ޔުމުނުގެ ލޮޅުންއެރި ކޮޅިގަނޑުގައި ފުލުހުންނާއިއެކު ސާބިތުވެ, ހުންނެވި ދާހިލީ ވަޒީރު!

ފުރަ މާލޭ ގެއެއްގެ ފުރާޅު މައްޗައް އަންހެން ކުއްޖަކު ވެއްޓިފައިވާ ހަބަރާއިއެކު ޒުވާނުން ކެކިގެންފި އެވެ. ފުލުހުންނާއި ސަރުކާރުގެ ބައިވެރިވުން އޮތް ކަމަށް ބުނެ އިންތިހާއަށް މަސްރަހް ހޫނު ކޮށްލި އެވެ. ވެރިރަށް މާލޭގެ މަޖީދީ މަގަށް ޒުވާނުން އެއްވެ, އެމަންޖެއަށް އިންސާފް ގާއިމް ކުރުމަށާއި ސަރުކާރުގެ މިނިސްޓަރުންނާއި ފުލުހުންގެ ވެރިންނާއި ރައީސުލްޖުމްހޫރިއްޔާގެ އިސްތިއުފާއަށް ވެސް ގޮވަން ފެށިއެވެ.

މަސްރަހް ހޫނުވެ, މުޅި ގައުމު ޖަޒުބާތުގައި ޖައްސާލި އެވެ. ދާހިލީ ވަޒީރު އިހްސާނު ވަގުތުން ވަގުތަށް އިސްތިއުފާ ދިނުމަށް ޑިމާންޑް ކުރިއެވެ. ޕޮލިސް ކޮމިޝަނަރާއި ފުލުހުންގެ ވެރިން ވަކިކުރުމަށް ގޮވަން ފެށި އެވެ. މީޑިޔާތަކާއި ސިޔާސީ ބޭފުޅުން ސަރުކާރު ބަދަލު ކުރުމުގެ އަޑު ގަދަކޮށްލައިފި އެވެ.

ޒުވާނުން މަގުތަކަށް ނިކުމެ މާލޭގެ އާއްމް ދިރިއުޅުމަށް ބުރޫއަރުވާލި އެވެ. ކޮޅިގަނޑު ގަދަވެ ޕޮލިސް ކޮމިޝަނަރު އިސްތިއުފާ ދެއްވުވައިފި އެވެ.

ދިވެހި ފުލުހުންނާއި މުއައްސަސާއަށް ނުގޮވާކަށް އައުގުރަނައެއްނެތެވެ. ބޭއަދަބިއްޔާތުގެ އެތައް ކަމަކުން ފުލުހުންނާއި ދާހިލީ ވަޒީރު އިހްސާނާއި ސަރުކާރަށް ފުރައްސާރަ ކުރިއެވެ. ޓްރާސްޕޯޓް މިނިސްޓަރގެ ސީދާ ބައިވެރިވުން އޮތްކަމަށް ބުނެ ބުހުތާނު ދޮގު މުޅި ގައުމަށް ފަތުރާލި އެވެ.

ފަހުގެ ތާރީހްގައި ދިވެހި ފުލުހުންނާއި ކުރިމަތިވި މި ހައްސާސް ދަނޑިވަޅުގައި ޕޮލިސް ކޮމިޝަނަރު ސުޖާއު އޮޑިން ފުންމާލި ނަމަވެސް ދާހިލީ ވަޒީރު އިހްސާން ލީޑަރސިޕްގެ ކުޅަދާނަކަން ދިވެހި ޖައްވަށް ދައްކާލި އެވެ. ދިވެހި ފުލުހުންނާއި ސަރުކާރުގެ އިހްމާލެއް ނެތް ކަމަށް ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވި އެވެ.

ރައީސް ޑރ. މުއިއްޒުގެ އިރުސާދާއި ދާހިލީ ވަޒީރުގެ ފުރިހަމަ ބެއްލެވުމުގެ ދަށުން ގައުމަށް ދިމާވި ނުތަވަސް ފިލައިގޮސް އަމާން އައްސޭރިއަކަށް ގައުމު ބަދަރުކޮށްފި އެވެ.

އާދެ! މިމައްސަލައިގައި ރައީސް ޑރ. މުއިއްޒު އުފެއްދެވި ރިޔާސީ ކޮމިޝަނުގެ ރިޕޯޓް އިއްޔެ އާއްމް ކުރައްވާފައިވާއިރު ސަރުކާރާއި ދާހިލީ ވަޒީރާއި ފުލުހުންގެ އިހްމާލެއް ނެތްކަން ސާފެވެ. މައްސަލައިގައި ކުޑަ ގޯހެއް ވެސް ދާހިލީ ވަޒީރު ހައްދަވާނުވާކަން ކަށަވަރެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *