މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ފަށައި، ރައީސްގެ ވައުދު ފުއްދަވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުވެވަޑައިގެންނެވި ގޮތަށް ރާޢްޖޭގެ ހުރިހާ ރަށެއްގައި ޤާއިމްވެ ތިބެ ފުލުހުން ޚިިދުމަތް ދޭން ފަށައިފިއެވެ.

ހުރިހާ ރަށެއްގައި ފުލުހުން ތިބެގެން ޚިދުމަތް ދޭން ފެށިކަން ރައީސް އިޢުލާންކުރެއްވީ މިރޭ ލ. ގަމުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

ރައީސް ވިދާޅުވި ގޮތުގައި، ސަރުކާރު ހަވާލުވިއިރު 66 ރަށުގައި ފުލުހުންގެ ޚިދުމަތް އެއްވެސް ވަރަކަށް ލިބެން ނެތެވެ. މިފަދަ ރަށްރަށަށް ފުލުހުންގެ ޚިދުމަތް ބޭނުންވާ ހާލަތްތަކުގައި، ކައިރި ރަށްރަށުން ފުލުހުންގެ ޓީމްތައް ފޮނުވަން ޖެހުނެވެ.

ސަރުކާރު ހަވާލުވިއިރު އަމިއްލަ އިމާރާތެއްގައި ފުލުހުންގެ ޚިދުމަތް ދެމުން ދިޔައީ އެންމެ 17 ރަށުގައި ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. މިހާރު 63 ރަށެއްގައި ފުލުހުންގެ މަރުކަޒުތައް އެޅުމުގެ މަސައްކަތް ކުރިއަށްދާއިރު، އިތުރު 36 ރަށެއްގައި މަސައްކަތް ފެށުމަށް ވަނީ ތައްޔާރުވެފައެވެ.

ރައީސް އިތުރަށް ވިދާޅުވި ގޮތުގައި، މި މަހުގެ ތެރޭގައި އިތުރު 39 ރަށުގައި ފުލުހުންގެ މަރުކަޒުތައް ތަރައްޤީކުރުމުގެ މަސައްކަތް ހަވާލުކުރެވޭނެއެވެ. މިއާއެކު ޖުމްލަ 138 ރަށުގައި ފުލުހުންގެ އިމާރާތްތައް އެޅުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ.

އަދި މި ދައުރު ނިމޭއިރު މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ އަމިއްލަ އިމާރާތުން ޚިދުމަތް ދިނުމަކީ ސަރުކާރުގެ އަމާޒެއް ކަމުގައި ރައީސް ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *