މަންމާފުޅު އަވަހާރަވުމާ ގުޅިގެން ތައިލެންޑުގެ ރަސްގެފާނަށް ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ

ތައިލެންޑުގެ ރަސްގެފާނު ހިޒް މެޖަސްޓީ ކިންގް މަހާ ވާޗީރާލޯންގްކޯން ޕްރާ ވާޗީރާކްލާއޯޗާއުޔޫހުއޯގެ މަންމާފުޅު، ހަރ މެޖަސްޓީ ކުއީން ސިރިކީޓް (ދަ ކުއީން މަދަރ އޮފް ތައިލޭންޑް) އަވަހާރަވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އެ ޤައުމުގެ ރަސްގެފާނަށް ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

ތައިލެންޑުގެ ރަސްގެފާނަށް ރައީސް މުޢިއްޒު ފޮނުއްވި ތަޢުޒިޔާގެ މެސެޖުގައި، ހަރ މެޖަސްޓީ ކުއީން ސިރިކީޓް އަވަހާރަވި ޚަބަރު އަޑުއެއްސެވީ ފުން ހިތާމައާއެކުކަމުގައި ވިދާޅުވިއެވެ. އަދި އެކަމަނާގެ މުޅި ޙަޔާތްޕުޅުގައި ޤައުމަށް ކޮށްދެއްވި އިޚްލާސްތެރި ޚިދުމަތްތަކާއި، އިޖްތިމާޢީ އެކިއެކި ހަރަކާތްތަކުގައި މުޖްތަމަޢުގެ ލާބައަށްޓަކައިކޮށްދެއްވި މަސައްކަތްޕުޅުތަކުގެ ހަނދާންތައް އަބަދުމެ ދެމިހުންނާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރަސްގެފާނުގެ މަންމާފުޅު އަވަހާރަވުމާ ގުޅިގެން އެ ޤައުމަށް ކުރިމަތިވި ޤައުމީ ހިތާމައިގެ މި ދަނޑިވަޅުގައި، ދިވެހި ސަރުކާރާއި، ރައްޔިތުންނާއި އަދި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، ތައިލޭންޑުގެ ޝާހީ ޢާއިލާއަށާއި، އެޤައުމުގެ ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ހަމްދަރުދީ ފޮނުއްވާފައިވެއެވެ.

ރާނީ ސިރިކީޓްގެ ގަނޑުވަރުކޮޅުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެކަމަނާގެ ހާލުކޮޅު އިއްޔެ ދެރަވެގެން ޗުލަލޯންގްކޯން ހޮސްޕިޓަލުގައި ފަރުވާ ދޭން ފެށިކަމަށާއި އަވަހާރަވީ މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށެވެ.

ރިޕޯޓުތަކުން ބުނާ ގޮތުގައި މިމަހުގެ 17 ވަނަ ދުވަހުން ފެށިގެން ރާނީ ސިރިކީޓަށް ވަނީ ލޭގެ އިންފެކްޝަން ޖެހިފައެވެ. އަދި އެކަމަނާގެ ސިއްހީ ތަޖުރިބާކާރުންގެ ބުރަ މަސައްކަތާއެކު ވެސް ހާލުކޮޅު ރަނގަޅު ނުވާކަމުގައި ވެސް ބުނެފައިވެއެވެ.

ރާނީ ސިރިކީޓްގެ ކުރިން ތައިލެންޑުގެ ރަސްކަމުގައި ހުންނެވީ އެކަމަނާގެ ފިރިކަލުން ރަސްގެފާނު ބުމިބޯލް އަދުލްޔަދޭޖް އެވެ.

ރަސްގެފާނު ބުމިބޯލް އަވަހާރަވީ ތައިލެންޑުގައި ދިގު މުއްދަތަކަށް ރަސްކަން ކުރެއްވުމަށްފަހު 2016 ވަނަ އަހަރުގައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *