އައިޖީއެމްއެޗް އާއި ދަރުމަވަންތަ ހޮސްޕިޓަލުގައި ލޮލުގެ ވިޓްރިއޯރެޓިނަލް ސަރޖަރީގެ ޚިދުމަތް ފަށައިފި

މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުން ހިންގާ އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އަދި ދަރުމަވަންތަ ހޮސްޕިޓަލުގައި ލޮލުގެ ފަރުވާއަށް ޚާއްސަ ވިޓްރިއޯރެޓިނަލް ސަރޖަރީގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ.

މި ޚިދުމަތް ފެށިފައިވަނީ ކޮންސަލްޓަންޓް ސަބްސްޕެޝަލިސްޓް އިން ވިޓްރިއޯރެޓިނަލް ސަރޖަރީގެ ތަޖުރިބާ ހުރި ޑޮކްޓަރ މުހައްމަދު އައްޒާމްގެ އިރުޝާދުގެ ދަށުންނެވެ.

ވިޓްރިއޯރެޓިނަލް ސަރޖަރީއަކީ ލޮލުގެ ފަރުވާގެ ތެރެއިން އެންމެ ޚާއްސަ އަދި އެންމެ ނާޒުކު ބަޔެކެވެ.

މި ސަރޖަރީގައި އަމާޒުކުރެވެނީ ލޮލުގެ ފަހަތުގައިވާ އަލި އިހުސާސްކުރާ ފަށަލަ ނުވަތަ ރެޓިނާ އާއި، ލޯފުރާފައިވާ ސާފު ޖެލް ނުވަތަ ވިޓްރިއަސް ހިއުމަރ ގައި ދިމާވާ ސީރިއަސް މައްސަލަތައް ހައްލުކުރުމަށެވެ.

މީގެ ތެރޭގައި ރެޓިނާ ވަކިވުން (Retinal Detachment) އަދި ޑައިބެޓީސްއާ ގުޅުންހުރި ލޮލުގެ ނުރައްކާތެރި ބަލިތަކަށް ފަރުވާ ދިނުން ހިމެނެއެވެ.

އައިޖީއެމްއެޗް އަދި ދަރުމަވަންތަ ހޮސްޕިޓަލުގެ އޮފްތަލްމޮލޮޖީ ޑިޕާޓްމަންޓުން މި ޚިދުމަތް ފެށުމާއި ގުޅިގެން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވީ، މިއީ ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި ކުރި ބުރަ މަސައްކަތުގެ ނަތީޖާއެއް ކަމަށެވެ. އަދި މީގެ ސަބަބުން މިހާރު ރާއްޖެއިން ބޭރުން ލިބެން ހުންނަ ފެންވަރުގެ ފަރުވާ ރާއްޖޭގައި ތިބެގެން ރައްޔިތުންނަށް ލިބިގެންދާނެ ކަމަށެވެ.

ސީއީއޯ ވިދާޅުވި ގޮތުގައި، ކުރިން މިފަދަ ބޮޑެތި އޮޕަރޭޝަންތައް ކުރުމަށް ރާއްޖެއިން ބޭރަށް ދާންޖެހޭތީ ދިމާވާ ދަތިތަކަށް މިކަމުގެ ސަބަބުން ހައްލެއް ލިބިގެންދާނެއެވެ.

ސީއީއޯ ވަނީ މި ކާމިޔާބީ ހާސިލުކޮށްދެއްވުމުގައި އިސްދައުރެއް އަދާކުރެއްވި އޮފްތަލްމޮލޮޖީ ޓީމުގެ ހިންގުންތެރި މަސައްކަތަށް ޝުކުރު ދަންނަވާފައެވެ.

މި ކާމިޔާބީ ހަޤީޤަތަކަށް ހެއްދެވުމުގައި އެހީތެރިވެދެއްވި ޑޮކްޓަރ އައްޒާމަށާއި، އޮފްތަލްމޮލޮޖީ ޓީމަށް ނިހާޔަތަށް ޝުކުރު ދަންނަވަން.“ ސީއީއޯ ވިދާޅުވިއެވެ.

މި ކާމިޔާބީ ހާސިލުކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި ކޮންސަލްޓަންޓް ޑޮކްޓަރ މުހައްމަދު އައްޒާމަކީ، މި ދާއިރާގައި ގިނަގުނަ ތަޖުރިބާ ހުރި ބޭފުޅެކެވެ. އޭނާގެ އިރުޝާދުގެ ދަށުން، މިހާރު ލޮލުގެ ފަރުވާދޭ ޓީމަށް ސަބްސްޕެޝަލައިޒްޑް އޮޕަރޭޝަންތައް ކުރުމުގެ ޤާބިލްކަން ލިބިފައިވާކަމަށާއި، މިކަމަކީ ރާއްޖޭގެ ޞިއްޙީ ދާއިރާގެ ޤާބިލިއްޔަތު އިތުރުކޮށްދޭނެ ކަމެއްކަމަށް އައިޖީއެމްއެޗުން ވިދާޅުވެއެވެ.

އަދި މި ހިދުމަތް ފެށުމާއެކު ހޮސްޕިޓަލުން ދޭ ޚިދުމަތްތަކުގެ ފެންވަރު އިތުރަށް ރަނގަޅުވެގެންދާނެކަމަށްވެސް އެ ހޮސްޕިޓަލުން ފާހަގަކުރެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *