ކުރިއަށްއޮތް ދިހަ ދުވަހުގެ ތެރޭގައި ކުރީ ސަރުކާރުން އެކިއެކި ފަރާތްތަކަށް ނުދައްކާ ހުރި ބިލުތަކަށް 2.3 ބިލިއަން ރުފިޔާ ދައްކަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ލ. އަތޮޅުގެ ރަށްތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ލ. ގަމުގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ކުރިއަށްއޮތް ދިހަ ދުވަހުގެ ތެރޭގައި އެ ހުރިހާ ބިލުތަކަށް ފައިސާ ދައްކައި ނިންމޭނެ ކަމަށެވެ.
"އެއީ ގާތްގަނޑަކަށް އެއީ ގާތްގަނޑަކަށް 2300 މިލިއަން ރުފިޔާ، 2.3 ބިލިއަން ރުފިޔާ ދިވެހި ރައްޔިތުންނަށް އަޅުގަނޑުމެން ކުރިއަށް އޮތް ދިހަ ވަރަކަށް ދުވަސްތެރޭގައި އެބަ ދެން،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ހަމަ އެގޮތަށް ކުރިއަށް އޮތް ދިހަ ވަރަކަށް ދުވަސް ތެރޭގައި ޕްރައިވެޓް އެތައް ކުންފުންޏަކާއި ކޮންސްޓްރަކްޝަން އިންޑަސްޓްރީގައި މަސައްކަތް ކުރާ ޕްރައިވެޓް އެތައް ކުންފުންޏަކާ ސަރުކާރުގެ އެތައް މަޝްރޫއެއް ގާނޫނާއި ގަވާއިދުގެ ތެރެއިން ހަވާލުކުރާނެ ކަމަށެވެ.
އޭގެ ސަބަބުން ވެސް އެތައް އެތައް ކުންފުންޏަކަށް ފައިސާ ލިބޭނެ ގޮތް ހަމަޖެހިގެން ދިޔައީމާ އެތައް އާންމު ރައްޔިތުންނަކަށް، އެތައް އާއިލާތަކަކަށް އޭގެ ސަބަބުން މުއްސަނދިކަމާއި ތަނަވަސްކަން ލިބިގެންދާނެ ކަމަށާއި އިގުތިސާދު ފުޅާވެ ކުރިއަރައިގެންދާނެ ކަމަށެވެ.