2 އަހަރު ދުވަސް ތެރޭގައި މިހާގިނަ ތަރައްގީގެ މަޝްރޫއު ކުރިއަށްގެންދިޔަ ވެރިކަމެއް އަދި ނާދޭ: ޢަބްދުއްރަޙީމް

2 އަހަރު ދުވަސް ތެރޭގައި މިހާގިނަ ތަރައްގީގެ މަޝްރޫއު ކުރިއަށްގެންދިޔަ އެހެން ވެރިކަމެއް މިހާތަނަށް ދިވެހިރާއްޖޭގެ ތާރީޚުގައި ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ރޭ ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ލ. އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިރޭ ފޮނަދޫ ރައްޔިތުންނާއި ބައްދަލުކުރައްވަން ބޭއްވި ޖަލްސާގައި ވާހަކަފުުޅުދައްކަވަމުން ޢަބްދުއްރަޙީމް ވިދާޅުވި ގޮތުގައި ރައީސް މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ޤައުމު އޮތް ހާލަތު އެނގޭތީ، އެކަން ވަޒަންކުރެވޭތީ، ސަރުކާރުގެ މަސައްކަތްތައް ލަސްވުމަކުން އެއްވެސް ޝަކުވާއެއް ނުވަތަ ކަންބޮޑުވުމެއް ނެތެވެ.

”ވާދަވެރިން ތިބީ ވަރަށް ފޯރިއާއެކު ޤައުމު ބަނގުރޫޓުވެގެން ހިނގައިދާނެ ކަމަށް އަތްޖަހަން ތައްޔާރަށް. އެހެންނަމަވެސް ރައީސްގެ ޙިކުމަތްތެރިކަމާއި ވިސްނުންތެރިކަމާއެކު މަޑުމަޑުން ކަންކަމަށް އިސްކަންދެއްވަމުން ކުރިއަށް ވަޑައިގެން، މިހާރު ތަރައްޤީގެ މަޝްރޫޢުތައް ވަނީ މެކުހަށް ޖަހާފައި.“ ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

އަދި ރައީސް މުޢިއްޒުގެ ސަރުކާރު ހިންގުމަށް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ބޭނުންވާ އެއްވެސް ކަމެއްގައި ފަސްޖެހުމެއް ނޯންނާނެ ކަމަށާއި، މަޖިލީހުގެ މެންބަރުން ތިބީ ރައްޔިތުންގެ އުއްމީދުތައް ހާސިލުކޮށްދިނުމަށް ތައްޔާރަށް ކަމަށް ވެސް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

”ރައީސް ފޮނުއްވާ ކޮންމެ ބިލަކީ ޤައުމާއި ރައްޔިތުންނަށް އޭގެ ލާބަޔާއި މަންފާ ލިބޭނެ ބިލެއްކަން އަޅުގަނޑުމެންނަށް ޔަޤީން. އެހެންވީމާ އެ ބިލެއް ފާސްކުރުމުގައި މަޑުޖެހުމެއް ނޯންނާނެ. ރައްޔިތުންގެ އަޣުލަބިއްޔަތު އޮތީ ރައީސް މުޢިއްޒާ އެކީގައި،“ ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް އިތުރަށް ވިދާޅުވީ، ރައީސަށް އަރުވާނެ ޔަގީން ކަމަކީ، ފޮނަދޫގެ ރައްޔިތުން މިތިބީ ރައީސްއާ އެކީގައި ކުރިއަށްދާން ތައްޔާރަށް ކަަމަށެވެ.

އަދި ފޮނަދޫގެ ރައްޔިތުންނަކީ ވާނުވާ ބަލައިގެން ކުރިއަށްދާ ބައެއް ކަމަށާއި، ކަން ހިނގާ މަގު ދަނެގެން ގޮތް ނިންމާ ބައެއް ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *