ސައިބާ ކްރައިމްތައް ހުއްޓުވުމަށް މަސައްކަތްކުރާ އދ.ގެ މުއާހަދާ (ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އެގެއިންސްޓް ސައިބާކްރައިމް) ރާއްޖެއިން ބައިވެރިވެއްޖެއެވެ.
އެ މުއާހަދާގައި ރާއްޖެއިން ސޮއިކޮށްފައިމިވަނީ ވިއެޓްނާމުގައި މިހާރު ކުރިއަށްދާ ޔޫއެން ކޮންވެންޝަން އެގެއިންޓް ސައިބާ ކްރައިމްގެ ހައި ލެވެލް އޯޕެނިން ބައްދަލުވުމުގެ ތެރެއިންނެވެ. ރާއްޖޭގެ ފަރާތުން މި މުއާހަދާގައި ސޮއިކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލެވެ.
އެ މުއާހަދާގައި ރާއްޖެއިން ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފައިވަނީ މިމަހުގެ 15 ވަނަ ދުވަހުގައެވެ.
ހަލީލް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދިވެހި ސަރުކާރުގެ ފަރާތުން އޭނާ ވަނީ ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އެގެއިންސްޓް ސައިބާކްރައިމް މުއާހަދާގައި ސޮއިކޮށްފައި ކަމަށެވެ.
ހަލީލު ވިދާޅުވީ ރާއްޖެއިން އެ މުއާހަދާގައި ބައިވެރިވުމަކީ ރައްކާތެރި ޑިޖިޓަލް މުސްތަގުބަލެއް ހޯދުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. ހަލީލު ވިދާޅުވީ ރާއްޖެފަދަ ތަރައްގީވަމުން އަންނަ ގައުމުތަކަކީ ސައިބާ ކްރައިމްގެ ޝިކާރައަކަށް ފަސޭހައިން ވެވިދާނެ ގައުމުތަކެއް ކަމަށާއި ސަބަބަކީ ސައިބް ކްރައިމްތަކުން ރައްކާތެރިވުމަށް ބޭނުންވާ ވަސީލްތައް އެހާވަރަށް ނެތުން ކަމަށެވެ.
ނަމަވެސް އެފަދަ ނުރައްކާތަކުގެ ސަބަބުން ސައިބާ ކްރައިމުގެ ނުރައްކަލުން އަރައިގަތުމަށް ކުރާ މަސައްކަތުގެ ހިތްވަރަށް ބަދަލެއް ނާާންނާނެކަމަށް ހަލީލު ވިދާޅުވިއެވެ.
އެ މުއާހަދާގައި ސޮއިކޮށް، ސައިބާ ކްރައިމްތަކާ ދެކޮޅަށް ބައިނަލްއަގުވާމީ މުޖުތަމައާ ގުޅިގެން ރާއްޖެއިން މަސައްކަތް ކުރާނެކަމަށް ހަލީލު ވިދާޅުވިއެވެ.


