އެ މަސައްކަތް ފެށިގެން ދިޔައީ ޕީޕީއެމްގެ ވެރިކަމުގައެވެ. އޭރު. ޑރ. މުޙައްމަދު މުޢިއްޒު ހުންނެވީ ކޮންސްޓްރަކްޝަން މިނިސްޓަރަކަށެވެ.
ޕީޕީއެމަށް ފަހު އެމްޑީޕީގެ ވެރިކަން ނިމިގެން ދިޔައިރުވެސް ވީއައިއޭގެ އާ ޓާމިނަލް ވުޖޫދު ކުރެވޭ ވަރެއް ނުވިއެވެ. އެހެންނަމަވެސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަން ދެބައި ވީއިރު، ވީއައިއޭގެ އާޓާމިނަލް މިހާރު އެވަނީ ހުޅުވަން ވަގުތު ކުޑަތަން ވެފައެވެ.
ވެރިކަމުގެ މެދާ ހަމައަށް ދިޔައިރު އެ މުހިއްމު މަސައްކަތް ނިންމަވައި އަންނަ ޖުލައި 26ގައި ރައީސް ޑރ. މުޢިއްޒު އެތަން ހުޅުއްވައި ދެއްވާނެއެވެ. އެއީ އެތައް ގޮތަކުން މުހިއްމު އަދި ތާރީހީ

މަސައްކަތަކަށްވާނެއެވެ. ދެވެރިކަމުން ނުނިންމުނު މަސައްކަތް މަދު ދުވަސްކޮޅެއްގެ ތެރޭގައި ނިންމަވައި ރާއްޖޭގެ އިގްތިސާދަށް ފަހިކަށް ގެނައުމަށް އެހުޅުވާލަނީއެވެ. މިއީ ރާއްޖޭގެ ޓޫރިޒަމަށް އިންތިހާއަށް މުހިއްމު މަސައްކަތެކެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި ހިންގި ބިޔަ މަޝްރޫޢުތައް ހިންގާ ބެލެހެއްޓުމުގެ މައިގަނޑު މޭސްތިރިއަކީވެސް ރައީސް ޑރ. މުޢިއްޒެވެ. އޭރުވެސް މުޢިއްޒުއަކީ ތަފާތު ހުނަރުވެރި ބޭފުޅެއްކަން ޔާމީނަށް އެނގިވަޑައިގަންނަވައެވެ. އެހެންވެ ރައީސް ޔާމީން އޭރިވެސް ޑރ. މުޢިއްޒުއާމެދު ތަފާތު ކުރުންތައް ގެންގުޅުއްވިއެވެ.
ޑރ. މުޢިއްޒު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމާއި ހަވާލުވެވަޑައިގެންނެވުމަށް ފަހު އެންމެ ފުރަތަމަ ވެސް ކުރައްވަން ފެއްޓެވި ކަމަކީ ރާއްޖޭގެ އިގްތިސާދު ރަނގަޅު ކުރެއްވުމެވެ. އެގޮތުން ރާއްޖޭގެ ޓޫރިޒަމްގެ މައި ދޮރޯށި ކަމަށްވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރެއްވުމަށް ޚާއްސަ އިސްކަމެއް ދެއްވިއެވެ. އެގޮތުން ޖުލައި 26ގައި ހުޅުވާ އާޓާމިނަލަކީ ޑރ. މުޢިއްޒުގެ ޙާއްސަ ބެއްލެވުމުގެ ދަށުން ކުރިއަށް ގޮސް ނިންމާލާފައިވާ މުހިއްމު މަޝްރޫއެކެވެ. ރައީސް މުޢިއްޒަކީ ތަރައްގީ ގެންނަން އެނގިވަޑައިގަންނަވާ ހުށިޔާރު ފަހުލަވާނެކެވެ.


