ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ ޝަހީދު އަލީ ސްކޫލަށް ދަރިވަރުން ވެއްދުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ހުޅުވާލައިފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ، އަންނަ އަހަރުގެ ދިރާސީ އަހަރުގައި ކިޔެވުމަށް ހުޅުވުމަށް ތައްޔާރުވަމުންދާ މި ސްކޫލަށް ގްރޭޑް 2 އިން 10 އަށް ދަރިވަރުން ވެއްދުމަށް ފުރުޞަތު ހުޅުވާލާފައިވާ ކަމަށެވެ.
މިގޮތުން ދަރިވަރުން މިހާރު ކިޔަވަމުންދާ ސްކޫލް މެދުވެރިކޮށް މި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ފޯމު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރާ މި ސްކޫލްގެ މަސައްކަތް މި އަހަރުގެ ނޮވެމްބަރު މަހަށް ނިންމައި، 2024 ވަނަ އަހަރުގެ ޖެނުއަރީ މަހު ފެށޭ އައު ދިރާސީ އަހަރާއެކު ކިޔަވައިދިނުމުގެ މަސައްކަތް ފެށުމަށް ވަނީ ހަމަޖެހިފައެވެ.
މި ސްކޫލަކީ އެއްފަހަރާ 1500 ދަރިވަރުންނަށް ޖާގަ ލިބޭނެ ސްކޫލެއް ނަމަވެސް، ދެ ދަންފަޅިއަށް ކިޔަވައިދޭއިރު 2000 އާއި 2500 އާ ދެމެދުގެ އަދަދަކަށް ދަރިވަރުންނަށް ޖާގަ ލިބޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
ޝަހީދު އަލީ ސްކޫލްގައި 54 އޭސީ ކްލާސްރޫމާއި، މަލްޓިޕާޕަސް ހޯލެއް އަދި ޓާފް ދަނޑެއްގެ އިތުރުން ޒަމާނީ ވަސީލަތްތައް ޤާއިމްކުރެވިގެންދާނެއެވެ. މި ސްކޫލްގެ މަސައްކަތް ކޮންޓްރެކްޓަރ ފައިނޭންސިންގ އުސޫލުން ކުރިއަށް ގެންދަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (އާރު.ސީ.ސީ) އިންނެވެ.