ތުނޑި އަވަށުގެ އަލަށް އާބާދުވި ސަރަހައްދުގައި ނަރުދަމާ ނިޒާމުގެ މަސައްކަތް އެމްޑަބްލިޔުއެސްސީން ފަށައިފި

މޯލްޑިވްސް ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން ލ.ގަން، ތުނޑި އަވަށުގައި އަލަށް އާބާދުވި ސަރަހައްދުގެ އައު ނަރުދަމާ ނިޒާމުގެ ޤާއިމްކުރުމުގެ އަމަލީ މަސައްކަތްތައް ފަށައިފިއެވެ.

މިމަސައްކަތް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

މިމަޝްރޫޢުގެ މަސައްކަތްތައް ފައްޓަވާދެއްވާފައިވަނީ، އެކަމަށްޓަކައި ގަމުގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުﷲ މުއްޠަލިބް އާއި ލ.ގަމު ދާއިރާގެ މެންބަރު އަލްފާޟިލް ޔޫސުފް ނަޝީދު އާއި އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރ އަލްފާޟިލް އަބްދުލް މަތީން މުޙައްމަދު އަދި ގަމު ކައުންސިލްގެ ރައީސް  އަލްފާޟިލް އަޙްމަދު ޒަކީއެވެ. މި ރަސްމިއްޔާތުގައި ދައުލަތުގެ ވަޒީރުންނާއި، އެމްޑަބްލިޔުއެސްސީގެ މެނޭޖްމަންޓްގެ އިސް ބޭފުޅުންގެ އިތުރުން، ރަށުގެ ރައްޔިތުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ގަން، ތުނޑި އަވަށުގައި އަލަށް އާބާދުވި ސަރަހައްދުގެ ނަރުދަމާ ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތްތަކުގެ ތެރޭގައި، ނަރުދަމާގެ މައި ނެޓްވޯރކް ޤާއިމްކުރުމާއި، ޕަންޕިން ލައިން އާއި ސީ އައުޓް ފޯލް އެޅުމާއި، ޕަންޕް ސްޓޭޝަން އަދި ވޭލް ޗެމްބަރގެ މަސައްކަތްތައް ހިމެނެއެވެ. އަދި ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާ ކަނެކްޝަން ގުޅައިދީ މިގެތަކަށް ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދެވިގެން ދާނެ ކަމުގައި ފެން ކުންފުނިން ބުނެފައިވެއެވެ.

އެ ސަރަހައްދުގެ ނަރުދަމާގެ މަޝްރޫޢުއަކީ މިނިސްޓްރީ އޮފް ކޮންސްޓަރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޑަބްލިޔުއެސްސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.

މިމަޝްރޫޢުގެ ޖުމްލަ އަގަކީ 36.53 މިލިއަން ދިވެހި ރުފިޔާއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *