެ. އެހެންނަމަވެސް، އިގުތިސޯދީ އިސްލާހުތަކާއި، އިދިކޮޅު ފަރާތްތަކުގެ ދޮގު ތުހުމަތުތަކުގެ ސަބަބުން 2026 ވަނަ އަހަރުގެ ކުރީކޮޅު ބޭއްވުނު ލޯކަލް ކައުންސިލުތަކުގެ އިންތިހާބުގައި އެންމެ އެކަށީގެންވާ ކާބިޔާބު ނުލިބުނު ނަމަވެސް އެންމެ ގިނަ ގޮނޑި ކާމިޔާބުކުރީ ޕީއެންސީންނެވެ.
ނިންމުން
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސީ ޑައިރީގެ ސަފުހާތަކުން އެންމެ ފުނަށް ފެންނަން އޮތް ހަގީގަތަކީ، ވެރިކަމެއް ހިންގުމަކީ ހަމައެކަނި އޮމާން ކަނޑެއްގައި ކުރާ ދަތުރެއް ނޫން ކަމެވެ. އެއީ ވެރިކަމުގެ ދައުރުގެ ތެރޭގައި ތަފާތު މޫސުންތަކުގައި ޖެހޭ ރޯޅިތަކަކީ މުޅީން ފިނިއެއްޗެއް ނޫންކަމެވެ. މިގޮތުން ސިޔާސީސީ އޮއިވަރަކީ އިގުތިސޯދީ އަދި ޖިއޯޕޮލިޓިކަލްއާއެކު ބަދަލުވަމުންދާ އޮއިވަރެކެވެ. 2024 އިން ފެށިގެން 2026 އާ ހަމައަށް އައިއިރު ރައީސް މުއިއްޒުގެ ސަރުކާރުންވަނީ ދަރަނީގެ ދަންތަރުރައިން ގައުމު ސަލާމަތްކޮށް، މާލީ ދެމެހެއްޓެނިވިކަން ކަށަވަރުކޮށް ދެއްވަފައެވެ.
ރައީސް މުއިއްޒުގެ މި ދަތުރުފުޅުން އެނގެނީ، ސަރުކާރެއްގެ ހަގީގީ ކާމިޔާބީ މިނެކިރެވޭނީ ހަމައެކަނި މަޖިލީހުގެ ސުޕަރ-މެޖޯރިޓީއަކުން ނޫން ކަމެވެ. އެއީ ހާރިޖީ މިނިވަންކަން ހިމާޔަތްކުރުމާއެކު، އެތެރޭގެ އިގުތިސޯދު ހަމައަކަށް އަޅުވައިގެން ކަމެވެ. އަދި ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށްދީގެން ކަމެވެ. ވުމާއެކު، ސިޔާސީ ވައިރޯޅި ކޮންމެ ދިމާލަކުން ޖެހުނު ނަމަވެސް، ގައުމީ މަސްލަހަތު އިސްކުރައްވައިގެން ހަމަޖެހުމާއި ސާބިތުކަމާއެކު ގައުމީ ނަވުގެ މިސްރާބަށް ލޮޅުމެއް އެރިޔަނުދީ ކުރިއަށް ވަޑައިގަތުމަކީ ރައީސް މުއިއްޒު މެނުވީ އެހެން މީހަކަށް ހިފިދާނެ އެނގަކުރިއެއް ނޫނެވެ.


