އެމެރިކާއިން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 50،000 (ބައިލައްކަ) އަށް އަރާފައެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން، އެމެރިކާއަކީ މިވަގުތު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ 7 ވަނަ ޤައުމެވެ.
މިނިސްޓްރީން ބުނިގޮތުގައި މިމަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޖުމްލަ 1,763,319 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއަދަދުތައް ދައްކާގޮތުން މިއީ މިދިޔަ އަހަރުގެ މިމުއްދަތާ އަޅާ ބަލާއިރު %10 ގެ ކުރިއެރުމެކެވެ. އެމެރިކާއިން މިހާރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދު 51,021 އަށް އަރާފައިވާއިރު، މިއީ ރާއްޖެއަށް އައި ޖުމްލަ ފަތުރުވެރިންގެ %2.9 އެވެ.
މިމުއްދަތުގެ ތެރޭގައި ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓުގެ އެންމެ ކުރީގައި އޮތީ ޗައިނާއެވެ. އެގޮތުން ޗައިނާއިން 287,274 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، ދެވަނަ އާއި ތިންވަނައިގައި އޮތީ ރަޝިޔާ (216,621) އާއި އިނގިރޭސިވިލާތް (155,136) އެވެ. އަދި ޖަރުމަނުވިލާތުން 129,477 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އިޓަލީވިލާތުން 117,614 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.
މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކުރީ ރިސޯޓުތަކުގައެވެ. އެއީ ޖުމްލަ ފަތުރުވެރިންގެ %73.7 އެވެ.
ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން (%21.5) ޗުއްޓީ ހޭދަކޮށްފައިވަނީ ގެސްޓްހައުސް ތަކުގައެވެ.
ސަރުކާރުން މިއަހަރުގެ ނިޔަލަށް ރާއްޖެއަށް 2.3 މިލިޔަން ފަތުރުވެރިން ގެނައުމަށް އަމާޒު ހިފާފައިވާއިރު، މިހާތަނަށް 1.7 މިލިޔަން ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. އަމާޒު ހާސިލްކުރުމަށް ދެން ބޭނުންވަނީ 600,00 ފަތުރުވެރިންނެވެ.
އެވްރެޖްކޮށް މިހާރު ރާއްޖެއަށް ދުވާލެއްގެ މައްޗަށް 6000 އަށްވުރެ ގިނަ ފަތުރުވެރިން އާދެއެވެ.


