ވަގަށް އެތެރެކުރުމުން ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި ދެ ކޮންޓެއިނަރުގެ ސިނގިރޭޓު، އެމްޕީއެލް ބަނދަރުގައި ބަހައްޓާފައި ހުއްޓާ ގެއްލުނު މައްސަލައިގެ ތަހުގީގުގެ ތެރެއިން، ވަގަށް ނެގި ދެ ކޮންޓެއިނަރުގެ ބައިތައް ތިލަފުށިން ހޯދާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މީޑިއާއާ ހިއްސާކުރި މެސެޖެއްގައި ބުނީ، އެ ދެ ކޮންޓެއިނަރުގެ ބައިތައް ފެނުނީ، މިދިޔަ އާދިއްތަ ދުވަހު ތިލަފުށީގެ ތަންތަން ބަލައިފާސްކުރުމަށް ހިންގި އޮޕަރޭޝަންގެ ތެރެއިން ކަމަށެވެ.
ފުލުހުން ބުނި ގޮތުގައި، އެ މައްސަލައާ ގުޅިގެން ރޭ ވަނީ 52 އަހަރުގެ ދިވެހި ފިރިހެނަކުވެސް ހައްޔަރުކޮށްފައެވެ. ނަމަވެސް އެ މީހާއާ އެ މައްސަލައާ އޮތީ ސީދާ ކޮން ގުޅުމެއް ކަމެއް ފުލުހުން ނުބުނެއެވެ.
ސިނގިރޭޓް ވައްކަމާ ގުޅިގެން މިހާތަނަށް 12 މީހަކު ފުރުން މަނާކޮށް، މައްސަލައާ ގުޅިގެން، އެކަން ރާވައި ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވި ކަމަށް ތުހުމަތުކުރެވޭ ހަތަރު މީހަކު ވަނީ ކުރިން ހައްޔަރުކޮށްފައެވެ.
މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކުރި ހަަތަރު މީހުން:
- އަހުމަދު އާރިފް (61އ)، މއ. އެވާގްލޯރީ
- މުހައްމަދު ވަހީދު (65އ)، ދިގަލި، ބ. އޭދަފުށި
- މުއާޒް އަލީ (48އ)، ހ. ނިއު ހެޕިނަސް
- ޒިވާރް އިސްމާއިލް (40އ)، މެދުރީގެ، ހދ. ވައިކަރަދޫ
އޭގެ ތެރެއިން އާރިފަކީ ލޮޓަސްގެ ވެރިޔާ އެވެ. ދިގަލި ވަހީދަކީ އެޕޯލޯގެ ވެރިޔާ އެވެ. ޒިވާރަކީ ކަސްޓަމްސްގެ ސީނިއާ އޮފިސަރެއްގެ ގޮތުގައި މަސައްކަތްކުރާ މުވައްޒަފަކަށްވާ އިރު، މުއާޒަކީ ކަސްޓަމްސްގެ ކުރީގެ ސީނިއާ ސުޕްރިންޓެންޑެންޓް އެވެ.
އެ މީހުންގެ ތެރެއިން ދިގަލި ވަހީދުގެ ބަންދަށް ދިހަ ދުވަސް ޖަހައިފައިވާއިރު އާރިފާއި ޒިވާރުގެ ބަންދަށް ޖެހީ 15 ދުވަހެވެ. މުއާޒްގެ ބަންދަށް ފަސް ދުވަސް ޖެހިއިރު، އެ މުއްދަތު ހަމަވުމުން އޭނާގެ ބަންދުވެސް ވަނީ ދިހަ ދުވަހަށް އިތުރުކޮށްފައެވެ