ކުނަހަންދޫގެ ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ރަނގަޅު ހައްލެއް ހޯދައިދޭނަން: ރައީސް

ލ. ކުނަހަންދޫގެ ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ރަނގަޅު ހައްލެއް ހޯދައިދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މި ޔަގީންކަން ދެއްވީ ހައްދުންމަތީގައި މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ކުނަހަންދޫއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާއެކު މިއަދު ހަވީރު ބޭއްވެވި މަޝްވަރާ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަދެއްކެވި އާންމު ރައްޔިތުން ވަނީ ކުނަހަންދޫގައި ހުއްޓިފައި އޮތް ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް އަލުން ފައްޓަވައިދެއްވުމަށާއި މިއަދު ސޮއިކުރެއްވި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަވައި ނިންމަވައިދެއްވުމަށް ރައީސްގެ އަރިހުން އެދިވަޑައިގެންފައެވެ.

އަދި މަގުތަކުގައި ހިނގާބިނގާވެ އުޅުމަށް ހުރި ދަތިތައް ހިއްސާކުރެއްވުމުގެ އިތުރުން، ރަށު ސްކޫލުގެ މަސައްކަތް މިހާރު އެހެން ފަރާތަކާއި ޙަވާލުކުރެވިފައިވީނަމަވެސް މި މަސައްކަތް ދާގޮތް ގާތުން ބައްލަވައިދެއްވުމަށްވެސް އެދިވަޑައިގެންފައިވެއެވެ.

އެ ބައްދަލު ކުރެއްވުމުގައި ވާހަކަދައްކަވަމުން ރައީސް ވަނީ ފެންބޮޑުވުމުގެ މައްސަލައަކީ ކުނަހަންދޫއަށް ދިމާވެފައިވާ ބޮޑު މައްސަލައެއްކަން ފާހަގަކުރައްވާފައެވެ.

ނަމަވެސް މިއަދު ސޮއިކުރި މަގުހެދުމުގެ މަޝްރޫޢާއި ގުޅުވާލައިގެން އެ މައްސަލައަށް ދާއިމީ ރަނގަޅު ހައްލެއް ހޯއްދަވައިދެއްވާނެކަމުގެ ޔަގީންކަން ރައީސް ވަނީ ކުނަހަންދޫ ރައްޔިތުންނަށް ދެއްވާފައެވެ.

ކުނަހަންދޫ ރައްޔިތުން ފާހަގަކުރެއްވި ބައެއް އެހެން ކަންކަމުގެ ތެރޭގައި، ކައުންސިލް އިދާރާގެ ޖާގައިގެ ދަތިކަމާއި ޖަލްސާތައް ބޭއްވުމަށް ހޯލެއް ނެތުމުން ދިމާވާ ދަތިތަކުގެ އިތުރުން ރަށުގައި އެކަށީގެންވާ ޞިއްޙީ ފަރުވާދެވެން ނެތުމުގެ މައްސަލަ ހިމެނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މިއަދު ފެށި މަޝްރޫޢުތަކާއި ސޮއިކުރި މަޝްރޫޢުތަކުގެ މަސައްކަތް ވަރަށް ސަމާލުކަންދެއްވައިގެން، ވަރަށް އިސްކަންދެއްވައިގެން، ވަރަށް ރަނގަޅަށް ގެންގޮސް ނިންމަވައިދެއްވާނެކަމުގެ ޔަގީންކަން ކުނަހަންދޫ ރައްޔިތުންނަށް ދެއްވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *