އައްޑޫ މީދު އާއި ހުޅުދޫ އަދި ފޭދޫގައި ވަކިވަކި ރަށު ކައުންސިލްތައް އުފެއްދުމާ މެދު އެ ތިން ރަށުގެ ރައްޔިތުންގެ ފެންނަ ނުފެންނަ ގޮތް ބެލުމުގެ ވޯޓު ނެގުން ދެންމެ ފަށައިފި އެވެ.
ވޯޓުލުން ފެށުން ހެނދުނު 8 ޖަހާއިރަށް ތާވަލް ކޮށްފައިވީ ނަމަވެސް އެ ގަޑީގައި ނުކުތް މީހުންގެ އަދަދު މަދު ކަމުން ބައެއް މަރުކަޒުތަކުގައި ވޯޓުލުން ފެށުނީ ލަހުންނެވެ. ފޭދޫގައި ވެސް ވޯޓުލުން ފެށުނީ ލަހުންނެވެ. މާލޭގައި 8 ޖަހާ ބޮޑުވި އިރު ވެސް ވޯޓުލުން ނުފެށެ އެވެ.
ފޭދޫ ސްކޫލްގައި ބަހައްޓާފައިވާ ވޯޓު ފޮއްޓަށް ހޯމް މިނިސްޓަރު އިހުސާން މިއަދު ވޯޓު ލައްވަނީ.—ފޮޓޯ: ނިޝާން އަލީ| މިހާރު
މިއަދުގެ ހަވީރު ހަތަރެއް ޖަހަންދެން ނަގާ މި ވޯޓުގައި 9,576 މީހަކަށް ވޯޓުލުމުގެ ހައްގު ލިބެ އެވެ. އެއީ:
– ފޭދޫން 4,355 މީހަކަށް – ހުޅުދޫން 2،874 މީހަކަށް – މީދޫން 2,347 މީހަކަށް
ހުޅުދޫގައި ބަހައްޓާފައިވާ ފޮއްޓަށް ވޯޓުލާން މީހަކު ނަން ޗެކް ކުރަނީ.
އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ގޮތުން، މާލެ އާއި މީދު އާއި ހުޅުދޫ އަދި ފޭދޫގައި 18 ވޯޓު ފޮށި ހުންނާނެ އެވެ. އެއީ ހުޅުދޫގައި ތިން ފޮށި، މީދޫގައި ތިން ފޮށި، ފޭދޫގައި ފަސް ފޮށި އަދި މާލޭގައި ދިރިއުޅޭ އެ ތިން ރަށުގެ މީހުންނަށް ހަތް ވޯޓު ފޮއްޓެވެ.
މާލޭގައި ވޯޓު ފޮށިތައް ބަހައްޓާފައި ވަނީ ކަލާފާނު ސްކޫލްގަ އެވެ.
އައްޑޫ ސިޓީގެ ފޭދޫ، ހުޅުދޫ އަދި މީދޫ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނަގާ ޢާންމު ވޯޓު 2025 – ވޯޓުފޮށި ބަހައްޓާ ތަންތަން
އައްޑޫ ސިޓީ ކައުންސިލްގެ ދަށުން އިދާރީ ގޮތުން މީދު އާއި ހުޅުދޫ އަދި ފޭދޫ ވަކިކުރުމާ މެދު، ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ގާނޫނުގެ ދަށުން ފުރަތަމަ ފަހަރަށް ބާއްވާ ރިފަރެންޑަމްގެ ވޯޓު ގުނައި ނިމުމާ އެކު، އެ ފޮޓެއްގެ ކައިރީގައި ވަގުތީ ނަތީޖާ އިއުލާން ކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.
ހުރިހާ ފޮޓެއްގެ ވޯޓު ގުނައި ވަގުތީ ނަތީޖާ އިއުލާން ކުރާނީ ވެސް އައްޑޫގަ އެވެ. އަދި ދާއިމީ ނަތީޖާ މާދަމާ އިއުލާން ކުރާނެ އެވެ.


