ބޮޑުތަކުރުފާނު މަގުގައި ތާރު އަޅަން ފަށާތީ ބައެއް މަގުތައް ބަންދު ކުރަން ނިންމައިފި

ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތް ހަތަރު ލޭނަށް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ތާރު އަޅަން ފަށާތީ، އޮކްޓޫބަރު 25 ވަނަ ދުވަހުން ފެށިގެން އެ ސަރަހައްދުގެ ބައެއް މަގުތައް އާންމު ޓްރެފިކަށް ބަންދުކުރަން ނިންމާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

އެމްޓީސީސީއާ ހަވާލުކޮށްގެން ކުރަމުންދާ މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށިފައިވަނީ އޮގަސްޓް 22 ވަނަ ދުވަހުއެވެ. ތިން ސެގްމަންޓަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަސައްކަތުގެ ދަށުން 830 މީޓަރުގެ މަގެއް ހެދުމާއެކު، 737 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލް މަސައްކަތް ކުރެވޭނެއެވެ.

މީގެ އިތުރުން، ތާރު އެޅުމާއި ސަބްބޭސް ތައްޔާރުކުރުމުގެ މަސައްކަތްތަކާއެކު، ހިނގާ މީހުންނަށް ވަކި ލޭނެއް ގާއިމުކުރުމާއި ފެން ހިންދާ ނިޒާމެއްވެސް ގާއިމުކުރެވޭނެއެވެ.

ފުލުހުން އާންމުކުރި ޗާޓުގައިވާ ގޮތުން، ބަންދުކުރެވޭ ސަރަހައްދުތަކުގެ ތެރޭގައި ބޮޑުތަކުރުފާނު މަގުގެ ތާރު އަޅާ ސަރަހައްދާއި، ޖުމްހޫރީ ހިނގުމުގެ ބައެއް، ޗާންދަނީ މަގުގެ ބައެއް، އިބްރާހިމް ހަސަން ދީދީ މަގުގެ ބައެއް، އަދި މުހައްމަދު އިސްމާއީލް ދީދީ ގޯޅި އާއި ކަނޑިދޮން މަނިކު ގޯޅި ހިމެނެއެވެ.

މި މަޝްރޫއުގެ ދަށުން ހުޅުމާލެ ފެރީ ޓާމިނަލުން ފެށިގެން ލޯކަލް މާރުކޭޓާ ހަމައަށް 830 މީޓަރުގެ މަގު ހެދުމުގެ މަސައްކަތް ކުރެވޭނެއެވެ.

މީގެ އިތުރުން ދުވާރުތައް ހެދުމާއި، ފެން ހިންދާ ނިޒާމް ގާއިމުކުރުމާއެކު، ރޯޑް މާކިންގ އަދި ސައިން ބޯޑުތައްވެސް ހަރުކުރެވޭނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *